ޝާހީ ދަރިކަލުންނަށް ޖޯކް ޖެހި ޑެނީ ބޭކާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

މީގެ ހަފުތާއެއް ކުރިން އުފަންވި އިނގިރޭސި ޝާހީ އާއިލާގެ ދަރިކަލުން އާޗީ ހެރިސަން މައުންޓްބެޓެން-ވިންޑްޒާ އަށް ޖޯކް ޖަހައި ނަސްލީ ގޮތުން ދިމާކޮށް ޓްވީޓް ކުރި މައްސަލާގައި ވަޒީފާ އިން ވަކިކުރި ބީބީސީގެ ޕްރެޒެންޓަރު ޑެނީ ބޭކާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.


ބީބީސީ ރޭޑިއޯ 5 ލައިވްގެ ޕްރެޒެންޓަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ދެ މީހަކު ޅަ ޗިމްޕެންޒީއެއްގެ އަތުގައި ހިފައިގެން ތިބޭ މަންޒަރު ފެންނަ ފޮޓޯއެއް، "ރޯޔަލް ބޭބީ ލީވްސް ހޮސްޕިޓަލް" ޖަހާފައި ޓްވީޓް ކުރުމުންނެވެ.

އޭނާ އެ ފޮޓޯ ނިސްބަތް ކުރީ ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ އަލަތު ދަރިކަލުންނަށެވެ.

މި މައްސަލާގައި ބީބީސީން ޑެނީ، 61، ވަޒީފާ އިން ވަކިކުރީ މުވައްޒަފުންގެ ސުލޫކީ މިންގަނޑާ ހިލާފުވެ، ބަޔަކާ ނަސްލީ ގޮތުން ދިމާކުރުމުންނެވެ.

މި މައްސަލަ ހޫނުވުމުން ޑެނީ ވަނީ އޭނާ ޓްވީޓް ކުރި ފޮޓޯ ޑިލީޓްކޮށްލުމަށް ފަހު، މާފަށް އެދި ފުލުފުލުގައި ގިނަ ޓްވީޓްތަކެއްކޮށްފަ އެވެ. އޭގެ ތެރެއިން އެއް ޓްވީޓެއްގައި ބުނީ ޗިމްޕެންޒީ ފެންނަ ފޮޓޯ އަކީ ޝާހީ އާއިލާގެ ދަރިކަލުންނާ ދިމާކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށެވެ. އެހެންވެ ހުރިހާ އެންމެންގެ ކިބައިން މާފަށް އެދޭ ކަމަށާއި މިއީ ހަޔާތުގައި މިހާތަނަށް ހެދުނު އެންމެ ބޮޑު ގޯސް ކަމަށް ވެސް ޑެނީ ބުންޏެވެ.

އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ފުލުހުންގެ ތަރުޖަމާން މީޑިއާތަކަށް ވިދާޅުވީ ޑެނީ ކުރި ޓްވީޓްގެ މައްސަލަ ރިޕޯޓްކޮށްފައިވާތީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.