ބޯކޮށުމުގެ ވިޔަފާރި މި ކުދިން ކުރާ ގޮތް ތަފާތު

އާއިލާ އަށް އެހީވާން އާމްދަނީ ހޯދަން މަސައްކަތްކުރުމަކީ ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫނެވެ. އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބަންވާރީ ޓޯލާ އަވަށުގައި ދެ އަންހެން ކުއްޖަކުއާމްދަނީ ހޯދަން ކުރާ މަސައްކަތުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.


ބައްޕަ ހިންގި ބޯކޮށާ ތަން މިހާރު ހިންގަނީ އުމުރުން 18 އަހަރުގެ ޖިއޯތީ ކުމާރީ އާއި އޭނާގެ ކޮއްކޮ ނޭހާ ކުމާރީ، 16، އެވެ.

ދެހާސް ސާދަ ވަނަ އަހަރު އެ މީހުންގެ ބައްޕަ ކުއްލި ގޮތަކަށް ވާގިނެތި، ތަންމަތީގައި އޮންނަން ޖެހުމުން އާއިލާ އަށް އާމްދަނީ ލިބޭނެ މަގު، ބަންދުވެ ކުދިންގެ ކިޔެވުމަށް ވެސް ބުރޫ އެރި އެވެ.

އެހެންވެ ދުވަސްތަކެއް ވަންދެން، ބޯކޮށާ ތަން ބަންދުކޮށްފައި ވަނިކޮށް، އެ މަސައްކަތަށް ނުކުތީ ދެ އަންހެން ކުދިންނެވެ. އެކަމަކު އާންމުކޮށް ފިރިހެނުން ބޯކޮށައި، ތުނބުޅި މަތިމަސް ބާލަންދާ ތަނުގައި ދެ އަންހެން ކުދިން ހިދުމަތް ދޭން ތިބުމުން ވަންނާނެ ބަޔަކު ނުވި އެވެ. އަދި އަވަށުގެ ބައެއް މީހުން ޖިއޯތީ އާއި ނޭހާ އަށް މަލާމަތްކޮށް، ޖޯކް ޖަހައި ވެސް ހެދި އެވެ.

ނޭހާ މީހެއްގެ ތުނބުޅި ބާލަނީ.

އެކަމަކު އެ މީހުން ހިތްވަރެއް ދުލެއް ނުކުރި އެވެ. އެ ވިޔަފާރި ހިންގޭނެ އެހެން ގޮތެއް ހޯދުމުގެ ތެރެއިން ވިސްނުނު ގޮތަކީ މިއީ އެވެ؛ ޖިއޯތީ އާއި ނޭހާ "ފިރިހެން ކުދިންނަށް ބަދަލުވީ" އެވެ. ބޯކޮށާލައި، ފިރިހެން ހެދުން ލައި ނަން ވެސް ފިރިހެން ނަމަށް ބަދަލުކޮށްލީ އެވެ. އެއީ ދީޕަކް އާއި ރާޖޫއަށެވެ.

އިހިސާތަކު އެ މީހުންގެ ހިދުމަތް ބަންވާރީ ޓޯލާ އަވަށުގެ މީހުން ބަލައިގަންނަން ފެށި އެވެ. ކައިރި އަވަށްތަކުން ހިދުމަތް ހޯދަން އަންނަ މީހުންނަށް އެއީ ދެ އަންހެން ކުދިންކަން ނޭގޭނެތީ އެއީ ހިތްހަމަޖެހުމެކެވެ.

މި ގޮތުގައި 2014 އިން ފެށިގެން ޖިއޯތީ (ދީޕަކް) އާއި ރާޖޫ (ނޭހާ) އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ހަގީގަތުގައި މިއީ ފަސޭހަ ދިރިއުޅުމެއް ނޫން. އެކަމަކު މި ނޫން ގޮތަށް އަހަރެމެންގެ އާއިލާއަކަށް ނެތް،" ޖިއޯތީ ބުންޏެވެ.

ބޯކޮށާ ތަން ހިންގައިގެން ދުވާލަކަށް 400 ރުޕީސްގެ އާމްދަނީއެއް ލިބޭ އިރު، މި މަސައްކަތް ދެން ހުއްޓައިލުމުގެ ވިސްނުމެއް ވެސް ނެތެވެ. އަނެއްކޮޅުން މިއީ ބައްޕަގެ ޒަމާންވީ މަސައްކަތް ދިރުވޭނެ ގޮތެކެވެ. އެހެންވެ އެ ހިތްހަމަޖެހުން ޖިއޯތީ އާއި ނޭހާ އަށް އެބަ އޮތެވެ.

ނޭހާ އާއި ޖިއޯތީ ބަންވާރީ ޓޯލާގެ އޮފިޝަލަކާ އެކު.

"މިހާރު ދެން ވަރަށް ގިނަ މީހުންނަށް އެނގޭ އަހަރެމެންނަކީ އަސްލު އަންހެނުންކަން. ނީހާ މިހާރު އިސްތަށިގަނޑު ވެސް ދިގުކޮށްފި. ދެން ފަސްއެނބުރި ބެލުމެއް ނެތް،" ޖިއޯތީ ބުންޏެވެ. "އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ޖެހިލުންވުން އެއްކޮށް ކެނޑިއްޖެ މިހާރު. އެހެންވެ މިހާރު ބަޔަކު ކިޔާ އެއްޗަކަށް ފަރުވާލެއް ނެތް."

ޖިއޯތީ އާއި ނޭހާގެ ހިތްވަރަށް ސާބަސް ދެމުން ބައެއް މީހުން މިހާރު ބުނަނީ އެއީ އާއިލީ ޒިންމާ ކޮނޑުގައި އަޅައިގެން މަސައްކަތްކުރާ ލާމަސީލު ނަމޫނާ ދެ ކުދިން ކަމަށެވެ.