"އެވެންޖާޒް" ވީޑިއޯ ގޭމް ނެރެފި

މާވެލްގެ "އެވެންޖާޒް" ސީރީޒްގެ ފިލްމުތަކުގެ ޖާދޫގައި ޖެހުނު މީހުން އިންތިޒާރުކުރަމުން ދިޔަ "މާވެލްސް އެވެންޖާޒް" ވީޑިއޯ ގޭމް ހުކުރު ދުވަހު ނެރެފި އެވެ.


ގޭމް ނެރެން އުޅޭކަން އިއުލާންކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޖަޕާނުގެ ސޮނީ އާއި ޑިޒްނީގެ މާވެލް އެންޓަޓައިންމަންޓާއި ވީޑިއޯ ގޭމް ޑިވެލޮޕްކުރާ ކްރިސްޓަމް ޑައިނަމިކްސްގެ ސަބްސިޑަރީ ކުންފުނި ސްކެއާ އެނިކްސް ގުޅިގެން "އެވެންޖާޒް" ވީޑިއޯ ގޭމް ނެރުނީ ޕްލޭސްޓޭޝަން 4 އާއި އެކްސްބޮކްސް ވަން އާއި ޕީސީ ގޫގުލްގެ ކްލައުޑް ގޭމިން ޕްލެޓްފޯމް ސްޓާޑިއާގައި ވެސް ކުޅެވޭ ގޮތަށެވެ.

ސްކެއާ އެނިކްސް އަކީ "ޓޮމްބް ރެއިޑާ" ވީޑިއޯ ގޭމް ސީރީޒް އުފެއްދުމުގައި ވެސް ހިއްސާވި ކުންފުންޏެވެ.

"އެވެންޖާޒް" ގޭމްގެ އަގަކީ 60 ޑޮލަރެވެ. އަދި އިން-ގޭމް ޓްރާންސެކްޝަން މެދުވެރިކޮށް އިތުރު ކެރެކްޓާ ކޮސްޓިއުމްތަކާ އެކު އަޕްޑޭޓްތައް ހޯދޭނެ އެވެ. "އެވެންޖާޒް" ވީޑިއޯ ގޭމް ފަރުމާކޮށްފައި ވަނީ ގިނަ މޯޑްތަކަކާ އެކީގަ އެވެ. އެގޮތުން އޮންލައިންކޮށް އިތުރު ކުޅުންތެރިންނާ އެކު ވެސް ގޭމް ކުޅެވޭނެ އެވެ.

ސްކެއާ އެނިކްސް އިން ބުނިގޮތުގައި އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެޕިކް ގޭމްސްގެ "ފޯޓްނައިޓް" ކަހަލަ ގޭމަކަށް "އެވެންޖާޒް" ހެދުމެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އިތުރު އަޕްޑޭޓްތައް ގެނެސްދީ ސީޒަންތަކަކަށް ދެމިގެންދާ ގޮތަށް ގޭމް ބައްޓަންކުރާނެ ކަމަށް ބުންޏެވެ.