އެކްސްޗޭންޖް ޕްރޮގްރާމެއްގައި އިޓަލީ އަށް ދިޔަ އެމެރިކާގެ އަންހެން ތިން ދަރިވަރަކު، އިޓަލީގެ ހާއްސަ ކޮއްތު ހަދަން އުޅެނިކޮށް ބަދިދޭގައި ރޯވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން ވިއްސަކަށް އަހަރުގެ މި ކުދިން ޕާސްތާ ކައްކަން ތެއްޔަށް ޕާސްތާ އެޅުމަށް ފަހު އުނދުން ރޯކޮށްލީ އެވެ. ތެއްޔަށް ފެނެއް ނާޅަ އެވެ. އެހެންވެ ތެލި ހޫނުވެ ޕާސްތާތައް އަނދައިގަތުމާ އެކު ހުޅު ހިފައި، އަލިފާން ނިވާ މީހުންނަށް ގުޅަންޖެހުނެވެ.
އަޖައިބުވާންޖެހޭ ކަމަކީ ޕާސްތާ ކައްކަން ފެން ނޭޅުނީ ހަނދާންނެތިގެން ނޫން ކަމަށް ވާތީ އެވެ.
"އަހަރެމެން ޕާސްތާ އަޅާފައި އުނދުން ރޯކުރީ. އަހަރެމެން ހީކުރީ އެއީ ކަމަށް އެ ކައްކާ ގޮތަކީ،" އެ ދަރިވަރުން ބުނެފައިވެ އެވެ.
ޕާސްތާ އަކީ އިޓަލީއަށް ހާއްސަ އެއްޗަކަށް ވާތީ މި ދަރިވަރުންނަށް އިޓަލީ އަށް ދެވުނު ފަހަރު އަމިއްލައަށް އެ ކައްކަން ވެސް ބޭނުންވީ އެވެ. އެކަމަކު އެކަން ކުރަނީ ކިހިނެއް ކަމެއް ނޭނގެ އެވެ.
ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އަލިފާން ނިއްވަން އައި މީހުން ގާތު ވެސް މި ދަރިވަރުން ވަނީ ޕާސްތާ ކައްކާނެ ގޮތް އަހައިފަ އެވެ. އެއީ އިޓަލީ މީހުން ކަމަށް ވެސް އެ މީހުން ވެސް ބުނީ ޕާސްތާ ކައްކަން ނޭނގޭ ކަމަށެވެ.
އެކަމަކު މި ކުދިންނަށް ޕާސްތާ ކެއްކުމުގެ ކޯހެއް، އިޓަލީގެ މަޝްހޫރު ކައްކާއަކު މިހާރު ވަނީ ނަގައިދީފަ އެވެ.