އަފްޣާނިސްތާނުގެ ޒުވާން ފިރިހެނުން ޖިމަށް

ކުޅިވަރުތަކާއި ހެދުން އެޅުން ފަދަ ކަންކަމުގައި އަފްޣާނިސްތާނުގައި އޮތް ހަރުކަށި ސިޔާސަތުތަކަށް ލުޔެއް ލިބުމާ އެކު އެ ގައުމުގެ ފިރިހެނުން މިހާރު އެންމެ ފޯރީގައި ކުރަމުން އަންނަ ކަމަކީ ޖިމަށް ގޮސްގެން ހަށިގަނޑު ބައްޓަންކުރުމެވެ.


އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ޖިމްތައް ހުޅުވާފައި ވާއިރު އެ ތަންތަނަށް މިހާރު ބާރު ބޮޑެވެ. ބޮޑީބިލްޑިން ފަދަ ކުޅިވަރުތަކަކީ މިހާރު އަފްޣާން ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކުޅިވަރަކަށް ވަނީ ވެފަ އެވެ.

ހަށިގަނޑު ވަރުގަދަ ކުރަން ނުކުންނަ މީހުން އިތުރުވެ، އަފްޣާނިސްތާނުން އަންނަނީ އެ މީހުންގެ ވަރުގަދަ ބިޔަ ހަށިގަނޑުތައް ދައްކައިލަމުންނެވެ. އަދި ސަރަހައްދީ މުބާރާތްތަކާއި ދުނިޔޭގެ އެކިއެކި ބޮޑީބިލްޑިން މުބާރާތްތަކުން ވަނީ ފުރުސަތު ހޯދަން ފަށައިފަ އެވެ.

ބޮލީވުޑްގެ އެކްޓަރު ސަލްމާން ހާނާއި ހޮލީވުޑްގެ އެކްޓަރު އާނޮލްޑް ޝްވެޒްނެގާ ފަދަ ތަރިންނަކީ އަފްޣާން ޒުވާނުންގެ ރޯލް މޮޑެލުންނެވެ. ފިޓްނެސް އަށް އެ މީހުން ލޯބި ޖެއްސުމުގައި އެ ދެ ތަރިންގެ ހިއްސާ ބޮޑު ކަމަށް ގަބޫލުކުރާ މީހުން މިހާރު އެ ގައުމުގައި ނިސްބަތުން ގިނަ އެވެ.

އަފްޣާންގެ ޒުވާނުންތަކެއް ބޮޑީބިލްޑިން މުބާރާތެއްގައި.

"މިހާރު މި ގައުގެ ކޮންމެ ޒުވާނަކީ ހަށިގަނޑު ރީތިކޮށް ވަރުގަދަކޮށް ބަހައްޓަން މަސައްކަތް ކުރާ ޒުވާނެއް. ވަރަށް ގިނަ ޒުވާނުން ލޯބި ކުރާ ކަމަކަށް މިހާރު ބޮޑީބިލްޑިންވެފައި މިއޮތީ،" ލޯ އާއި ޕޮލިޓިކަލް ސައިންސް ދާއިރާ އިން ކިޔަވަމުން ބޮޑީބިލްޑިން ޗެމްޕިއަނަކަށް މިހާރު ބަދަލުވެފައިވާ ހަރީސް މުހައްމަދީ ބުންޏެވެ.

ޖިމް ޓްރެއިނަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ މުހައްމަދީ، 25، ބުނި ގޮތުގައި ކުރިން ހަނގުރާމައިގެ ވަކިތަކުގައި ތާށިވި އަފްޣާން ޒުވާނުން ބޭނުންވަނީ އެ މީހުންނަށް ހައްގުވާ މިންވަރު ހޯދުމެވެ.

"ކުޅިވަރުގެ ތެރެއިން އަހަރެމެންނަށް ހުނަރު ދައްކައި ލެވިދާނެ. ބޮޑީބިލްޑިންއަކީގެ މިސާލެއް،" އޭނާ ބުންޏެވެ.