ބަރުދަން ލުއިކުރަން އޯޓް މިލްކު ވެސް ރަނގަޅު

ބަރުދަން ލުއިކޮށް، ހިކެން ބޭނުންވާ މީހުންނަށް އެންމެ އާންމުކޮށް ދެވޭ އިރުޝާދުތަކުގެ ތެރޭގައި ޑައިޓްގެ އެތެރެއަށް އޯޓްސް ގެންނަން ބާރު އަޅަ އެވެ. މިއީ ސިއްހީ ގޮތުން ވަރަށް ފައިދާ ހުރި އެއްޗެކެވެ.


ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް އޯޓްސް ކާން އުނދަގޫ ނަމަ، މި ބޭނުން ކުރެވިދާނެ އެހެން ގޮތެއް ވެސް އެބަ އޮތެވެ. އެއީ އޯޓްސް މިލްކް ނުވަތަ ކިރު ތައްޔާރުކޮށްގެން ބުއިމެވެ.

އޯޓްސް އިން ކިރު ތައްޔާރު ކުރާނީ ކިހިނެއް ހެއްޔެވެ؟ މިއީ މާ އުނދަގޫ ކަމެއް ނޫނެވެ. ބްލެންޑަރަކަށް އޯޓްސް އާއި ފެން އަޅައި ގިރައިލާފައި، ފުރާނާލުމުން އެހެރީ އޯޓްސް މިލްކް ތައްޔާރު ކުރެވިފަ އެވެ.

މި ބުއިމަކީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީނާއި ފައިބަރުން މުއްސަނދިވެފައިވާ އެއްޗެކެވެ. އަދި އޯޓް މިލްކް ގުދުރަތީ ގޮތުން ގްލޫޓެން ފްރީ އެއްޗަކަށްވާތީ ކިރުގެ ބާވަތްތަކުގައި އާންމުކޮށް ހިމެނޭ މާއްދާތާ މި ކިރަކު ނުހިމެނޭނެ އެވެ. އެކަމު އޯޓް މިލްކްގެ ސިއްހީ ފައިދާތައް ވަރަށް ވެސް ގިނަ އެވެ.

އޯޓް މިލްކް.

ނިއުޓްރިޝަނިސްޓެއް ކަމަށްވާ އެމްމާމީ އަގަރްވާލް ބުނި ގޮތުގައި އޯޓް މިލްކަކީ ކިރުގެ ބާވަތްތަކުން ބައެއް މީހުންނަށް ސައިޑް އިފެކްޓްސްތަކުން ރައްކާތެރިކޮށް ދޭނެ އެއްޗެކެވެ. އެގޮތުން މިއީ އެލާޖިކްވާ މީހުންނަށް ވަރަށް ރަނގަޅު ބުއިމެއް ކަމަށް ބުންޏެވެ. އޯޓް މިލްކުގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި ޕްރޮޓީން، ވިޓަމިން އޭ/ޑީ، ކެލްސިއަމް ޕޮޓޭސިއަމް، ރިބޯފްލެވިން އަދި އަޔަން ހިމެނެ އެވެ. އަދި މީގައި އެކުލެވޭ ފައިބާގެ މާއްދާއެއް ކަމަށްވާ ބީޓާ-ގުލުކަންއަކީ ހިތަށް ދިމާވާ އެކި ސިއްހީ މައްސަލަތަކުން ވެސް ރައްކާތެރިކޮށް ދޭން ބާރު އަޅާ އެއްޗެކެވެ.

އޯޓް މިލްކުން ލިބޭ ސިއްހީ ފައިދާތަކަށް ބަލާއިރު މިއީ ކަށިތައް ވަރުގަދަކޮށްދޭނެ ބުއިމެކެވެ.

އޯޓް މިލްކްގެ އެންމެ ހާއްސަ ކަމަކީ މީގައި ކެލޮރީޒް އެކުލެވޭ މިންވަރު ދަށްވެފައި ޕްރޮޓީނާއި ފައިބާގެ ސަބަބުން ބަރުދަން ލުއިކޮށްދޭން ބާރަކަށްވުމެވެ. މި ކިރު ބުއިމުން، ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވޭނެ އެވެެ. އެހެންވެ މިއީ ބަނޑުހައިވުން ކުޑަކޮށް ދޭނެ ބުއިކެވެ. އެމްމާމީ ބުނި ގޮތުގައި ހުސް އޯޓް މިލްކް ބޯން އުނދަގޫވާ ނަމަ ސްމޫތީ ކަހަލަ އެއްޗެއް ހަދާ އިރު، މި ކިރު ބޭނުންކޮށްލެވިދާނެ އެވެ.

އޯޓް މިލްކް.

ކޮލެސްޓްރޯލް މައްސަލަ ހުންނަ މީހުންނަށް ވެސް އޯޓް މިލްކަކީ ވަރަށް ފައިދާ ހުރި ބުއިމަކަށް ވާނެ އެވެ. އާދަކޮށް މި ކިރު ބޯ ނަމަ ކޮލެސްޓްރޯލް ލެވެލް ދަށްކޮށް ދޭނެ އެވެ. އޯޓް މިލްކްގައި ހިމެނޭ ބީޓާ-ގުލުކަންސްއަކީ ކޮލެސްޓްރޯލް ދަށްކޮށް ދޭން ބާރު އަޅާ މާއްދާއެކެވެ.

ހަމަމިއާ އެކު އޯޓް މިލްކަކީ ހަށިގަނޑުގެ އިމިއުނިޓީ ނުވަތަ ދިފާއީ ނިޒާމު ވަރުގަދަކޮށް ދޭން ބާރު އަޅާނެ ބުއިމެކެވެ. މީގެ ސަބަބުން އެކި ކަހަލަ އާދައިގެ ބަލިތަކާއި އިންފެކްޝަންތަކުން ވެސް ދުރުހެލިކޮށް ދޭނެ އެވެ.