ސްޕްރިންގް ސަމާ ފެޝަން ވީކް ނިޔު ޔޯކްގައި ހުށަހަޅާދޭން މިހާރު ދަނީ ކުރިއަށެވެ. ނަމަވެސް ކޮންމެ އަހަރަކު ނިޔު ޔޯކްގައި ބާއްވާ ފެޝަން ވީކްތަކުގެ އެންމެ ހިތްގައިމު ފޮޓޯތައް ނަގަމުން އައި މަޝްހޫރު ފޮޓޯގްރަފާ ބިލް ކަނިންހަމް 87 އަހަރުގައި މިދިޔަ ޖޫން މަހު މަރުވެފައި ވާތީ ވަރަށް ފަޅެވެ.
ބިލް ވަނީ ނިޔު ޔޯކްގެ ފެޝަން ވީކްތައް 40 އަހަރަށްވުރެ ގިނަ ދުވަހު ޑޮކިއުމެންޓްކޮށްފަ އެވެ. ބިލް އަކީ ހުނަރުވެރި، ހީވާގި އަދި މަޖާ މިޒާޖެއްގެ ފޮޓޯގްރަފަރެކެވެ. އޭނާ ނުދަންނަ މީހެއް ފެޝަންގެ ދުނިޔޭގައި ނެތެވެ.
ތޮއް ޖެހިފައިވާ ނިޔު ޔޯކްގެ މަގުތަކުން ބިލް އަކީ ވަރަށް ފަސޭހައިން ފާހަގަވާ މީހެކެވެ. އެއީ އޭނާގެ ނޫ ކުލައިގެ ޖެކެޓުގެ ސަބަބުންނެވެ. ކޮންމެ ފެޝަން ވީކެއްގައި ވެސް ބިލް ލައިގެން ހުންނަނީ މި ނޫ ކުލައިގެ ޖެކެޓެވެ.
މިދިޔަ ހަފުތާގައި ފެޝަން ވީކް ފެށި އިރު ބިލްގެ ހަނދާނުގައި ހުރިހާ ފެޝަން ފޮޓޯގްރަފަރުން ލައިގެން ތިބީ ނޫ ކުލައިގެ ޖެކެޓެކެވެ. އަންހެން އަދި ފިރިހެން ފޮޓޯގްރަފަރުން ވެސް ގަދަ ނޫ ޖެކެޓެއް ލައިގެން ފެޝަން ވީކް ޝޯތަކުގެ ފޮޓޯތައް ނެގި އެވެ. އެ އެންމެން ވަނީ ބިލް އަށް އިހްތިރާމް އަދާކޮށްފަ އެވެ.