ޕްރިންސް ހެރީގެ ކައިވެނީގެ ހަފުލާގައި "ސްޕައިސް ގާލްސް" ޕަފޯމެއް ނުކުރާނެ

އިނގިރޭސިވިލާތުގެ ކުރީގެ އަންހެން ބޭންޑް ރިޔުނިއަން ޓުއާއަކަށް ދާން ނިންމާފައި ނެތްކަން ކަށަވަރުކޮށްދީފައި ވަނިކޮށް، ފަހުން އަޑުއަރާފައި ވަނީ މެއި މަހުގެ 19 ގައި އޮންނަ ޕްރިންސް ހެރީގެ ކައިވެނީގެ ހަފުލާގައި އެ ބޭންޑް ޕަފޯމް ކުރާނެ ކަމަށެވެ.


އެ ވާހަކަ މީޑިއާތަކުގައި ވައިގައި ހިފީ ބޭންޑްގެ ފަސް މެމްބަރުންގެ ތެރެއިން މެލަނީ ޖެނީ ބްރައުން (މެލް ބީ) މިދިޔަ ހަފުތާގައި ޓީވީ ޝޯ "ދަ ރިއަލް" ގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. އޭނާ ބުނި ގޮތުގައި ޝާހީ ކައިވެންޏަށް ބޭންޑްގެ މެމްބަރުންނަށް ވެސް ދައުވަތު ލިބިފައިވެ އެވެ. އަދި އެ ހަފުލާގައި އެ މީހުން ޕަފޯމް ކުރާނެކަން ދޭހަވާ ކަހަލަ ގޮތަކަށް ވާހަކަ ދެެއްކި އެވެ.

ޝޯގެ ހޯސްޓުން އެކަމާ އިތުރަށް ސުވާލުކުރަން ފެށުމުން މެލް ބީ ބުނީ މިހާރު ވެސް ބުނަން ނުވާ ވަރަށް ބުނެވިއްޖެ ކަމަށެވެ. އެހެންވެ އިތުރަށް އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނާނެ ކަމަށް ބުންޏެވެ.

ހެރީ އާއި ބަތަލާ މޭގަން މާކަލްގެ ކައިވެނީގެ ހަފުލާ ޓީވީން ލައިވް ކުރާނެތީ "ސްޕައިސް ގާލްސް" އެ ހަފުލާގައި ޕަފޯމް ކުރާ ތަން ފެންނާނެތީ ގިނަ ބަޔަކު ތިބީ ވަރަށް އުފަލުންނެވެ.

އެކަމަކު ބޭންޑްގެ އެހެން މެމްބަރެއް ކަަމަށްވާ މެލަނީ ސީ (މެލް ސީ) ވަނީ ހަފުލާ އަށް ދައުވަތު އޭނާ އަށް ނުލިބޭ ކަމަށް އަންގާރަ ދުވަހު ބުނެފަ އެވެ. އެހެންވެ އެ ހަފުލާގައި "ސްޕައިސް ގާލްސް" ޕަފޯމް ކުރާނެތޯ ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް ބުންޏެވެ.

"އަހަންނަށް ހީވަނީ މެލް ބީ ދެއްކި ވާހަކަ ބައެއް މީހުންނާއި މީޑިއާތަކަށް ވެސް މާ ސީރިއަސްކޮށް ނެގުނީހެން. އަދި އަހަންނަށް ހީވަނީ އޭނާ އެ ވާހަކަ ދެއްކީ ޖޯކަކަށް ހަދާފައިހެން،" މެލް ސީ ދަ ސަން އަށް ބުންޏެވެ. "ޔަގީނުން ވެސް އަހަންނަކަށް އަދިއެއް އެ ކައިވެނީގެ ހަފުލާއަކަށް ދައުވަތެއް ނުލިބޭ."

މެލް ބީ "ދަ ރިއަލް" ގައި ވާހަކަ ދައްކަނީ.

އޭނާ ބުނީ ވަރަށް ގިނައިން ޕްރިންސް ހެރީ އާއި އޭނާގެ ބައްޕާފުޅު ޕްރިންސް ޗާލްސްއާ ވެސް ބައްދަލުވާ ކަމަށެވެ.

"އެހެންވެ އަހަރެން އަހަން ބޭނުން މެލް ބީ އަށް ދައުވަތު ދިން އިރު އަހަންނަށް ދައުވަތު ނުލިބިގެން އުޅެނީ ކީއްވެތޯ؟" މެލްސީ ބުންޏެވެ. "އަހަންނަށް ޔަގީން އަހަންނާ ނުލައެއް ސްޕައިސް ގާލްސް އެއްވެސް ތާކު ޕަފޯމެއް ނުކުރާނެ."

"ސްޕައިސް ގާލްސް" ގައި ދެން ހިމެނެނީ އިނގިރޭސި ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ އަންހެނުން ވިކްޓޯރިއާ ބެކަމް (ޕޯޝް ސްޕައިސް)، ގެރީ ހެލިވެލް (ޖިންޖަ ސްޕައިސް) އަދި އެމާ ބަންޓަން (ބޭބީ ސްޕައިސް) އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނީގެ ހަފުލާގައި އެޑް ޝީރަން ޕަފޯމް ކުރުމުގެ ފުރުސަތު ބޮޑެވެ.