ޕިއްޒާ ޑެލިވަރީކުރާ އުމުރުން ދުވަސްވީ މީހަކަށް 12،000 ޑޮލަރުގެ ޓިޕްސްއެއް

އެމެރިކާގައި ޕިއްޒާ ޑެލިވަރީކުރާ އުމުރުން ދުވަސްވީ ޑްރައިވަރަކަށް އާއިލާއެއްގެ ބަޔަކު ޒިޔާރަތްކޮށް 12،000 ޑޮލަރުގެ ޓިޕްސްއެއް ދީ ހައިރާންކޮށްލައިފި އެވެ.


ޔޫޓާގައި ދިރިއުޅޭ 89 އަހަރުގެ ޑާލިން ނީވީ ހުރީ މި ހަދިޔާގެ ސަބަބުން ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އޭނާ ބުނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބަޔަކު ގޭގެ ދޮރުގައި ޓަކި ޖަހަން ފެށުމުން ހުޅުވި އިރު ތިބީ އޭނާ އާންމުކޮށް ޕިއްޒާ ޑެލިވަރީކޮށްދޭ އާއިލާއެއްގެ ބަޔަކު ކަމަށެވެ. އަދި އެ މީހުން ފެނުމުން ގެއަށް ވަންނަން ދައުވަތު ދިނުމުން ދިނީ އުންމީދު ވެސް ނުކުރާ ކަހަލަ ހަދިޔާއެއް ކަމަށް ބުންޏެވެ. ނީވީ ބުނި ގޮތުގައި 12،069 ޑޮލަރަކީ އޭނާ އަށް ވަރަށް ބޮޑު އަދަދެކެވެ.

"އުފަލުން ގޮސް ރޮވުނު. ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓުނު،" ނީވީ ޕިއްޒާ ޑެލިވަރީކޮށްދޭ ވަލްޑޭޒް އާއިލާ އިން ދިން ސަޕްރައިޒާ ބެހޭ ގޮތުން ބުންޏެވެ.

ވަލްޑޭޒް އާއިލާ އަކީ އެ މީހުން އޯޑަރުކުރާ ޕިއްޒާ ވީނީ ގެންގޮސްދޭ އިރު ކޮންމެ ފަހަރަކު ވެސް އޭނާގެ ހަރަކާތްތައް ރެކޯޑްކޮށް ޓިކްޓޮކްގައި ވެސް ހިއްސާކުރަމުން އަންނަ އާއިލާއެކެވެ. އެއީ ޓިކްޓޮކްގައި ހަރަކާތްތެރި އާއިލާއެކެވެ. އާއިލާ ފޮލޯކުރާ މީހުންގެ އަދަދު 53،000 އަށް އަރަ އެވެ.

ނަމަވެސް ޓިކްޓޮކަކަކީ ނީވީ ދަންނަ އެއްޗެއް ނޫނެވެ. އޭގެ ވާހަކަ އަޑު އެހީ ވެސް ވަލްޑޭޒް އާއިލާގެ މީހުންގެ ފަރާތުންނެވެ.

އޭނާ ކިޔައިދިން ގޮތުގައި އުމުރުން އެހާ ދުވަސްވެފައި ހުއްޓައި ވެސް ވަޒީފާއެއް އަދާކޮށްގެން ލިބޭ އާމްދަނީ ދިރިއުޅެން ބޭނުންވީ ސަރުކާރުން ލިބޭ އިނާޔަތަށް އެކަނި ބަރޯސާވެގެން އުޅެން ބޭނުން ނުވާތީ އެވެ. އެގޮތުން "ޕާޕާ ޖޯންސް ޕިއްޒާ" ރެސްޓޯރަންޓްގައި އޭނާ އަކީ ހަފުތާ އަކު 30 ގަޑިއިރު މަސައްކަތްކުރާ މީހެކެވެ.

ވީނީގެ ހިދުމަތާ ބެހޭ ގޮތުން ކާލޯސް ވަލްޑޭޒްގެ ބުނީ އެ މީހުންނަށް މިހާތަނަށް ވީނީގެ ފާހަގަކުރެވުނީ މަސައްކަތުގެ ރީތި އަހުލާގާއި ކަމަށް ކަމޭހިތުމުގެ ޖޯޝް އެވެ. އެހެންވެ ކަސްޓަމަރުންތަކެއްގެ ހައިސިއްޔަތުން ދުވަސްވީ ހިދުމަތްތެރިޔާގެ އަގުވަޒަން ކުރަން ބޭނުންވީ ކަމަށެވެ.

ވީނީ އަށް ދިން ޓިޕްސްގެ ރަމްޒީ ޗެކް.

"އަހަރެމެން އާއިލާގެ އެންމެން ވެސް ވަރަށް ލޯބިވާ އަދި އިހުތިރާމުކުރާ ޝަހުއްސިއްޔަތަކަށް ވީނީ ވެފައި ވަނީ،" ކާލޯސް ބުންޏެވެ. "އޭނަ އަކީ ވަރަށް ހިތްހެޔޮ އޯގާތެރި މީހެއް."

އޭނާ ކިޔައިދިން ގޮތުގައި ވީނީ އަށް ހަދިޔާކުރި 12،069 ޑޮލަރުގެ ޓިޕްސް އަކީ ފޮލޯވަރުން ވެސް ބޭނުންވެގެން ފައިސާ އެއްކޮށްގެން ދިން ހަދިޔާއެކެވެ. އަދި ޓިޕްސްގެ ރަމްޒީ ޗެކާ އެކު "ހެލޯ އާ ޔޫ ލުކިން ފޯ ސަމް ޕިއްޒާ؟" ޖަހާފައިވާ ޓީޝާޓެއް ވެސް ވީނީ އަށް ހަދިޔާކުރި އެވެ. މި ހަދިޔާތަކާ އެކު ވީނީ ބުނަން އޮތްހާ ވެސް އެއްޗަކީ "ޝުކުރިއްޔާއޭ" އެވެ.