ކުވައިތުގެ އަންހެނަކު ދެ ނަމެއްގައި އައިޑީ ކާޑު ހަދައިގެން ދެ މީހަކާ ކައިވެނިކޮށްގެން އުޅުނު މައްސަލައެއް ފަޅާއަރައި، އޭނާގެ މައްޗަށް ދައުވާކޮށް 7 އަހަރުގެ ޖަލު ހުކުމެއް ކުވައިތުގެ ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި އިއްވައިފި އެވެ.
މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން އަންހެން މީހާގެ ވަނަވަރު ހާމަނުކޮށް ބުނީ އޭނާ ދެ ނަމެއްގައި ދެ އައިޑީ ކާޑު ގެންގުޅެ، ދެ މީހަކާ ކައިވެނި ކުރުމުގެ އިތުރަށް ދެ ތަނެއްގައި ދެ ނަމުގައި ވަޒީފާ ވެސް އަދާކުރަމުން ގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން ފޯރުކޮށްދޭ އެލެވަންސްތަކެއް ވެސް ދެ އައިޑީ ކާޑުން އޭނާ ނަގަމުން ގޮސްފައިވާ ކަމަށާއި ދެ އައިޑީ ކާޑުގެ އެހީގައި ހައުސިން ލޯނުތަކެއް ވެސް ނަގާފައިވާ ކަމަށް ބުންޏެވެ. ނަމަވެސް އަންހެން މީހާގެ މައްސަލަ ފަޅާއެރި ގޮތަކާއި އެކަމާ ގުޅޭ އެއްވެސް ތަފުސީލެއް މީޑިއާތަކުން ހާމައެއްނުކުރެ އެވެ.
ކުވައިތުގެ މީޑިއާތަކުން ބުނިގޮތުގައި މިއީ އެ ގައުމުގެ ތާރީހުގައި ވެސް އަންހެނެއްގެ ފަރާތުން މިފަދަ ކުށެއް ފަޅާއެރި ފުރަތަމަ ފަހަރެވެ.