އަނބިމީހާ މަރުވުމުން ސްޓެޗޫއެއް ހަދައި އާ ގެޔަކަށް ގެންގޮސްފި

އިންޑިއާގެ ކަރްނާޓަކާގެ ވިޔަފާރިވެރިއަކު އޭނާގެ އަނބިމީހާގެ އެދުމަކަށް ބިނާކުރި ރީތި ގެ ނިމުމުގެ ކުރިން އަނބިމީހާ މަރުވެފައި ވާތީ، ގެ ނިންމުމަށް ފަހު އަނބިމީހާގެ ސްޓެޗޫއެއް ހަދައި އެ ގޭގައި "ގެންގުޅެން" ފަށައިފި އެވެ.


ކޮއްޕާލް ޑިސްޓްރިކްޓްގައި އިމާރާތްކުރި ގެ ނިންމައި އެތަން އާއިލާގެ މީހުންނާއި އަވަށްޓެރިންނަށް ދައްކައިލަން ބޭއްވި ހަފުލާގައި އެންމެންނަށް ވެސް ހައިރާންކަން ލިބުނީ ސްރިނިވާސް ގުޕްތާގެ މަރުވެފައިވާ އަންހެނުން އެމްވީކޭ މަދަވީ ސޯފާއެއްގައި އިންދާ ފެނުމުންނެވެ.

ސިލިކަން ވެކްސް އިން އަނބިމީހާގެ ސްޓެޗޫ ތައްޔާރުކޮށް ބައިންދާފައި އިނީ ރީތި ބޮޑު ސޯފާއެއްގަ އެވެ. ސްޓެޗޫގައި އިނީ ފިޔާތޮށި ކުލައިގެ ސާޅީއެއް އަޅުވައި ގަހަނާތަކުން ވެސް ޒީނަތްތެރިކޮށް ނަލަހައްދައިފަ އެވެ.

މަދާވީ މަރުވީ 2017 ގައި ފިރިމީހާ އާއި ދެ އަންހެން ދަރިންނާ އެކު ތިރުޕަތީ އަށް ކުރި ދަތުރެއްގައި މަގުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަ އެވެ.

ސްރިނިވާސް ބުނި ގޮތުގައި އޭނާ އަގުބޮޑު ރީތި ގެއެއް އިމާރާތްކުރަން ނިންމީ އެކަމަކީ އަންހެނުން ދުނިޔޭގައި ހުރި އިރު އަބަދު ވެސް ދެކެމުން ދިޔަ ހުވެފަނަކަށްވާތީ އެވެ. އެހެންވެ ގަނޑުވަރެއް ކަހަލަ ގެއެއް ބިނާކުރަން ބޭނުންވީ ކަމަށާއި އަންހުންގެ ސޫރައިގެ ސްޓެޗޫއެއް ހަދައި ގޭގައި ބެހެއްޓީ ވެސް މަދަވީގެ ހަނދާނަކަށްޓަކައި ކަމަށް ބުންޏެވެ.

ސްރިނިވާސް ބުނީ ސްޓެޗޫ ތައްޔާރުކޮށް ދިނީ ބެންގަލަރޫގެ އާޓިސްޓެއް ކަމަށްވާ ޝްރީދާރު މުރުތީ ކިޔާ މީހެއް ކަމަށެވެ. އެ ސްޓެޗޫން މިހާރު އިހުސާސްކުރެވެނީ އަންހެނުން އޭނާއާ އެކު ގޭގައި އުޅޭކަން ކަމަށް ބުންޏެވެ.

"މި ސްޓެޗޫ ނިންމަން އަހަރެއްހާ ދުވަސް ނެގި. އޭތި ފެނުމުން މިހާރު އަންހެނުން ހަމަ ފެންނަ ކަހަލަ. މިކަމުން ހިތަށް އުފާވެރިކަން ގެނުވައިދޭ." ސްރިނިވާސަން ބުންޏެވެ.