ފިރިހެނަކަށް 40 "ޕުޝް-އަޕް" ހެދެންޏާ ހިތް ރަނގަޅު؟

ފިރިހެނަކަށް 40 "ޕުޝް-އަޕް" ހެދޭ ނަމަ އެއީ އެ މީހެއްގެ ހިތުގެ ސިއްހަތު ރަނގަޅު ކަމުގެ އަލާމާތެއް ކަމަށް ސައިންސްވެރިން ލަފާކޮށްފި އެވެ.


ހާވަޑް ޔުނިވަސިޓީގެ ދިރާސާއެއްގައި ބުނީ ފިރިހެނަކަށް 40 ޕުޝް-އަޕް ހެދޭ ނަމަ، ކުރިއަށް އޮތް 10 އަހަރު ތެރޭ އެ މީހަކަށް ހިތުގެ ބޮޑު މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން 96 ޕަސެންޓާ ހިސާބަށް އޮންނާނެ ކަމަށެވެ.

"ދިރާސާއިން އެނގުނީ ޕުޝް-އަޕް ހެދުމުގެ ގާބިލްކަން ހުރި ވަރެއް ބަލައިގެން، ހިތުގެ ބައްޔެއް ޖެހުމަށް އޮތީ ކިހާ ފުރުސަތެއްތޯ ހޯދިދާނެކަން. މިއީ އަގު ހެޔޮ ފަސޭހަ ޓެސްޓެއް،" ހާވަޑްގެ ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ތަޖުރިބާކާރެއް ކަމަށްވާ ޖަސްޓިން ޔެންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިތުގެ ހާލަތު ދެނެގަތުމަށް އާންމުކޮށް ހަދާ "ސަބްމެކްސިމަލް ޓްރެޑްމިލް ޓެސްޓް" އަށް ވުރެ ޕުޝް-އަޕް ހެދުމުގެ ގާބިލްކަން ހުރި މިންވަރު ބެލުމުން ނަތީޖާ މާ ރަނގަޅު ކަމަށެވެ. އަދި މިއީ ވަރަށް ހައިރާންކުރުވަނިވި ހޯދުމެއްގެ ގޮތުގައި ޔެންގް ސިފަކުރެއްވި އެވެ.

ފަސޭހަކަމާ އެކު 40 ޕުޝް-އަޕް ހެދުމަކީ މީހާގެ ފިޒިކަލް ފިޓްނަސް ލެވަލް ރަނގަޅުވުމެވެ. އަދި މެދު އުމުރުގެ ފިރިހެނުންނަށް މިކަން ކުރެވޭ ނަމަ އެއީ ފިޓްނަސް ވަރަށް ރަނގަޅުވުމެވެ.

ނަމަވެސް ދިރާސާ ޓީމުން ބުނީ ޕުޝް-އަޕް ޓެސްޓު ކޮންމެ މީހަކަށް ރަނގަޅު ނުވެދާނެ ކަމަށެވެ. އެކަމަކު މިއީ ޓެސްޓްކޮށްލެވޭނެ ފަސޭހަ ގޮތެއް ކަމަށް ބުނެފައިވެ އެވެ.

މި ދިރާސާކުރުމަށް، ހަރަކާތްތެރިކޮށް އުޅޭ 1،104 ފަޔަ ފައިޓަރުންގެ މައުލޫމާތު އެއްކުރި އެވެ. މި މީހުންގެ އެވްރެޖް އުމުރަކީ 39.6 އަހަރެވެ. ދިރާސާ ފެށުމަށް މި މީހުންގެ ސިއްހީ ހާލަތު ބެލުމަށް ފަހު 10 އަހަރުގެ މުއްދަތަކަށް މޮނިޓަކުރަމުން ގެންދިޔަ އެވެ.

މި މުއްދަތަށް ފަހު ބެލި އިރު މީގެ ތެރެއިން 37 މީހެއްގެ ހިތުގެ މައްސަލަތަކަށް މަގު ފަހިވާ ކަންކަން ހުރިކަން އެނގުނެވެ. ހާއްސަ ކަމަކީ ހިތުގެ ބައްޔަށް މަގު ފަހިވެފައި ތިބި މީހުންގެ ތެރެއިން 40 ޕުޝް-އަޕް ހެދުނީ އެންމެ މީހެއް ކަމަށް ވުމެވެ. ދެން ތިބި އެއްވެސް މީހަކަށް އެކަމެއް ނުވި އެވެ.

ޖަމާ ނެޓްވޯކް އޯޕަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނީ މިއީ އެންމެންނަށް އެއްގޮތަށް ދިމާވާނެ ޓެސްޓަކަށް ނުވެދާނެ ކަމަށެވެ. ފަޔަ ފައިޓަރުންނަކީ ޖިސްމާނީ ގޮތުން ތަފާތު ބަޔަކަށް ވާތީ، މިއީ ވެސް ދިރާސާގެ ނަތީޖާ އެހެން މީހުންނަށް ފަހަރެއްގައި ދިމާ ނުވެދާނެ ސަބަބެއް ކަމަށް ބުނެފައިވެ އެވެ.