ދެމަފިރިން ކޯރަށް ވެއްޓުނަސް، ބޭނުންވާ ފޮޓޯ ލިބިއްޖެ

މިދިޔަ އަހަރު، އިންޑިއާގެ ކެރެލާގައި އަލަށް ކައިވެނިކުރި ދެމަފިރިއެއްގެ ފޮޓޯ ތަފާތު ގޮތަކަށް ނަގަން ފޮޓޯގްރާފަރަކު ގަހެއްގައި ބޯކޮޅުވަތަށް އެލިގެން އޮތް މަންޒަރު ފެންނަ ވީޑިއޯ އަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނެވެ. މިފަހަރު ވެސް ކެރެލާގެ މިފަދަ ހާދިސާއެކެވެ.


ކެރެލާގެ ފޮޓޯ ސްޓޫޑިއޯއަކުން ކުރަން ޖެހުނު މަޖާ ތަޖުރިބާއެއްގެ ވީޑިއޯ އެވެ. ޒުވާން ޖޯޑެއް ކަމަށްވާ ތިޖިން އާއި ސިލްޕާގެ ކައިވެނީގެ ފޮޓޯ ނަގަން ނިންމީ ޕަމްބާ ކޯރުގެ އައްސޭރި ފަށުގަ އެވެ.

އެގޮތުން އެ މީހުން ފޮޓޯ ޝޫޓަކަށް އެޕޮއިންޓްމަންޓް ހެދުމުން ކުރިން އޮތީ ފޮޓޯޝޫޓް ޖައްސާނެ ގޮތެއް ސިއްރުކޮށްފަ އެވެ. އެހެންވެ މި "އެކްސިޓެންޓް" ހިނގީ ދުރާލައި ތައްޔާރު ނުވީމާ ކަމަށް ވެސް ވެދާނެ އެވެ. ފޮޓޯ ނަގަން ތިޖިން އާއި ސިލްޕާ ތިބެން ޖެހުނީ ކޯރުގެ ތެރޭގައި އޮތް ލަކުޑި ކެނޯއެއްގަ އެވެ. ވިއްސާރަ ދުވަހެއްގައި ނެގި ފޮޓޯއެއްކަން ދައްކަން ތިޖިން އިންނަނީ ބޯމައްޗަށް ކެޔޮފަތެއް ނަގައިގެންނެވެ.

މަންޒަރު ފުރިހަމަ ކުރުމުގެ ގޮތުން ފޮޓޯޝޫޓްގައި ބައިވެރިވި ބައެއް މީހުން ދުރުގައި ތިބެގެން ކޯރުގެ ފެންތައް އެ މީހުންނަށް ދިމާއަށް ބުރުވަމުން ދެ އެވެ. ދެން ފެންނަނީ ކުއްލިއަކަށް ކެނޯ އަރިއަޅާލައި ތިޖިން އާއި ސިލްޕާ ކޯރުގެ ތެރެއަށް ވެއްޓޭ ތަނެވެ. އެއާއެކު އެންމެންގެ ހިނިގަނޑު ފަޅައިގެން ދެ އެވެ.

މި ވީޑިއޯ ނެގި ވެޑިންޕްލޭނާ ވެޑިން ސްޓޫޑިއޯ އިން އެ މީހުންގެ ފޭސްބުކް ޕޭޖްގައި ހިއްސާ ކުރުމުން ވަރަށް ގިނަ ބަޔަކު އެ ބަލާފައި އެކި ކަހަލަ ކޮމެންޓް ވެސް ކޮށްފައިވެ އެވެ. ކޮންމެ ގޮތެއް ވިޔަސް، ސްޓޫޑިއޯ އިން ނަގަން ބޭނުންވި ގޮތަށް ފޮޓޯޝޫޓް ޖައްސައި، ހިތްގައިމު ފޮޓޯތަކެއް ނެގި އެވެ.

މި ވާހަކަ ވެޑިންޕްލޭނާގެ ތަރުޖަމާނު އެންޑީޓީވީއާ ހިއްސާ ކުރަމުން ބުނީ ކޯރުގެ ތެރޭގައި ކެނޯއަކަށް އަރައިގެން ދެމަފިރިންގެ ފޮޓޯ ނަގަން ނިންމުމަކީ ސްޓޫޑިއޯގެ ވެރިޔާ އަދި އިސް ފޮޓޯގްރާފަރު ރޯއި ލޯރެންސްގެ ހިޔާލެއް ކަމަށެވެ.

"އެގޮތަށް ފޮޓޯ ޝޫޓް ޖައްސަން ނިންމީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ދެމަފިރިން ކައިރީ ނުވެސް ބުނެ. އެ މީހުންގެ ފޮޓޯ ނަގަން ބުނި ތަނަށް އައިމަ ކިޔައިދިނީ މިހެންނޭ ފޮޓޯ ނަގަން ރޭވިފައި އޮތީ،" އޭނާ ބުންޏެވެ.

ތަރުޖަމާނު ބުނި ގޮތުގައި ފޮޓޯޝޫޓްގެ ތެރޭގައި ދެމަފިރިން ކޯރަށް ވެއްޓުނު ނަމަވެސް އެ މީހުން ތިބީ ވަރަށް އުފަލުންނެވެ. ނެގި ފޮޓޯތަކުގެ ތެރެއިން ބައެއް ފޮޓޯތައް ވެސް ވަނީ ވެޑިންޕްލޭނާ ވެޑިން ސްޓޫޑިއޯގެ އެފްބީ ޕޭޖްގައި ޕޯސްޓްކޮށްފަ އެވެ.