ޔޫޓިއުބްގައި މަޝްހޫރުކަން ހޯދާފައިވާ، މުއްސަންޖެއް ކަމަށްވާ ކޯބީ ޕާސިން، ރެސްޓޯރަންޓްތަކުގައި ވެއިޓަރުން ފަގީރުންނާ މެދު އަމަލުތައް ބަހައްޓާ ގޮތް ބޭޒާރުކޮށްލައިފި އެވެ.

ނިއު ޔޯކްގައި އުޅޭ، އުމުރުން 23 އަހަރުގެ ކޯބީ މިކަން ކޮށްފައި ވަނީ ފަގީރެއް ގޮތަށް ހެދުން އަޅައިގެން އެމެރިކާގެ ފްލޮރިޑާގެ ރެސްޓޯރަންޓެއްގަ އެވެ. ކޯބީ އަށް ރެސްޓޯރަންޓުން ދިމާވާ ހުރިހާ ކަމެއް އޭނާ ވަނީ ވީޑިއޯކޮށް ޔޫޓިއުބުގައި ހިއްސާ ކޮށްފަ އެވެ.

އޭނާ ރެސްޓޯރަންޓަށް ވަނުމާއެކު ހޯސްޓްކުރާ މީހާ އާދެ އެވެ. އެއާ އެކު ހާލު އަހުވާލު އަހާލުމަށް ފަހު އޭނާ އާއި އޭނާގެ އެކުވެރިޔާ ރޮނާލްޑޯ އަށް މޭޒެއް ބޭނުންކަމަށް ކޯބީ ބުންޏެވެ. އެއީ މެނޫ ބަލައިލަން ޖެހިދާނެތީ ކަމަށް ކޯބީ ބުންޏެވެ.

ނަމަވެސް ރެސްޓޯރަންޓުން ކޯބީއާ ވާހަކަ ދެއްކި މީހާ މޭޒެއް ދޭން އެއްބަހެއް ނުވި އެވެ. އޭނާ ބުނީ އެ ރެސްޓޯރަންޓަކީ ކޯބީ އަށް ކެވޭ ވަރަށް ވުރެ މާ އަގުބޮޑު ތަނެއްހެން ހީވާތީ އޭނާއަށް މޭޒެއް ދެވެން ނެތް ކަމަށެވެ.

ނަމަވެސް ކޯބީ އެދެނީ އޭނާއަށް ކާނާ ގަނެވޭ ވަރުގެ އަގުތަކެއްތޯ ބަލައިލަން މެނޫ ދިނުމަށެވެ. ނަމަވެސް ރެސްޓޯރަންޓްގެ ހޯސްޓް ކޯބީ އަށް މެނޫ ދައްކަން ވެސް ބޭނުމެއް ނުވި އެވެ.

"މިތަނުން ކަލެޔަށް ކާން ދެވޭކަށް ނެތް. މިއަދު ތިކަން ވާކަން ނެތް. ވަރަށް ބޮޑަށް މާފުކުރޭ،" ހޯސްޓް ބުންޏެވެ.

ދެން ކޯބީ މަސައްކަތް ކުރީ އޭނާގެ އަތުގައި ފައިސާ އެބަހުރިކަން އެމީހާއަށް ވިސްނައިދޭށެވެ. ނަމަވެސް އެމީހާ ކޯބީ އެތަނުން ނުކުންނަން އެންގި އެވެ. އަދި މެކް ޑޮނަލްޑްސް އަށް ގޮސް ކާށޭ އެ މީހާ ބުންޏެވެ.

އެހިސާބުން ކޯބީ އޭނާގެ ޑްރައިވަރަށް ގޮވައިގެން ގެނުވި އެވެ. ކޯބީގެ ޑްރައިވަރު އެ ރެސްޓޯރަންޓަށް އައީ ރޯލްސް ރޮއިސް ކާރެއްގަ އެވެ. އޭނާގެ އަތުގައި ސޫޓްކޭހެއް ފުރެންދެން ފައިސާ ހުއްޓެވެ.

"އަހަރެން ބުނީމެއް އަހަރެންގެ އަތުގައި ފައިސާ އެބަހުއްޓޭ. މީހުން ހެދުން އަޅާފައި ހުންނަ ގޮތަށް ބަލާފައި ކަލޭމެން ކީއްކުރަން މީހުން ޖަޖްކުރަނީ. އަހަންނަށް ކަލޭ ތިހިރަ ތަނުގެ ބިންކޮޅަށް ދަންދެން ވެސް ގަނެލެވިދާނެ. ކަލޭ ނަސީބު ގަދައީ،" ފައިސާތައް ދައްކަމުން ކޯބީ ބުންޏެވެ.

ކޯބީ އަކީ ހަގީގަތުގައި ވަރަށް މުއްސަނދި މީހެއްކަން އެނގުމުން އެ ރެސްޓޯރަންޓްގެ ހޯސްޓް ވަރަށް ލަދުގަތެވެ. ނަމަވެސް އެ ތަނަށް އަލުން ވަންނާކަށް ކޯބީ ބޭނުމެއް ނުވި އެވެ. އެމީހުން ކާން ދިޔައީ ކައިރީގައި ހުރި އެހެން ރެސްޓޯރަންޓަކަށެވެ.