ލޯބިވެރިޔާ ކައިވެންޏާ މެދު ސީރިއަސްކަން އެނގޭނީ ކިހިނެއް؟

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް ދުވަހެއްވީ އިރު ވެސް ބައިވެރިޔާ ކައިވެންޏާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާ ހެއްޔެވެ؟ ނުވަތަ އެފަދަ އިޝާރާތެއް ދޭ ހެއްޔެވެ؟ ބައެއް މީހުންގެ ގުޅުން އަހަރުތަކަކަށް ދެމިގެންދާ އިރު ވެސް ކައިވެނީގެ ވާހަކަ ނުދެއްކުމަކީ ވަރަށް ބޮޑު ކަމަކަށްވެ އެވެ.


އެހެންވެ އެ ގުޅުމައިގެން ހަމަ ހަގީގަތުގައި ވެސް ކުރިއަށް ދާންވީތޯ އަމިއްލަ ނަފުސާ ވެސް ސުވާލުކުރެވޭ ފަހަރު މަދެއް ނޫނެވެ. ފަހަރެއްގައި ލޯބިވެރިޔާ ކައިވެނީގެ ވާހަކަ ނުދައްކަނީ ބައެއް ސަބަބުތަކާ ހުރެ ކަމަށް ވެދާނެ އެވެ

އޭގެ ތެރޭގައި ދެ މީހުން ދަސްވާން ވަގުތު ނެގުމާއި ކެރިއަރަށް ފޯކަސްކުރުން ފަދަ ކަންކަން ހިމެނިދާނެ އެވެ. އެކަމަކު ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ނަމަ ކޮންމެ މީހަކު ވެސް ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކާނެ އެވެ. އޭގައި ވަކި ޖިންސެއްގެ މެދުގައި ތަފާތެއް ވެސް ނެތެވެ. އެހެންވެ ބައިވެރި އަކީ ހަމަ ހަގީގަތުގައި ތިމާގެ ހަޔާތުގެ ހަގީގީ ބައިވެރިޔާތޯ ދެނެގަތުން ވެސް މުހިއްމެވެ. ވަރަށް އާދައިގެ ހަތަރު ކަމަކުން މިކަން ފާހަގަކުރެވިދާނެ އެވެ.

* މައިންބަފައިންގެ ވާހަކަ ދެއްކުން

ދެ މީހުންގެ މެދުގައި ދެކެވޭ ވާހަކަތަކުގެ ތެރޭގައި ލޯބިވެރިޔާ އޭނާގެ މަންމަ އާއި ބައްޕަގެ ކައިވެނީގެ ގުޅުމާއި އެ ގުޅުމުގެ ކާމިޔާބީގެ ވާހަކަ އާންމުކޮށް ދައްކައި އުޅޭ ނަމަ އެއީ އޭނާ ވެސް ސީރިއަސް ކޮށް ކައިވެންޏާ ދޭތެރޭ ވިސްނާކަމުގެ ހެއްކެކެވެ. އެހެންވެ މކިފަދަ ވާހަކައެއް ދެ މީހުންގެ ދޭތެރޭގައި ދެކެވޭތޯ ފާހަގަކުރެވިދާނެ އެވެ.

* މުސްތަގުބަލުގެ ވާހަކަ ދެއްކުން

އެކީގައި ހަޔާތެއް ފަށަން ބޭނުންވާ މީހެއް ނަމަ މުސްތަގުބަލުގެ ޕްލޭންތަކާ ބެހޭ ގޮތުން އާންމުކޮށް ވާހަކަ ދައްކާނެ އެވެ.

ދެ މީހުންގެ ދިރިއުޅުން ކުރިއަށް އޮތް ތަނުގައި ބައްޓަންކުރާނެ ގޮތާއި ކައިވެންޏަށް ފަހު ދެ މީހުންގެ ދިރިއުޅުމަށް އަންނާނެ ބަދަލުތަކާ ބެހޭ ވާހަކަތައް ފަދަ ކަންކަން މީގެ ތެރެއިން އަންނާނެ އެވެ. އަދި ކެރިއަރު ބިނާކުރާނެ ގޮތާއި ދަރިން ހޯދުން ފަދަ ކަންކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވޭނެ އެވެ.

ދެ މީހުންގެ ދޭތެރޭގައި މުސްތަގުބަލާ ބެހޭ ގޮތުން ވާހަކަ ދެކެވޭ ނަމަ އެއީ ކައިވެންޏާ ދޭތެރޭ ދެ މީހުން ވެސް ވިސްނާކަމުގެ ހެއްކެކެވެ. އެހެންވެ އެކަން ފާހަގަކުރާށެވެ.

* އާއިލާ އަށް ތައާރަފުކޮށް ދިނުން

އާއިލާގެ މީހުންނާ ތިމާ ބައްދަލުކުރުވަން ލޯބިވެރިޔާ ބޭނުންވާ ނަމަ އޭގެ މާނަ އަކީ އެ ގުޅުމަކާ ދޭތެރޭ އެ މީހަކު ސީރިއަސްކޮށް ވިސްނާކަމެވެ.

އެހެންވެ ދެ މީހުންގެ ދޭތެރޭގައި ދެކެވޭ ވާހަކަތަކުގައި ގެއަށް ޒިޔާރަތްކޮށް، އާއިލާގެ މީހުންނާ ބައްދަލުކުރަން އެދޭ ނަމަ އެކަން ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކޭށެވެ. އަދި ދަނޑިވަޅުގެ ގޮތުން އެކަން ކުރަން އުނދަގޫވާ ނަމަ އެކަން ބައިވެރިޔާ ހިއްސާ ވެސް ކުރާށެވެ.

* ގޭތެރެ ޒީނަތްތެރިކުރުމުގެ ވާހަކަ

މިއީ ފަހަރުގައި ތަންކޮޅެއް ހައިރާންވާ ކަހަލަ ވާހަކައަކަށް ވެސް ވެދާނެ އެވެ. އެކަމަކު ލޯބިވެރިޔާއާ އެކީގައި ހޭދަކުރާ ވަގުތުތަކުގައި ފަރުނީޗަރު ވިއްކާ ތަންތަނާއި ގޭތެރެ ޒިނަތްތެރިކުރަން ބޭނުންކުރާ ކަހަލަ ސާމާނު ފަދަ ތަކެތި ވިއްކާ ތަންތަނަށް ދާން ބައިވެރިޔާ ޝައުގުވެރިވާ ނަމަ އޭގެ މާނަ އަކީ ތިމާ ގޮވައިގެން ހަޔާތުގެ ދަތުރަށް ލޯބިވެރިޔާ ތައްޔާރު ވަނީ އެވެ. އަދި އެކަމުން ދައްކުވައި ދެނީ ދެ މީހުން އެކީގައި ވަރަށް ލޯބިން އުޅޭނެ ތަނަކާ (ގެ/ކޮޓަރި) ދޭތެރޭ ބައިވެރިޔާ ވިސްނާ ކަމެވެ.

އެހެންވެ ބައިވެރިޔާގެ ފަރާތުން ފެންނަ މިފަދަ ކަންކަން ޕޮޒިޓިވްކޮށް ނަގާށެވެ. އަދި ހިއްސާވުން އިތުރުކުރާށެވެ. ހަމަ ގައިމު ވެސް ދެ މީހަކު ލޯބީގެ ގޮތުން ގުޅޭނީ އެކީގައި އުޅެން އުންމީދުކޮށްގެންނެވެ. އެހެންވެ އަބަދު ވެސް ބައިވެރިޔާއާ ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނުމަކީ ގުޅުމެއް ކުރިއަށް ގެންދަން ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމެކެވެ.