ޕްރިންސް ހެރީގެ ދެކަބަނލުންގެ ފަރާތުން 112،000 ޑޮލަރުގެ އެހީއެއް

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަންގެ ފަރާތުން އިނގިރޭސިވިލާތުގެ ޗެރިޓީއަކަށް 112،000 އަށް ވުރެ ގިނަ ޑޮލަރު ހަދިޔާކުރައްވައިފި އެވެ.


ކޮރޯނާވައިރަހުގެ މި ބަލިމަޑުކަމުގެ ތެރޭގައި އިނގިރޭސިވިލާތުގައި ކާނާ އަށް ޖެހިފައި ތިބި ކުދިންނަށް ހާއްސަކޮށްގެން 90،000 ޕައުންޑް (112,345 ޑޮލަރު) ހަދިޔާކޮށްފައި ވަނީ "ފީޑިން ބްރިޓްން" ކިޔާ ޗެރިޓީއަކަށެވެ.

ހެރީ އާއި މޭގަންގެ ފަރާތްޕުޅުން ދެއްވި އެހީ އަކީ ދެކަނބަލުންގެ ކައިވެނީގެ ހަފުލާ ބީބީސީ މެދުވެރިކޮށް ބްރޯޑްކާސްޓްކޮށްގެން ފައިދާގެ ގޮތުގައި ލިބުނު ފައިސާ އެވެ. ދެބޭފުޅުން ކުރިން ވެސް ވަނީ މެއި 19، 2018 ގައި ބޭއްވި ކައިވެނީގެ ހަފުލާ ބްރޯޑްކާސްޓްކޮށްގެން ލިބޭ ފައިދާ ޗެރިޓީއަކަށް ހަދިޔާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ދެ ކަނބަލުންގެ ތަރުޖަމާނު ވިދާޅުވީ "ފީޑިން ބްރިޓްން" އަށް ފައިސާގެ އެހީ ދެއްވަން ނިންމެވީ އެ ޖަމިއްޔާ އިން ކޮރޯނާވައިރާ ދިމާކޮށް ކުރަމުން އަންނަ ހާއްސަ މަސައްކަތްތަކާ ގުޅިގެންނެވެ. އަދި ޖަމިއްޔާގެ މަސައްކަތްތަކާ ދޭތެރޭ އެ ބޭފުޅުން ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ހެރީ އާއި މޭގަންގެ ފަރާތްޕުޅުން ލިބުނު އެހީ "ގޯޑްސެންޑް" ގެ އެހީއެއްގެ ގޮތުގައި ސިފަކުރައްވައި "ފިޑިން ބްރިޓްން" ގެ ނެޝަނަލް ޑިރެކްޓަރު އެންޑްރޫ ފޯޒީ ވަނީ ޝުކުރު އަދާކުރައްވައިވަ އެވެ. އޭނާ ވިދާޅުވީ މި ވަގުތު ސްކޫލްތައް ބަންދުކޮށްފައިވުމާ އެކު، ސްކޫލްތައް އަލުން ހުޅެވެންދެން ކާނާ އަށް ޖެހިފައިވާ ކުދިންނަށް ކާނާ ފޯރުކޮށްދެވޭނެ ކަމަށެވެ.

"ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކުން މިހާތަނަށް އެބަހުރި އެހީ ދީފައި. އަދިވެސް އެހީތައް އަންނަނީ ލިބެމުން. އެހެންވީމަ ދައްޗެއް ނެތި މި އެހީތަކާ އެކު ކާނާ އަށް ޖެހިފައިވާ ކުދިންނަށް އަހަރެމެންނަށް ދުވަހެއްގެ މައިގަނޑު ތިން ކާނާ ފޯރުކޮށްދެވޭނެ." ޓައުން އެންޑް ކަންޓްރީ މަޖައްލާ އަށް އެންޑްރޫ ވިދާޅުވި އެވެ.