ސޭޓުގެ އަންހެނުން ބަލިވުމުން ކަސްޓަމަރުން އެހީވީ ވިޔަފާރިކޮށްގެން

އެމެރިކާގެ ކެލިފޯނިއާގައި ޑޯނަޓް ފިހާރައެއް ހިންގާ މީހެއްގެ އަނބިމީހާ ބަލިވެ އުޅޭތީ، އެ ފިހާރައިގެ ކަސްޓަމަރުން ވަރަށް ތަފާތު ގޮތަކަށް އެހީވެއްޖެ އެވެ.


ޑޯނަޓް ސިޓީގެ ނަމުގައި ހިންގާ ފިހާރަ ހެނދުނު ހުޅުވުމުގެ މާކުރިން، ފަތިހު 4:30 ގައި ފިހާރައިގެ ބޭރުގައި މީހުން ކިއޫ ހަދައިގެން ތިބެ އެވެ. އެއީ އާންމުކޮށް، މެންދުރު ފަހު 2 ޖަހާއިރު ބަންދުކުރާ ތަނަކަށް ވިޔަސް މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އެތަން ހެނދުނު 7:30 ގައި ބަންދުކުރި އެވެ.

ކަސްޓަމަރުން ބުނި ގޮތުގައި އެއީ ވަރަށް މީރު ޑޯނަޓް ވިއްކާ ތަނެކެވެ. އެކަމަކު ކުރިއާ ޚިލާފަށް މާގިނައިން، މާ އަވަހަށް ޑޯނަޓް ގަންނަނީ މުޅިން އެހެން ބޭނުމެއްގައި ކަމަށް ބުންޏެވެ.

މިކަން މިހެން ވާން ފެށީ މިދިޔަ 28 އަހަރު، ކޮންމެ ދުވަހަކުހެން ފިހާރައިން ފެންނަ، އެތަނުގެ ވެރިމީހާ ޖޯން ޝާންގެ އަންހެނުން ސްޓެއްލާ ނުފެންނަން ފެށުމުންނެވެ.

އުމުރުން 62 އަހަރުގެ ޖޯން ގާތު، އޭނާގެ އަންހެނުން ކޮބައިތޯ ކަސްޓަމަރުން އަހަން ފެށި އެވެ. އޭނާ ބުނީ 63 އަހަރުގެ އަނބިމީހާގެ ލޭ ނާރެއް، މިދިޔަ މަހު ފެޅި، ނާސިން ހޯމެއްގައި ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. އެކަމަކު އަނބިމީހާ ގާތުގައި ހުންނަން ދެވޭނީ ހުރިހާ ޑޯނަޓެއް ހުސްވުމުން، ތަން ސާފުކޮށްފައި މެންދުރު ފަހުގައި ކަމަށް ބުންޏެވެ.

އުމުރުން ދުވަސްވީ ދެމަފިރިންނަށް އެހީވުމުގައި އިސްނެގީ ޑޯން ކަވިއޯލާ ކިޔާ މީހެކެވެ.

"އަހަންނަށް ހަމަ އެކަމާ ވިސްނެނީ. ދެން ހިތަށް އެރީ ކޮންމެ މީހަކު ވެސް އަވަހަށް ގޮސް، ތަންކޮޅެއް ގިނައިން ޑޯނަޓް ގަނެފިއްޔާ ފިހާރަ އަވަހަށް ބަންދުކުރެވޭނެއޭ. އޭރުން ސޭޓަށް އޭނާގެ އަންހެނުންނަށް އެހީވާން އަވަހަށް ދެވޭނޭ،" ކަވިއޯލާއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

ކަވިއޯލާ އޭނާ އަށް އައި މި ވިސްނުން އެ ސަރަހައްދުގައި ހުންނަ އާންމު ނޯޓިސްބޯޑެއްގައި ލިޔުނީ އެވެ. އެއާ އެކު ދެން ފެންނަން ފެށީ ޑޯނަޓް ފިހާރައިގެ ދޮރުމަތީ ފަތިހުން ފެށިގެން ކިއޫ ހަދާފައި އޮއްވަ އެވެ. އެތަން ހުޅުވާއިރު އޮންނަނީ އެއްޗެހި ހުސްވެގެން ބަންދުކުރަން ޖެހިފަ އެވެ.

"ކޮންމެ ދުވަހަކު ވެސް އެއްޗެހި ހުސްވެގެން ވަރަށް އަވަހަށް ތަން ބަންދުކުރަންޖެހޭ. ބައެއް މީހުން ތިން ހަތަރު ޑަޒަނުގެ އެއްޗެހި ގަނެލައިގެން ވެސް ދޭ،" ވޮޝިންޓަން ޕޯސްޓަށް ފޯނުން ދިން އިންޓަވިއުއެއްގައި ޗާން ބުނެފައިވެ އެވެ.

އޭނާ ބުނީ އަނބިމީހާގެ ހާލު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި އެކަމަކު ފިހާރަޔަށް ގޮސް މަސައްކަތްކުރެވޭ ވަރު އަދި ނުވާ ކަމަށެވެ.