ގޭގެ މަސަައްކަތްތަކަށް ބޯޅަ ރޮބޮޓެއް

ސެމްސަންގުގެ ވާހަކަ އެންމެ ގިނައިން ދައްކާނީ އެ ކުންފުނީގެ ސްމާޓްފޯންތަކާ ގުޅުވައިގެންނެވެ. އެކަމަކު ޓެކްނޮލޮޖީގެ ދުނިޔޭގައި ދެކުނު ކޮރެއާ ކުންފުނި އަންނަނީ އާ ކަންކަން ތަޖުރިބާކުރަމުންނެވެ.


މިއީ "ބެލީ" ކިޔާ "ބޯޅަ" އެކެވެ. ބޮޑަށް ވައްތަރީ ޓެނިސް ބޯޅައަކާ އެވެ. އެކަމަކު މިއީ ބޯޅައެއް ނޫނެވެ. ރޮބޮޓެކެވެ. ގޭތެރޭގައި "އެނބުރޭ" ގޮތަށް ފަރުމާކޮށްފައިވާ މި ރޮބޮޓަކީ ގޭގައި ބޭނުންކުރާ ސްމާޓް ޑިވައިސްތަކުގެ މަސައްކަތްތައް މީހެއްގެ އެހީއަކާ ނުލައި ކޮށްދޭނެ އާލާތެކެވެ.

އާދައިގެ ގޮތަކަށް "ބެލީ" ސިފަކުރާ ނަމަ މިއީ ރިމޯޓެކެވެ. މިއީ ގޭތެރޭގައި ބޭނުންކުރާ ހުރިހާ ސްމާޓް ޑިވައިސްތަކާ ކުޅެލުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ.

މިސާލަކަށް، ޓީވީއާ އާއި ދޮންނަމެޝިނާއި އޭސީއާ ކުޅުމާއި ފިޓްނެސް އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރުމާއި ސްމާޓް ޑިވައިސްތައް ބޭނުންކޮށްފައި ހުންނަ ދޮރުފޮތި ކަހާލުމާއި އަދި އެ ނޫން ވެސް ސްމާޓް ހުރިހާ އެއްޗަކަށް މީހެއްގެ އެހީއާ ނުލައި "ބެލީ" މަސައްކަތްކޮށް ދޭނެ އެވެ. މީގެ ހާއްސަ އެއް ސިފަ އަކީ އެ ވަގުތަކު އެ މީހަކަށް މުހިއްމުވާ ކަމެއް ދެނެގަނެ އެކަންކަން ކުރުމެވެ.

އެހެންވެ ސެމްސަންގުން މި ރޮބޮޓް ސިފަކުރަނީ ގޭތެރޭގައި މަސައްކަތްތައް ލުއިކޮށްދޭނެ އެއްޗެއްގެ ގޮތުގަ އެވެ. އެމެރިކާގެ ލަސް ވެގަސްގައި މިހާރު ކުރިއަށްދާ މި އަހަރުގެ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި ދައްކައިލި "ބެލީ" ބާޒަރަށް ނެރޭނެ އިރަކާއި މީގެ އަގު ސެމްސަންގުން އަދި ހާމައެއްނުކުރެ އެވެ.