ސިންގަޕޫރުން އޮސްޓްރޭލިއާ އަށް ދަތުރުކުރި މޮޑެލެއްގެ ދަބަހުގައި ސޭންޑްވިޗެއް އޮތުމުން އޭނާ 2،000 ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ.

އުމުރު 19 އަހަރުގެ، އޮސްޓްރޭލިއާގެ ކޮންޓެންޓް ކްރިއޭޓަރު އަދި މޮޑެލް ޖެސިކާ ލީ، 2،000 ޑޮލަރުން ޖޫރިމަނާކުރީ ޗުއްޓީއަކަށް ފަހު، އޭނާގެ އެނބުރި އެ ގައުމަށް ފައިބަން އުޅުމުގެ ތެރޭގަ އެވެ.

ޖެސިކާ އާއި އޭނާގެ އެކުވެރިއަކު ގްރީސްގައި ޗުއްޓީ ހޭދަކުރުމަށް ފަހު، އޮސްޓްރޭލިއާ އަށް ދިއުމުގެ ކުރިން، އޭނާ ދަތުރުކުރި ބޯޓު ޖެއްސީ ސިންގަޕޫރަށެވެ. އެ ވަގުތު ޖެސިކާ ހުރީ ވަރަށް ބަނޑުހައި ވެފަ އެވެ. އެހެންވެ، ސިންގަޕޫރުގެ ސަބްވޭއަކުން ސޭންޑްވިޗެއް ގަނެ، ފްލައިޓްގެ ބޯޑިންގެ ކުރިން އޭނާ އޭގެ އެއް ބައި ކެޔެވެ. އަދި ސޭންޑްވިޗްގެ ބާކީ ބައި ފްލައިޓުގެ ތެރޭގައި ކެއުމަށް ދަބަހަށް ލި އެވެ.

އޭނާ އެ ގޮތަށް ކަންތައް ކުރީ ކުރިއާލައި އެއާޕޯޓަށް އަންގައި، ހުއްދަ ލިބިގެން ކަމަށް ވިޔަސް ކަންތައް ގޯސްވީ ސިންގަޕޫރުން އޮސްޓްރޭލިއާ އަށް މަތިންދާބޯޓު ޖެއްސި ހިސާބުންނެވެ.

އޮސްޓްރޭލިއާ އަށް ފްލައިޓް ޖެއްސުމާއެކު، އޮފިސަރުން ސްކޭންކުއިރު ސޭންޑްވިޗް އަޅައިގަތެވެ. ވަގުތުން ކޮށްލީ ޖޫރިމަނާ އެކެވެ. ސަބަބެއް ކަމަށް ބުނީ ޖެސިކާގެ ދަބަހުގައި ހުރި އެއްޗެހީގެ ތަފުސީލް ލިޔުމުން އަންގާފައި ނުވުމެވެ.