މިއީ ކުވައިތުގެ ތާރީހުގައި ވެސް އަދި ދުނިޔޭގައި ވެސް މިހާތަނަށް ކުރި އެންމެ ކުރު ކައިވެނި ކައިވެނި ކަމަށް ވެދާނެ އެވެ. ކައިވެނި ދެމިއޮތީ އެންމެ ތިން މިނެޓަށެވެ.

ކުވެއިތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޯޓުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ކައިވެނިކޮށްފައި، އާދަޔާހިލާފު ގޮތަކަށް ކައިވެނި ރޫޅާލީ ކޯޓުން ނުކުތްތަނާ އަންހެން މީހާ އެއްޗެއްގައި އަޅައިގެންފައި ވެއްޓުމުން އަންހެން މީހާއާ ދިމާއަށް "ގަމާރޭ" ބުނުމުންނެވެ.

ކިއު8 ނިއުސް އިން ބުނި ގޮތުގައި އަނބިމީހާ ބިންމައްޗަށް ވެއްޓުމުން އެހީވުމުގެ ބަދަލުގައި ފިރިމީހާ "ސްޓްޕިޑް" އޭ ބުނުމުން އަންހެން މީހާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. އެހެންވެ، ކައިވެނި ކޮށްދިން ގާޒީ ގެނެސް، ފިރިމީހާއާ ގާތުން ވަރިވާން ބޭނުންވާ ކަމަށް އެންގުމުން، ފިރިމީހާ އަށް މަޖުބޫރުވީ އެކަން ކުރާށެވެ.

މިކަމާ ގުޅިގެން ބައެއް މީހުން ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ހިޔާލު ފާޅުކޮށްފައިވެ އެވެ. ގިނަ ބަޔަކު ތިބީ އަންހެން މީހާއާ އެއްކޮޅަށެވެ. އެގޮތުން ޓްވިޓާގައި ބައެއް މީހުން ބުނި ގޮތުގައި އަނބިމީހާ އަށް ހިމާޔަތް ނުދެވޭ އަދި އިހުތިރާމް ނުކުރާ ފިރިއަކާ އެކު އުޅުމުގެ މާނައެއް ނެތެވެ. އެހެންވެ ވަގުތުން ވަގުތަށް ވަރިވާން އަންހެން މީހާ ނިންމުމަކީ ވަރަށް ވެސް ރަނގަޅު ނިންމުމެއް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ތިން މިނިޓަށް ދެމިއޮތް ކައިވެންޏަށް ފާޑުކީ ބައެއް މީހުން ބުނީ އެ ދެ މީހުންގެ ސަބަބުން ވީހާ ވެސް ކަމަކީ ގާޒީގެ ވަގުތު ބޭކާރުވުން ކަމަށެވެ. އަދި މިއީ ކައިވެނީގެ ގުޅުމަށް އިހުތިރާމެއް ނެތްކަން ދައްކުވައިދޭ މިސާލެއް ކަމަށް ވެސް ބުނެފައިވެ އެވެ.