ނުބައި ޕާޓީއަކަށް ވޯޓް ލެވުމުން އިންޑިއާ މީހަކު އިނގިލި ބުރިކޮށްލައިފި

އިންޑިއާގައި މިހާރު ކުރިއަށްދާ އާންމު އިންތިހާބުގައި، މީހަކު އޭނާ ތާއީދުކުރާ ޕާޓީ ނޫން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ވޯޓް ލެވުނުކަން އެނގުމުން ވޯޓްލީގެ ކަމުގެ ނިޝާން ޖެހި އިނގިލިން ބައެއް ބުރިކޮށްލައިފި އެވެ.


އުއްތަރު ޕްރަދޭޝްގެ ބުލަންދުޝަހަރުގައި ބުރާސްފަތި ދުވަހު ވޯޓް ދިން ޕަވަން ކުމާރު ބުރިކޮށްލި އިނގިލީގައި ބެންޑޭޖް އޮޅާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު އޭނާ ބުނެފައި ވަނީ ވޯޓްލީ ކަމުގެ ނިޝާން ޖެހި ޝަހާދަތް އިނގިލިން ބައެއް ބުރިކޮށްލީ ވެރިކަންކުރާ ބީޖޭޕީގެ ކެންޑިޑޭޓަކަށް ވޯޓް ދެވުނުކަން އެނގުމުން ކަމަށެވެ. އަދި އެވަރުގެ އޮޅުމެއް އެރީ ވޯޓިން މެޝިނުގައި ހުރި ޕާޓީތަކުގެ ނިޝާންތައް ގިނަވުމުން ކަމަށް ބުންޏެވެ.

ބީޕޭޖީގެ ލޯގޯ އިންނަނީ ލޮޓަސް މަލެއް ސިފަވާ ގޮތަށެވެ.

"އަހަރެން އަސްލު ވޯޓް ދޭން އުޅުނީ އެތުގެ ނިޝާން [ބަހުޖާން ސަމަޖް ޕާޓީ] އިންނަ ޕާޓީގެ ކެންޑިޑޭޓަށް. އެކަމަކު އޮޅިގެން ލޮޓަސް މަލަށް ވޯޓް ދެވުނީ،" ޕަވަން، 25، ބުންޏެވެ.

އޭނާ ބުނީ އޮޅިގެން، ނުބައި ޕާޓީއެއްގެ ކެންޑިޑޭޓަކަށް ވޯޓްލެވުމުގައި އެއްވެސް ބަޔެއްގެ ޕްރެޝަރެއް ނެތް ކަމަށެވެ. އެކަމަކު އެވަރުގެ ބޮޑު ގޯހެއް ހެދުނީތީ އެކަމާ ވަރަށް ރުޅި ގަދަވެ، ދެރަވި ކަމަށް ވެސް ބުންޏެވެ.

އިނގިލި ބުރިކޮށްލުމުން ޕަވަން އަށް ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ.

މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ އިންޑިއާގެ އާންމު އިންތިހާބު ފެށީ މި މަހުގެ 11 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި 900 މިލިއަން މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވެ އެވެ.

ހަތް ފިޔަވައްސަކަށް ކުރިއަށް ގެންދާ އިންތިހާބުގެ ވޯޓްލުން އަންނަ މަހުގެ 19 އާ ހަމައަށް ކުރިއަށް ގެންދާ އިރު، ވޯޓް ގުނަން ފަށާނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.