ގިނައިން ހަކުރު އަޅާފައި ހުންނަ ސޮފްޓް ޑްރިންކްސް ފަދަ ތަކެއްޗާ ދުރުވާން ސިއްހީ ތަޖުރިބާކާރުން އަބަދުވެސް ލަފާދެ އެވެ. މިފަދަ ބުއިންތަކާ ދެކޮޅަށް ފިޔަވަޅު އަޅާ ގައުމުތައް ވެސް އަންނަނީ ގިނަވަމުންނެވެ.
އޭގެ ތެރެއިން އެއް ގައުމަކީ އިނގިރޭސިވިލާތެވެ. އެކަމަކު ދުވާލެއްގެ މައްޗަށް ހަތަރު ދަޅު ޕެޕްސީ ކޯލާ ބޮއެގެން އުޅޭ، އުމުރުން ދުވަސްވީ އަންހެނަކު އިނގިރޭސި ވިލާތުގައި އެބަ އުޅެ އެވެ. މިއީ 77 އަހަރުގެ ޖެކީ ޕޭޖް އެވެ.
އޭނާ ބުނާ ގޮތުގައި ޕެޕްސީ ކޯލާ އަށް ލޯބި ޖެހުނީ އުމުރުން އެންމެ 13 އަހަރުގަ އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު، މަދުވެގެން 4 ދަޅު ޕެޕްސީ އޭނާ ބޯތާ މިހާރު 64 އަހަރުވެއްޖެ އެވެ. އޭނާ ބުނާ ގޮތުން ސިއްހަތު ރަނގަޅެވެ.
"މިއީ ބައެއް މީހުންނަށް ތަންކޮޅެއް އާދަޔާހިލާފު ކަމަކަށް ވެދާނެ. އެކަމަކު އަހަންނަކީ ޕެޕްސީ ކޯލާ ނޫން އެއްވެސް ޑްރިންކެއް ބޯ މީހެއް ނޫން. ފެން ވިޔަސް ސައި ވިޔަސް އަދި ކިރު ވިޔަސް އަހަންނަށް ކަމަކު ނުދޭ،" ހަތަރު ދަރިން ތިބި ޖެކީ "ދަ ސަން" އަށް ބުންޏެވެ.
ކުރިން ހައުސްކީޕަރެއްގެ ގޮތުގައި މަސައްކަތްކުރި ޖެކީ ބުނި ގޮތުގައި ދިރިއުޅުމުގެ ވަރަށް މުހިއްމު ބަޔަކަށް ޕެޕްސީ ވިޔަސް، މިއީ "އެޑިކްޝަނެއް" ގެ ގޮތުގައި އޭނާ ނުދެކެ އެވެ. އަދި ކޮންމެ ދުވަހެއް ފަށަނީ ފްރިޖުން ނަގާ ޕެޕްސީ ދަޅަކާ އެކު ކަމަށާއި ތަންތަނަށް ވެސް ދަނީ ދަބަހަށް ޕެޕްސީ ދަޅެއް ލައިގެން ކަމަށް ބުންޏެވެ.
އެހެންވެ ރެސްޓޯރަންޓަކަށް އެއްޗެއް ކާލަން ވަދެފައި ވިޔަސް، ޖެކީ ބުއިމަކަށް އޯޑަރެއް ނުދެ އެވެ.
"މިއީ އަހަންނަށް ކަމުދާތީ އަހަރެން ބޯ އެއްޗެއް. އަހަންނަށް ވަރިހަމަ ޕެޕްސީ ދަޅެއް ލިބެނިކޮށް. އެހެން އެއްވެސް އެއްޗެއް މުހިއްމެއް ނޫން،" ޖެކީ ބުންޏެވެ. "އަހަންނަށް އަދި ޕެޕްސީ ކަމުދަނީ ވެސް ދަޅުގައި. ފުޅީގައި ހުރީމަ ކަމަކު ނުދޭ."
މިހާރު 11 މުނިމާމަ ދަރިން ވެސް ތިބި ޖެކީ ޕެޕްސީއާ ބެހޭ ގޮތުން ބުނީ އޭނާގެ ގޭގައި އަބަދު ވެސް ޕެޕްސީ ހުރި ނަމަވެސް ދަރިންނަށް އެ މަނާ ކަމަށެވެ. ޖެކީ ބުނި ގޮތުގައި ދަރިން ޕެޕްސީ ދަޅުތަކުގައި އަތްނުލާން އޮންނާނީ އަންގައިފަ އެވެ. އަދި މިހާތަނަށް ވެސް އެކަން ހިނގަމުން އަންނަނީ އެ އުސޫލުގެ މަތިން ކަމަށް ބުންޏެވެ.
"ދަރިން އަބަދު ވެސް ގޭގައި ބަހައްޓާނެ ހުސްނުވާ ވަރަށް ޕެޕްސީ ކޭސްތައް ގެނެސްފައި،" ޖެކީ ބުންޏެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ހަކުރާއި ކެފެއިން އެކުލެވޭ ޕެޕްސީ ފަދަ ބުއިންތަކަކީ އާދަޔާހިލަފަވާން މަގުފަހި ކުރުވާ އެއްޗިއްސެވެ. އަދި އެފަދަ ބުއިންތަކުގެ ސަބަބުން ހަކުރު ބައްޔާއި މައިދާގެ ބަލިތަކަށް ބަލިތަކަށް މަގުފަހި ކުރުވަ އެވެ.
"ފަލަވުމަކީ ލޭގެ ޕްރެޝަރު މަތިވެ، ސްޓްރޯކް ޖެހުމަށް ވެސް މަގުފަހިވާނެ ކަމެއް،" ބްރިޓިޝް ޑައެޓިކް އެސޯސިއޭޝަންގެ ތަރުޖަމާން އަދި ޑައެޓިޝަން ސްޕެޝަލިސްޓެއް ކަމަށްވާ ނިކޯލް ރޮތުބެންޑް ވިދާޅުވި އެވެ.
މި މީހާ ޕެޕްސީ ބޮއެގެން ސިއްހަތަށް ގެއްލުމެއް ނުވާ ކަމަށް ބުންޏަސް އެކަން ސިއްހީ ތަޖުރިބާކާރަކު ކަށަވަރުކޮށްދީފައެއް ނުވެ އެވެ.