ޕްލާސްޓިކް މަދުކުރާނެ ކަމަށް ކޮކަ ކޯލާ އިން ބުނެފި

ޕްލާސްޓިކާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުން އަންނަ އިރު، ބޮޑެތި އަދި މަޝްހޫރު ކުންފުނިތަކަށް އަދިވެސް ޕްލާސްޓިކާ ނުލައި ކުރިއަށް ދެވޭނެ ގޮތެއް ނުހޯދެ އެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލު ކޮކަ ކޯލާ ކުންފުނި މީގެ ތެރޭގައި ހިމެނެ އެވެ.


އެ ކުންފުނިން ފުރަތަމަ ފަހަރަަށް މި ވަނީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ޕްލާސްޓިކްގެ ބޭނުންކުރާ އަދަދު ހާމަކޮށްފަ އެވެ.

ގައުމުތަކުގެ ސަރުކާރުތަކާއި ބޮޑެތި ކުންފުނިތައް ޕްލާސްޓިކާ ދުރުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ އެލެން މެކްއާތާ ފައުންޑޭޝަނުން އާންމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ކޮކަ ކޯލާ އިން 2017 ގައި އެކަނި ވެސް ތިން މިލިއަން ޓަނުގެ ޕްލާސްޓިކް ފުޅި ބޭނުން ކުރި ކަމަށް ބުނެފައިވެ އެވެ.

މިދިޔަ އަހަރު އެ ކުންފުނިން ވަނީ 2030 އާ ހަމައަށް އަންނަ އިރު ރިސައިކަލް ފުޅި އާއި ދަޅު، ކޯކާއި އެ ބްރޭންޑްގެ ދަށުން ނެރޭ އެހެން ބުއިންތަކުގައި ބޭނުންކުރަން ފަށާނެ ކަމަށް އިއުލާންކޮށްފަ އެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައި ކޮކަ ކޯލާއިން ތައްޔާރުކުރާ ބުއިންތަކުގެ ޕެޖެކް ރިސައިލް ކުރެވޭ ވަސީލަތަކަށް ހަދާނެ ކަމަށް ވެސް ކޮކަ ކޯލާ އިން ބުނެފައިވެ އެވެ.

އެލެން މެކްއާތާ ފައުންޑޭޝަން ކުރިއަށް ގެންދާ ކެމްޕޭނުގެ ދަށުން 150 ކުންފުންޏަކުން ޕްލާސްޓިކް މަދު ކުރަމުން އަންނަކަން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ނެސްލޭ، ކޮލްގެޓް، ޔުނިލެވާ އަދި ބާބަރީ ފަދަ ކުންފުނިތައް ހިމެނެ އެވެ.

ނަމަވެސް އަދިވެސް ޕްލާސްޓިކް މަދުކުރަން އެކަށީގެންވާ ދައުރެއް އަދާ ނުކުރާ ކުންފުނިތަކުގެ ތެރޭގައި ޕެޕްސީ، ކޮސްމެޓިކް ކުންފުނި ލޯރިއަލް އަދި އަންނައުނު ކުންފުނި އެޗްއެންޑްއެމް ފަދަ ކުންފުނިތައް ހިމެނެ އެވެ.

ބީބީސީން ގެނެސް ދިން "ބްލޫ ޕްލެޓެނެޓް 2" ގައި ވަނީ އަހަރަކު ބޭނުންކުރާ ޕްލާސްޓިކްގެ އަދަދު 31 ކުންފުންޏަކުން ބުނެފަ އެވެ. އެގޮތުން ނެސްލޭ އިން އަހަރެއްގެ މައްޗަށް 1.7 މިލިއަން ޓަނުގެ ޕްލާސްޓިކް ބޭނުން ކުރާ އިރު، ޔުނިލެވާ އިން އަހަރަކު 610،000 ޓަނުގެ ޕްލާސްޓިކް ބޭނުން ކުރެ އެވެ. އަދި ފެޝަން ކުންފުނި ބާބެރީން 200 ޓަނުގެ ޕްލާސްޓިކް ބޭނުން ކުރާ އިރު، ކޮލްގެޓް މިދިޔަ އަހަރު އެކަނި ވެސް 287،008 ޓަނުގެ ޕްލާސްޓިކް ބޭނުންކޮށްފައި އެވެ.

ނެސްލޭ އިން މިދިޔަ މަހު ވަނީ އެ ކުންފުނީީގެ އުފެއްދުންތަކުގައި ބޭނުންކުރާ ޕްލާސްޓިކް ހޮޅި، ކަރުދާހަށް ބަދަލުކޮށްފަ އެވެ.