އެވޮކާޑޯ ފަޅާލަންވާނީ ރަނގަޅަށް ދޮވެފައި

އެވޮކާޑޯގެ ހަރު ތޮށްޓަކީ އެތެރޭގައިވާ މަޑު މޭވާކޮޅުގެ ރައްކަލެކެވެ. އެވޮކާޑޯ ކިތަންމެ މަގުބޫލަސް އޭގެ ހަރު ތޮށިގަނޑު އެއްލައިލަން ޖެހޭތީ އެއީ މާބޮޑަށް ދޮވެ ސާފުކުރާ ބައެއް ވެސް ނޫނެވެ. އެކަމަކު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ލަފާ ދެނީ ބޭރު ތޮށިގަނޑު ވެސް ރަނގަޅަށް ދޮވުމަށެވެ.


މި ގޮތަށް އިރުޝާދު ދީފައި ވަނީ އެފްޑީއޭ އިން ހަދާފައިވާ ދިރާސާއެއްގެ ނަތީޖާއަކަށް ފަހުގަ އެވެ. ތާޒާ އެވަކޯޑާގެ ޓެސްޓްތަކެއް ހަދައިގެން ދެއްކި ގޮތުގައި އޭގެ ބޭރުގައި ޖަރާސީމުގެ ބާވަތްތައް ކަމަށްވާ ސަލްމޮނެއްލާ އާއި ލިސްޓީރިއާ މޮނޮސިޓޮޖީންސް އެކުލެވިގެންވެ އެވެ. އަދި މީގެ އަސަރު ބައެއް ހާލަތްތަކުގައި މޭވާގެ އެތެރެއަށް ވެސްކޮށްފައިވެ އެވެ.

އެހެންވެ އެންމެ ރައްކާތެރި ގޮތަކީ ވީހާ ވެސް ރަނގަޅަށް އެވޮކާޑޯ ދޮވެލައިގެން ފެޅުމަށް ފަހު ބޭނުން ކުރުން ކަމަށް އެފްޑީއޭ އިން ބުންޏެވެ.

"ރަނގަޅަށް ނުދޮވެ، އެވޮކާޑޯ ފަޅައިފި ނަމަ ބެކްޓީރިއާގެ އަސަރު އެތެރެއަށް ކޮށް، ސިއްހީ މައްސަލަތަކެއް ކުރިމަތިވުން އެކަށީގެންވޭ،" އެފްޑީއޭގެ ބްލޮގްގެ ފުޑްސޭފްޓީ.އޯގްގައި ބުންޏެވެ. "ދޮންނަ އިރު ބުރުހެއް ކަހަލަ އެއްޗަކުން ހާކަމުން ދޮވުން ވަރަށް ވެސް ރައްކާތެރި. އަދި ދޮވުމަށް ފަހު ފެޅުމުގެ ކުރިން ސާފު ފޮތިގަނޑެއް ނުވަތަ ޓިޝޫއަކުން ބޭރު ހިއްކާލަން ވެސް ވާނެ."

އެވޮކާޑޯއެއް ފަޅާލައިފައި.

އެފްޑީއޭ އިން ބުނި ގޮތުގައި އެވޮކާޑޯއެއް ފަޅައިލުމަށް ފަހު ނުވަތަ ތޮށިގަނޑު މަށައިލުމަށް ވީހާ ވެސް އަވަހަކަށް އެ ބޭނުން ކުރަން ވާނެ އެވެ. ފަހުން ބޭނުން ކުރަން ބާއްވާ ނަމަ، އަނެއްކާ ވެސް އިތުރު އެހެން ޖަރާސީމުތައް އަށަގަތުމުގެ ފުރުސަތު ބޮޑެވެ.