އޮސްޓްރޭލިއާގައި ބިހުގެ ވިޔަފާރިކުރާ މީހަކަށް، އާދަޔާ ޚިލާފު ބޮޑު، ކުކުޅު ބިހެއްގެ ތެރޭގައި އެހެން ބިހެއް އޮއްވައި ފެނިއްޖެ އެވެ.
މި މީހާ ކުކުޅު ގެންގުޅޭ ތަނުން ފެނުނު ބިހުގެ ސައިޒު އާދައިގެ ސައިޒާ އަޅާބަލާއިރު ތިން ގުނަ ބޮޑެވެ. ބިހުގެ ސައިޒު ބޮޑުވެގެން ހައިރާންވެގެން އުޅެނިކޮށް އިތުރު ހައިރާންކަމެއް ލިބުނީ އެ ބިސް ތަޅާލިއިރު އާދައިގެ ސައިޒުގެ ބިހެއް އޭގެ ތެރޭގައި އޮތުމުންނެވެ.
މިކަމާ ކޮސްވެފައި ހުރި ދަނޑުވެރިޔާ އޭގެ ފޮޓޯތައް ފޭސްބުކްގައި ޕޯސްޓްކުރުމާ އެކު ވަނީ ވައިރަލް ވެފަ އެވެ.
މި ބޮޑު ބިހުގެ ބަރުދަނުގައި 176 ގްރާމް ހުއްޓެވެ. އެއީ އާދައިގެ ބިހަކަށް ވުރެ ތިން ގުނަ ބަރެވެ. އާދައިގެ ބިހެއްގައި އާންމުކޮށް ހުންނަނީ 58 ގްރާމެވެ.
"އެ ބިސް ތަޅާލީ އެ ތަނުގެ ހުރިހާ މުވައްޒަފުން އެއްކޮށްފައި، އެންމެންނަށް ފެންނަ ގޮތަށް. އެކަމަކު އެއީ އޭގެތެރެއިން އެހެން ބިހެއް ފެންނާނެ ކަމަށް ބަލާފައި ކުރި ކަމެއް ނޫން،" ދަނޑުވެރިޔާ، އޮސްޓްރޭލިއާގެ ޑެއިލީ މެއިލް އަށް ބުނެފައިވެ އެވެ.
ދަނޑުވެރިޔާ ބުނީ 1923 ވަނަ އަހަރުން ފެށިގެން އާއިލާއިން ކުރަމުން އަންނަ މި މަސައްކަތުގައި، މިއީ މިހާތަނަށް ފެނުނު އެންމެ ބޮޑު ބިހެވެ. މި މީހާ ވަނީ ބޮޑު ބިހެއްގެ ތެރޭ އެހެން ބިހެއް އޮތުމަށް މެދުވެރިވި ކަމަށް ލަފާކުރެވޭ ސަބަބު ވެސް ކިޔައިދީފަ އެވެ. އޭނާ ބުނީ ކުކުޅު ބިސް އަޅަން އުޅޭ ވަގުތު އެއަށް އުނދަގޫވާ ކަމެއް ދިމާވެއްޖެ ނަމަ ބިސް ނާޅައި ގިނައިރުތަކެއް ވަންދެން ހިފެހެއްޓުމަކީ އެސޮރުމެންގެ އާދައެއް ކަމަށެވެ.
"މިހެން ވެއްޖެ ނަމަ އެތައް އިރެއް ފަހުން، އެހެން އުޅެނިކޮށް ބިސް ވެއްޓިދާނެ. އެކަމަކު މިއީ ބިސް ބޭރުނުވެ އެތެރޭގައި ހިފެހެއްޓިގެން ދިމާވި ގޮތެއް ކަމަށް ބެލެވޭ،" ދަނޑުވެރިޔާ ބުނެފައިވެ އެވެ.