މިއީ އަހަރުގެ ސެލްފީތަ؟

ސެލްފީއެއް ނެގޭ ދަނޑިވަޅެއްގެ ސަބަބުން އޭގެ ހާއްސަކަން އިތުރުވެގެން ހިނގައި ދާނެ އެވެ. އެގޮތުން 2014 ގެ އޮސްކާ އެވޯޑް ހަފުލާގައި ހޮލީވުޑްގެ އޭ ލިސްޓް ތަރިންނާ އެކު މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާ ނެގި ސެލްފީގެ މަތިން އަދިވެސް ގިނަ ބަޔަކު ހަނދާން ހުންނާނެ އެވެ. ހަމަ އެ އަހަރު އައިފާ އެވޯޑްސްގައިި އަނިލް ކަޕޫރް ގިނަ ތަރިންތަކެއް އެއްކޮށްގެން ނެގި ސެލްފީއަކީ ވެސް ތާރީހުގެ ތެރެއިން ޖާގަ ހޯދާފައިވާ ހާއްސަ ސެލްފީއެކެވެ.


މި ފަހަރު އަނެއްކާ ވެސް ވަރުގަދަ ސެލްފީއެކެވެ. ފަހަރުގައި މިއީ 2019 ގެ ބޮލީވުޑްގެ އެންމެ ތާރީހީ ސެލްފީ އަށް ވެދާނެ އެވެ. މި ސެލްފީ ބޮލީވުޑް ފަންނާނުންތަކެއް ނަގާފައި މި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކީގަ އެވެ.

ފިލްމީ ދާއިރާގައި ހުރި އެކި ކަހަލަ މައްސަލަތަކާ ބެހޭ ގޮތުން މޯދީއާ މަޝްވަރާ ކުރަން ބުރާސްފަތި ދުވަހު ނިއު ދިއްލީ އަށް ދިޔަ ވަފުދުން ނެގި ސެލްފީ މިހާރު ވެސް ވަނީ ވަރަށް ގިނަ ބައެއްގެ ސަމާލު ކަމަށް އައިސް، އޭގެ ވާހަކަ އެކި ގޮތްގޮތަށް ދެކެވެން ފަށައިފަ އެވެ.

މި ސެލްފީން އެއްބަޔަކަށް އެންމެ ބޮޑަށް އަޅައިގަތީ ބޮލީވުޑްގައި އެންމެ ކާމިޔާބު ކަމަށް ބުނާ އެއްވެސް ހާނަކު ނެތުމެވެ. އެގޮތުން ޝާހްރުކް ހާނާއި ސަލްމާން ހާނާއި އާމިރު ހާން ފަދަ ތަރިއަކު މި ސެލްފީގައި ނެތުމަކީ ހާނުންގެ ޒަމާން ހިނގައްޖެކަން ސާބިތުކޮށްދޭ ކަމެއް ކަމަށް ބައެއް މީހުން ޓްވިޓާގައި ބުންޏެވެ.

މޯދީއާ އެކު ނަގާފައިވާ ސެލްފީގައި ފެންނަނީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީގެ އިތުރުން ބޮލީވުޑްގެ މިހާރު ޒުވާން ތަރިންތަކެކެވެ.

ރަންވީރު ސިންގް ނެގި ސެލްފީގައި ފެންނަ ތަރިންގެ ތެރޭގައި އާލިއާ ބަޓާއި ރަންބީރު ކަޕޫރާއި ބޫމީ ޕެޑްނޭކަރާއި ވިކީ ކޯޝަލް އާއި އަޔޫޝްމަން ކުރާނާ އާއި ވަރުން ދަވަން އާއި ސިދާތު މަލްއުތުރާގެ އިތުރުން ރާޖްކުމާރު ރާއޯ ހިމެނެ އެވެ. މި ތަރިންނަކީ މިހާރު ބޮލީވުޑްގައި އެންމެ ނަން ހިނގާ ޒުވާން ތަރިންނެވެ.

މި ހުރިހާ އެންމެން މި ސެލްފީ އެ މީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ ހިއްސާކޮށްފަ އެވެ. އެ ސެލްފީ ޓްވިޓާގައި ހިއްސާ ކުރަމުން އެކްތާ ބުނީ ބޮޑުވަޒީރާ އެކު ބޭއްވި ބައްދަލުވުމަކީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށެވެ. ކަރަންގެ ޓްވީޓްގައި ބުނީ މޯދީއާ އެކު ބޭއްވި ބައްދަލުވުމަކީ އިންޑިއާ ބަދަލަކާ ދިމާއަށް ކުރާ ދަތުރުގައި ފިލްމު އިންޑަސްޓްރީގެ ބައިވެރިވުން ވެސް އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

މިދިޔަ މަހު ވެސް ކަރަން ހިމެނޭ ގޮތަށް ބޮލީވުޑްގެ ވަފުދެއް ވަނީ މޯދީއާ ދިއްލީގައި ބައްދަލުކޮށްފަ އެވެ. އެ ފަހަރު މައްސަލައަކަށްވީ ބައްދަލުވުމުގައި އެއްވެސް އަންހެން ފަންނާނަކު ބައިވެރިކޮށްފައި ނުވާތީ އެވެ. މި ފަހަރު މިއޮތީ އެކަން ވެސް ހަމައަކަށް އަޅުވައިފަ އެވެ.

ކުރިއަށް އޮސްކާ އެވޯޑް އޮތުމާ އެކު ހޮލީވުޑުން ވެސް ވަރުގަދަ ސެލްފީއެއް އައުން ހަމަ އެކަށީގެންވެ އެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ.