އޮސްޓިއޮޕޮރޮސިސް ނުވަތަ ކަށި ފީވާ ބައްޔަށް ފަރުވާއެއް ހޯދުމުގެ ތެރޭގައި، ތަލަވުން ހުއްޓުވިދާނެ ފަރުވާއެއް ސައިންސްވެރިންނަށް ހޯދިއްޖެ އެވެ.

ފަރުވާގެ ސަބަބުން އިސްތަށި ގިނަވަނީ އޮޓޯއިމިއުން ޑިޒީޒްއަށް ފަރުވާކުރުމަށް ދޭ ބޭހެއް ކަމަށްވާ "ސައިކްލޮސްޕޯރިން އޭ" ގެ ސައިޑްއިފެކްޓެއްގެ ގޮތުގައި ކަން ސައިންސްވެރިންނަށް ހޯދިފައިވެ އެވެ. ސައިންސްވެރިންނަށް އެނގުނު ގޮތުގައި މީގެ ސަބަބުން އިސްތަށި ގިނަވުމުގެ އިތުރުން އިސްތައްޓާއި އެހެން ބައެއް ޓިޝޫތައް އުފައްދައިދޭން އެހީތެރިވާ ޕްރޮޓީނެއް ކަމަށްވާ އެސްއެފްއާރްޕީ1 އުފައްދައިދެ އެވެ.

އާ ފަރުވާގައި ދެން ބޭނުންކުރަނީ ކަށި ފީވާ ބައްޔަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ "ވޭ-316606" އެވެ.

ޕްރޮޖެކްޓްގައި އިސްކޮށް ހުންނެވި ޑރ. ނަތަން ހޯކްޝޯ ވިދާޅުވީ ބޮލުން އިސްތަށި ފައިބާ މީހުންނަށް، އަލަށް ހޯދުމުގެ މި ފަރުވާއިން ހަމަ ހަގީގަތުގައި ވެސް ބޮޑު ތަފާތެއް ފެންނާނެ ކަމަށެވެ.

ބޯ ތަލަވުން ހުއްޓުވަން މިހާތަނަށް ބޭނުންކުރަމުން އަންނަނީ ދެ ފަރުވާއެކެވެ. އެއީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުންކުރާ މިނޮކްސްސިޑިލް އާއި ފިރިހެނުންނަށް އެކަނި ބޭނުންކުރާ ފިނެސްޓަރައިޑް އެވެ. އެކަމަކު މި ފަރުވާތަކުގައި ހުންނަ ސައިޑްއިފެކްޓްތަކާ ހެދި، ގިނަ މީހުން ޚިޔާރުކުރަނީ އިސްތަށި އިންދުމެވެ.

ޕްލޮސް ބަޔޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި މި ދިރާސާއަށް 40 މީހެއްގެ ސާމްޕަލް ލެބްގައި ބޭނުންކޮށްފައިވެ އެވެ. އެކަމަކު ޑރ. ހޯކްޝޯ ބީބީސީ އަށް ވިދާޅުވި ގޮތުގައި މި ފަރުވާ އަކީ އިންސާނުންނަށް ގެއްލުމެއް ހުރި ކަމެއް ނޫންކަން އަދި ކަށަވަރުކުރަން ޖެހެ އެވެ.