މައިންބަފައިންގެ ކުޑައިރުގެ ދިރިއުޅުމުން ދަރިންނަށް އަސަރު ފޯރާ

ކުޑައިރު އަނިޔާ އާއި ބޮޑެތި މައްސަލަތަކުގެ ތެރޭގައި އުޅެފައިވާ މީހުންނަށް ލިބޭ ދަރިންނަށް، އަވަސް އަވަހަށް މޫޑު ބަދަލުވުމުގެ މައްސަލަ އާއި އަޚުލާގީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.


ދިރާސާއިން ދެއްކި ގޮތުގައި މިފަދަ މީހުންނަށް ލިބޭ ދަރިންނަށް އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ތަޖުރިބާކުރަން ޖެހުމުގެ ފުރުސަތު ދެ ގުނަ އިތުރުވެ އެވެ. އަދި ނަފްސާނީ މައްސަލަތައް ހުރުމުގެ ފުރުސަތު ހަތަރު ގުނައަށް އިތުރުވާ ކަމަށް ވެސް ދިރާސާއިން ދެއްކި އެވެ.

ދިރާސާގައި އިސްކޮށް ހުންނެވި، ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ އެސިސްޓެންޓް ޕްރޮފެސަ އޮފް ޕީޑިއޭޓްރިކްސް ޑރ. އެޑަމް ޝިކެޑަންޒް ވިދާޅުވީ މިއީ ކުޑައިރު ދިމާވާ ކަންކަމުގެ އަސަރު މުޅި އުމުރަށް ވެސް ތަހައްމަލްކުރަން ޖެހިދާނެކަން ހާމަކޮށްދިން ދިރާސާއެއް ކަމަށެވެ.

ޑރ. އެޑަމް ވިދާޅުވީ މައިންބަފައިންނަކީ ޑިޕްރެޝަނާއި އެންޒައިޓީ ޑިސްއޯޑާ ފަދަ މައްސަލަތަކާ ކުރިމަތިވެފައިވާ މީހުން ނަމަ އެ މީހުންގެ ދަރިންނަށް ވެސް އެފަދަ ނަފްސާނީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެންދާކަން މީގެ ކުރީގެ ދިރާސާތަކުން ވެސް ހާމަވެފައިވާ ކަމަށެވެ.

"އަލަށް ހެދި މި ދިރާސާ އަކީ މާބޮޑު އާ ކަމެއް ހާމަވި ދިރާސާއެއް ނޫން. އެކަމަކު މިއީ ކުރީގެ ދިރާސާތަކުން ހާމަވެފައިވާ ބައެއް ކަންކަން އިތުރަށް ކަށަވަރުކޮށްދިން ދިރާސާއެއް،" ޑރ. އެޑަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ކުޑައިރު މައްސަލަތަކާ ދިމާވެފައިވާ މީހުންގެ ދަރިންނަކީ މައްސަލަ ބޮޑު ކުދިންނަށް ވާނޭ ކަމަށް ބުނާ ދިރާސާއެއް ވެސް ނޫން ކަމަށެވެ. އެކަމަކު ދިރާސާއިން އެނގުނީ އެފަދަ މީހުންގެ ދަރިން ނަފްސާނީ މައްސަލަތަކުން ސަލާމަތްކުރުމަށް އިތުރަށް ފިޔަވަޅު އަޅަންޖެހުން ކަމަށް އެޑަމް ވިދާޅުވި އެވެ.