މާމުއިކުޅަނދުރު ވެސް އާދައިގެ ހިސާބު ހަދާލަން އެނގޭ

އިންސާނުންނަށް ލިބިގެންވާ ވަރުގެ ސިކުނޑިއެއް ޖަނަވާރުންނާއި ސޫފާސޫފިތަކަށް ލިބިގެން ނުވިޔަސް، އެސޮރުމެންގެ ކުޅަދާނަކަން އަޖައިބުކުރުވަ އެވެ.


ފައިދިގު މަކުނާއި ގްރޭ ޕެރޮޓާއި ޗިމްޕެންޒީ ފަދަ އެއްޗިއްސަށް ހިސާބު އިލްމުގެ ހުނަރު ލިބިފައިވެ އެވެ. އެއްކުރުމާއި ކެނޑުން ފަދަ އާދައިގެ ހިސާބު ހަދާލަން އެނގެ އެވެ. މި ލިސްޓަށް މިހާރު އިތުރު ވަނީ އިންސާނުންގެ އަނގަ ފޮނިކޮށްދޭ މާމުއިގެ އަސްލު ކަމަށްވާ ކުޅަނދެރެވެ.

ސައިންސަސް އެޑްވާންސެސްގައި ޝާއިއުކޮށްފައިވާ އޮސްޓްރޭލިއާގެ އާރްއެމްއައިޓީ ޔުވިސަޓީން ހަދާފައިވާ ދިރާސާއެއްގައި ބުނި ގޮތުގައި ކުޅަނދުރަކީ ހިސާބު ހެދުމުގައި ކުޅަދާނަ އެއްޗެކެވެ. އެގޮތުން ކުޅަނދުރު "ރަނގަޅަށް ތަމްރީނުކޮށްފި ނަމަ" އަންތަރީސްވާހާ ފުރިހަމަ އަށް އެއްކޮށް، ކަނޑައި ހަދަން އެނގޭ ކަމަށް ބުންޏެވެ.

މި ދިރާސާ އަށް 14 ކުޅަނދުރަކަށް ދަސްކޮށް ދިނީ ނޫ (އެޑިޝަން) އަދި ރީނދޫ (ސަބްޓްރެކްޝަން) ފާހަގަ ކުރާށެވެ. އެއަށް ފަހު އެއްޗެހި ދޫކޮށްލީ އިނގިރޭސި އަކުރު "ވައި"ގެ ބައްޓަށް އިން އެއްޗެއްގެ ތެރެއަށެވެ. މިއަށް ވަދެފައި، އޭގައި ހުރި ދެ ކުލައިގެ ނަންބަރުތައް ފާހަގަކޮށްގެން ކުޅަނދުރު ވަނީ އެ އެއްޗެހީގެ ސިކުނޑީގެ ގާބިލުކަން ދައްކުވައި ދީފަ އެވެ.

ކުޅަނދުރުގެ ހިސާބު ޓެސްޓް ހަދަން ބޭނުން ކުރި ޑައިގްރާމް.

ދިރާސާ ހެދި ޓީމުން ބުނި ގޮތުގައި މި ނަތީޖާ އިން ދައްކާ ގޮތުގައި މިއީ ސިކުނޑީގެ ސައިޒާއި ސިކުނޑީގެ ބާރާ ހުރި ގުޅުން ދައްކުވައިދޭ ކަމެކެވެ. އެހެންވެ މިކަމަކީ މާމުއިކުޅަނދުރު ފަދަ ކުދިކުދި ސިކުނޑި ހުންނަ ސޫފިތަކުގެ އެހީގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިތުރަށް ތަރައްގީކުރަން އެހީވެދޭނެ ކަމަކަށް ވާނެ އެވެ.

"އެއް ކަމަކީ ކޮމްޕިއުޓަރު ކަހަލަ، އިންސާނުންގެ ދިރިއުޅުން މިހާރު އެ އެއްޗަކަށް ބަރޯސާވެފައިވާ އާލާތްތައް އީޖާދު ކުރުމުގައި މިހާރަށް ވުރެ ސިމްޕަލްސް ޕްރޮސެސްތައް ބޭނުންކޮށް، ހަކަތަ ވެސް މަދުން ބޭނުން ކުރެވޭ ކަހަލަ އާލާތްތައް ތައްޔާރު ކުރަން އެހީއަކަށްވުން،" ދިރާސާ ޓީމްގައި އިސްކޮށް މަސައްކަތް ކުރެއްވި ސްކާލެޓް އާރް ހަވަޑް ވިދާޅުވި އެވެ.