ސެމްސަންގް އުނބަށް ޖަހައިފި، ނޯޓް 10ގައި ހެޑްފޯން ޖެކެއް ނެތް

އެޕަލް އިން އައިފޯނުން ހެޑްފޯން ޖެކް ނައްތާލުން ވީ ބޮޑު މަޖާގަނޑަކަށެވެ. ސްމާޓްފޯން ސިނާއަތުގައި ބާރުގަދަ ކުންފުނިތަކުން އެޕަލް އަށް ޖޯކުޖަހައި، މަލާމާތްކުރި އެވެ. މިކަމުގައި އެންމެ ކުރީގައި އުޅުނީ ސެމްސަންގެވެ. އައިފޯން 7 ގައި 3.5އެމްއެމް ހެޑްފޯން ޖެކް ނުހިމެނުމަކީ ޒަމާނާ ގުޅޭ ކަމެއް ނޫން ކަމަށް ބަޔަކު ބުންޏެވެ.


އައިފޯނުން ހެޑްފޯން ޖެކް ނައްތާލި ސަބަބުން ހާމަކޮށްދިނުމަށް އެޕަލް އިން ދެއްކި ވާހަކާގައި، މައިގަނޑު ބޭނުމެއް ކަމަށް ބުނީ، އެކަން ކުރީ އައިފޯނުގައި އާ ޓެކްނޮލޮޖީ ގާއިމުކުރަން ކަމަށެވެ. ބެޓެރީ ބާރު ދެމެހެއްޓުމަށްޓަކައި، އައިފޯނަށް ބޮޑު ބެޓެރީއެއް ބޭނުންވާ ކަމަށް ވެސް ބުންޏެވެ. އައިފޯނުގެ ސައިޒަށް ބަދަލު ނުގެނެސް، އެތެރެއިން ޖާގަ ހުސްކުރުން ނޫން ގޮތެއް އެއިރު އެޕަލް އިޚުތިޔާރުނުކުރީ ބޭނުންކުރާ މީހުންނަށް ލުއިކޮށްދިނުމަށެވެ. ސައިޒަށް ގެންނަ ބަދަލުތަކުގެ ސަބަބުން ފޯނުގެ އަގު ބޮޑުވެދާނެތީ އެވެ.

ސެމްސަންގުން މިދާކަށް ދުވަހު ތައާރުފުކުރި ނޯޓް 10 ގައި ހެޑްފޯން ޖެކެއް ނެތެވެ. އެ މީހުން މިހާރު އުޅެނީ، އެޕަލް އަށް މަލާމަތްކޮށް އުފެއްދި ވީޑިއޯ އިސްތިހާރުތައް ނައްތާލާނެ ގޮތެއް ހޯދުމުގަ އެވެ. ސެމްސަންގް ބާރު ފޯރާ ފަށުގައި ހުރި ސޯޝަލް މީޑިއާ އެކައުންޓްތަކުން އާންމުކުރި ވީޑިއޯ އިސްތިހާރުތައް ނަގައި، މަލަމަތި އޮމާންކޮށްފި ކަމަށް ވެސް އެބަ ބުނެވެ އެވެ. އެހެން ނަމަވެސް، ބަލާލާފައި ހީލަން ރަނގަޅު ވީޑިއޯ އިސްތިހާރުތައް ވަނީ ބަޔަކު އަތުޖައްސާފަ އެވެ.

އެޕަލްގެ އުފެއްދުންތަކަށް ޖޯކުޖަހައި ސެމްސަންގުން ކުޅެފައި ހުރި އިސްތިހާރުތަކެއް

ގެލަކްސީ ނޯޓް 10 އަކީ ސެމްސަންގުން ނެރޭ އެންމެ ބާރުގަދަ ފޯނެެވެ. މި ފަހަރު ނޯޓް 10 އާންމުކުރުމުގައި ވަނީ އާދަކާދަ ދޫކޮށްލައި، ދެ މޮޑެލްއެއް ނެރެފަ އެވެ. އެއީ ނޯޓް 10 ޕްލަސް އަދި ނޯޓ 10 އެވެ. ނޯޓް 10އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި އަދި އެހެން މޮޑެލްއެއް ވެސް ނެރެފާނެ ކަމަށް ބުނެވެ އެވެ. އެއީ ނޯޓް 10 5ޖީ އެވެ. ސެމްސަންގް ގެލަކްސީ ނޯޓް 10 އަކީ ސްމާޓްފޯން މާކެޓްގައި މިހާރު ލިބެން ހުރި އެންމެ ބާރުގަދަ އެންޑްރޮއިޑް ފޯނެވެ.