ޓްވިޓާ އިން ޓިކްޓޮކާ ގުޅެނީ؟

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް ގަންނަން އެމެރިކާގެ މައިކްރޮސޮފްޓުން މަޝްވަރާތައް ކުރަމުން އަންނަނިކޮށް، ޓްވިޓާ އިން ވެސް ޓިކްޓޮކާ ގުޅެން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.


ބައެއް މީޑިއާތަކުން ބުނީ ޓްވިޓާ އާއި ޓިކްޓޮކް ވެސް މިހާރު ތިބީ މަޝްވަރާއެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް ޓްވިޓާ އިން ޓިކްޓޮކް ގަންނަން އުޅެނީ ކަމެއް ނުވަތަ ދެ ކުންފުނި އެކީގައި މަސައްކަތްކުރަން "ބައިއަތުހިފަން" އުޅެނީ ކަމެއް ކަށަވަރުނުވާ ކަމަށް ނޫސްތަކުން ބުނެ އެވެ.

އަނެއްކޮޅުން ސުވާލަކީ މިދިޔަ ބުރާސްފަތި ދުވަހު ޓިކްޓޮކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ނެރުއްވި އަމުރާ ގުޅިގެން ޓްވިޓާއާ އެކު ޓިކްޓޮކްކުރަން އުޅޭ މުއާމަލާތް ކުރިއަށް ގެންދެވިދާނެތޯ އެވެ. ސަބަބަކީ މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަން ކުރާ މަސައްކަތް ކޮޅެއްގައި ޖައްސަން 45 ދުވަހުގެ ދުވަހުގެ މުހުލަތެއް ދެއްވުމަށް ފަހު، އޭގެ ފަހުން ޓިކްޓޮކާއި ބައިޓްޑާންސާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް އެމެރިކާގައި ނުކުރޭވެ ކަމަށް ޓްރަމްޕްގެ އަމުރުގައި ބުނެފައިވުމެވެ.

ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ބުނީ ޓްވިޓާ އާއި ޓިކްޓޮކްގެ "ގުޅުން" ސާފު ނުވިޔަސް ޓްވިޓާ އަކީ ޓިކްޓޮކް ވިއްކައިލާ ނަމަ އެ ރޭހުގެ ތެރެއިން ބައިޓްޑާންސުން ސީރިއަސްކޮށް ވިސްނާނެ ކުންފުންޏެއް ކަމަށެވެ. އެކަމަކު މައިކްރޮސޮފްޓަށް ޓިކްޓޮކް ވިއްކާލައިގެން ޓްވިޓާ އަށް ވުރެ މާ ބޮޑު އަގެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.