އެޕާޓްމަންޓެއްގެ ފާޚާނާ ބަދިގޭގައި!

އަގު ހެޔޮ އެޕާޓްމަންޓެއް ހޯދަން އުޅޭއިރު، އެތަނުގައި ހުންނަ ބަދިގެ އާއި ފާޚާނާ އެހެން ބަޔަކާ ޝެއާކުރުމަކީ މައްސަލައަކަށް ނުވެ އެވެ. އެކަމަކު އެމެރިކާގެ މި ސްޓޫޑިއޯ އެޕާޓްމަންޓުގެ ބަދިގޭގައި ފާޚާނާ ތަށި ހުރުމުން މިކަން ވެސް ހައްދުން ނެއްޓިއްޖެ ކަމަށް މިހާރު ބަލަންވެއްޖެ އެވެ.


އެމެރިކާގެ ސެންޓްރަލް ވެސްޓް އިންޑްގައި ހުންނަ މި އެޕާޓްމަންޓުގެ ފޮޓޯ ރެޑިޓްގައި ޝެއާކުރުމާ އެކު ފޮޓޯ ވައިރަލްވެ އެޕާޓްމަންޓާ ބެހޭ ގޮތުން އަންނަނީ ބަހުސްތައް ކުރަމުންނެވެ. މިތަނުގެ ކުއްޔަކީ މަހަކު 525 ޑޮލަރެވެ.

މި އެޕާޓްމަންޓުގެ ފޮޓޯ އާންމުކުރީ އެތަން ކުއްޔަށް ހިފި މީހެކެވެ. އޭނާ ބުނެފައިވާ ގޮތުގައި އެޕާޓްމަންޓް އިސްތިހާރުކޮށްފައިވަނީ "އެންމެ ފަސޭހަވާނެ ގޮތަށް، ބަދިގެ/ފާޚާނާ އެއްކޮށް" ކަމަށް ބުނެ އެވެ. މިހެން ބުނެފައި އޮތަސް ބަދިގޭ ސިންކާ ޖެހިގެން ފާޚާނާ ތަށި ހުންނާނެ ކަމަށް އޭނާ ހިއެއް ނުކުރެ އެވެ.

އޭޕީ އިން ބުނި ގޮތުގައި މި އާދަޔާޚިލާފު އެޕާޓްމަންޓަކީ އެތަން ލިސްޓްކުރި ކުންފުނިން ކުއްޔަށްދޭ އެންމެ ކުދި އެޕާޓްމަންޓްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ތަނުގެ ސައިޒަކީ 200 އަކަފޫޓެވެ.

ފާޚާނާ ތަށި ބަހައްޓާފައި ހުރީ ބަދިގޭގައި އިށީންނާނެ ގޮނޑިއެއްގެ ބަދަލުގައި ކަމަށް ބުނެ މީހުން ޖޯކު ޖަހައި، މި އިސްތިހާރު މަޝްހޫރުވުމާ އެކު އެތަން މިހާރު ވަނީ ކޮންމެވެސް މީހަކު ކުއްޔަށް ނަގައިފަ އެވެ. އެކަމަކު މިއީ އެ ސަރަހައްދުގައި އެޕާޓްމަންޓްތައް އެންމެ އަގު ބޮޑު އެއް ސަރަހައްދުގައި ހުރި ތަނެކެވެ.

މި އެޕާޓްމަންޓުގެ ބަދިގޭގައި ފާޚާނާ ހުރުމަކީ މައްސަލައެއް ނޫން ކަމަށް ބުނެ ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު އެޕާޓްމަންތައް ޑިޒައިންކޮށް އުޅޭ ގޮތެއް ކަމަށާއި އެމެރިކާގައި އެކަން އެހާ އާންމު ނޫނީ ކަމަށެވެ.

މީގެ ކުރިން އެމެރިކާގެ އެޕާޓްމަންޓެއްގެ ބަދިގޭގައި ފެންވަރާ ތަން ހަދާފައި ހުރުމުން ވެސް މީޑިއާގެ ސަމާލުކަމަށް އެކަން އައިސްފައިވެ އެވެ.