ދުނިޔޭގެ އެންމެ ދުވަސްވީ ކައިވެނީގެ ރެކޯޑް އެމެރިކާގެ ދެމަފިރިއެއްގެ ކައިވެންޏަށް ލިބިއްޖެ އެވެ.
އުމުރުން 106 އަހަރުގެ ޖޯން ހެންޑަސަން އާއި އަންހެނުން ޝާލޮޓް، 105، ކައިވެނިކުރީ 1939 ގަ އެވެ. އެ ދެ މީހުން ފުރަތަމަ ބައްދަލުވެ ލޯބީގެ ގުޅުމެއް ފެށުނީ ޓެކްސަސް ޔުނިވަސިޓީގައި ކިޔެވި ދުވަސްވަރު 1934 ގަ އެވެ.
މި ވަގުތު ދުނިޔޭގެ އެންމެ ދުވަސްވީ ކައިވެނީގެ ރިކޯޑް ހެންޑަސަން އާއި ޝާލޮޓަށް ރަސްމީކޮށް ގިނިސް ވޯލްޑް ރިކޯޑުން ވެސް އަރުވާފައިވާ އިރު، މި ދެމަފިރިންގެ ކައިވެންޏަށް ރަސްމީކޮށް 80 އަހަރު ފުރޭނީ އަންނަ މަހުގެ 15 ގަ އެވެ.
ދެމަފިރިން ކިޔައިދިން ގޮތުގައި އެ މީހުންގެ ކައިވެނިކުރީ ވަރަށް އާދައިގެ ގޮތަކަށެވެ. އަދި ހަނީމޫނަށް ހޭދަކުރީ އެންމެ 7 ޑޮލަރެވެ. ހަނީމޫން ހޭދަކުރީ ހޮޓަލެއްގަ އެވެ. އެކަމަކު ކައިވެނީގެ ކޮންމެ ދުވަހަކީ ވަރަށް އުފާވެރި، އެކަކު އަނެކަކަށް އޮންނަ ލޯތްބާއި އޯގާތެރިކަން އިތުރުވަމުންދާ ދުވަހެއް ކަމަށް ބުންޏެވެ.
"އަހަރެމެންގެ ކައިވެނީގެ ސިއްރަކީ ދިރިއުޅުމުގައި ގެންގުޅުނު މެދުމިންވަރާއި އެކަކު އަނެކަކަށް އޮންނަ ހިފަހެއްޓުމެއް ނެތް ލޯބި،" ހެންޑަސަން ބުންޏެވެ.
ހެންޑަސަންއަކީ އޭނާ ވަރަށް ޒުވާން އުމުރުގައި ޕްރޮޕެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެކެވެ.
މީގެ 10 އަހަރު ކުރިން ފެށިގެން ހެންޑަސަން އާއި ޝާލޮޓް ދިރިއުޅެމުން އަންނަނީ ޓެކްސަސް ޔުނިވަސިޓީގެ ބެލުމުގެ ދަށުން ދުވަސްވީ މީހުންގެ ކޮމިއުނީޓީއެއް އޮންނަ ލޮންގޯން ވިލެޖްގަ އެވެ.
ދެ މީހުންގެ އުމުރުން ގަރުނަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔަ އިރު، ހެންޑަސަން އާއި ޝާލޮޓް އަދިވެސް ތިބީ ދުޅަހެޔޮ ސިއްހަތެއްގަ އެވެ. މި ދެމަފިރިންގެ ދަރިއަކު ނެތެވެ.