ލޯބިވެރިޔާގެ ސިޓީ 77 އަހަރު ފަހުން ކަނޑު އަޑިން ފެނިއްޖެ

'

އިނގިރޭސިވިލާތުގެ 99 އަހަރުގެ މާމައަކަށް، ގެއްލިފައިވާ އޭނާގެ ކުރީގެ ލޯބިވެރިޔާގެ ސިޓީއެއް 77 އަހަރު ފަހުން ލިބިއްޖެ އެވެ.


ފިލިސް ޕޮންޓިން އަށް ކުރީގެ ލޯބިވެރިޔާ ބިލް ވޯކާގެ ސިޓީއެއް، ދެވަނަ ބޮޑު ހަނގުރާމައިގައި އޭނާ ގެއްލުނުތާ 77 އަހަރު ފަހުން ލިބުންވީ ވަރަށް އާދަޔާހިލާފު ކަމަކަށެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި ބިލް ގެއްލުނީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި 84 ފަޅުވެރިންނާ އެކު 1941 ވަނަ އަހަރު އެޓްލާންޓިކް ކަނޑުގައި ދަތުރު ކުރި ކާގޯ އުޅަނދު ޖަރުމަނުގެ ސަބްމެރިންއަކުން ފައްތައިލި ހާދިސާގަ އެވެ.

ބިލްގެ ސިޓީ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ފަހުން ލޯބިވެރިޔާ ފިލިސް އަށް ލިބިފައި ވަނީ ފެތުނު ބޯޓް އޮތް ސަރަހައްދަށް މެރިން އާކިއޮލޮޖިސްޓުންތަކެއް ފީނައިގެން ހޯދި ގިނަ އަދަދެއްގެ ތަކެތީގެ ތެރޭގައި ސިޓީ ވެސް ހިމެނުމުންނެވެ. އަތުން ލިޔެފައިވާ އެ ސިޓީގެ އަސްލު މިހާރު އޮތީ ދެވަނަ ބޮޑު ހަނގުރާމައިގެ ތާރީހީ އާސާރެއްގެ ގޮތުގައި ލަންޑަނުގެ ޕޯސްޓަލް މިއުޒިއަމްގަ އެވެ.

ބިލްގެ ސިޓީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ސިޓީ ފެނިފައިވެ އެވެ.

މި ސިޓީގެ ވާހަކަ މީޑިއާތަކަށް ތިލަވީ އެތަނުން މިހާރު "ވޮއިސެސް ފްރޮމް ދަ ޑީޕް" ގެ ނަމުގައި ކުރިއަށް ގެންދާ މައުރަޒުގެ ތެރެއިން ދައްކައިލުމުންނެވެ. އަދި ސިޓީ އާއި އޭގެ އުރަ މިއުޒިއަމުން ވަނީ ޓްވީޓް ވެސްކޮށްފަ އެވެ.

ކައިވެންޏަށް އެއްބަސްވެ، ފިލިސް ފޮނުވި ސިޓީއެއްގެ ރައްދުގައި ބިލް ލިޔުނު ސިޓީގައި ބުނެފައި ވަނީ ކައިވެންޏަށް އާއެކޭ ބުނީތީ ވަަރަށް އުފާވި ކަމަށެވެ. އަދި އެއީ ހަޔާތުގައި އެންމެ އުފާވެރި އެއް ދުވަސް ކަމަށާއި ގާތުގައި ފިލިސް އިން ނަމަ، އޭނާ އުފާވި ވަރު އަމިއްލަ އަށް އިހުސާސް ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ސިޓީއާ ބެހޭ ގޮތުން ޕިލިސް ބުނީ ބިލް ދުނިޔޭގައި ހުރި ނަމަ އޭނާ ޔަގީނުން ވެސް ވީ ބިލްގެ އަންބަކަށް ކަމަށެވެ.

ފިލިސް އަދި އޭނާގެ ކުރީގެ ލޯބިވެރިޔާ ބިލް.

"އެއީ ވަރަށް ބޮޑަށް އަހަރެން ދެކެ ލޯބިވި މީހެއް." ޕޯސްޓަލް މިއުޒިއަމުން ހަދިޔާކުރި ސިޓީގެ ކޮޕީއެއް ލިބުމުން އުފާވެފައި ހުރި ޕިލިސް ބީބީސީ އަށް ބުންޏެވެ. "އަހަންނަށް ހީވަނީ މި ސިޓީ މިއަށް ވުރެ ކުރިން އަހަންނާ ހަމައަށް އައި ނަމަ އަހަރެންގެ ދިރިއުޅުން އެހެން ގޮތަކަށްހެން އޮންނާނީ."

ބިލް ގެއްލުމުން އެ ހިތާމައިގެ ތެރޭގައި އުޅެފައި ފިލިސް ފަހުން ކައިވެނި ކުރީ ޖިމް ހޮލޮވޭ ކިޔާ މީހަކާ އެވެ. އެ ކައިވެންޏަށް ހަތަރު ދަރިން ލިބިވެ އެވެ. އަދި މިހާރު އޭނާއަކީ ހަތަރު މާމަ ދަރިންނާއި ހަތް މުނިމާމަ ދަރިން ތިބި މީހެކެވެ. ކައިވެނިކޮށް ދަރިން ލިބުނުތާ އަހަރުތަކެއް ފަހުން ޖިމް ވަނީ މަރުވެފަ އެވެ.

އެހެންވެ ފިލިސް މިހާރު އިނީ ދެވަނަ ކައިވެނި މަތީގަ އެވެ. އޭނާ މިހާރު ކައިވެނިކޮށްގެން އުޅެނީ ރެޖިނަލް ޕޮންޓިންއާ އެވެ.

"އަހަންނަށް މީގައި އަދި އެންމެ އާދަޔާހިލާފު ކަމަކަށްވީ އެހާ ޒަމާންވަންދެން ކަނޑުއަޑީގައި އޮތް އިރު ވެސް ގެއްލުމުމެއް ނުލިބި އެ ސިޓީ ކިޔާލަން އެނގޭ ވަރަށް ރީތިކޮށް އޮތުން." އޭނާ ބުންޏެވެ.