ބުލީއާ ދެކޮޅަށް އިންސްޓަގްރާމުން އާ ފީޗާއެއް ޓެސްޓްކުރަނީ

އިންސްޓަގްރާމްގައި ޕޯސްޓްކުރާ އެއްޗިއްސަށް ކުރާ ކޮމެންޓްތަކަށް ފާރަވެރިވުމަށްޓަކައި މިދިޔަ އަހަރު "ރެސްޓްރިކްޓް" ކިޔާ ޓޫލެއް ތައާރަފުރުމަށް ފަހު، ފުރައްސާރަ އާއި ބުލީގެ ކޮމެންޓްތައް އަމިއްލަ އަށް ފޮރުވޭ ފީޗާއެއް އިންސްޓަގްރާމުން ޓެސްޓްކުރަން ނިންމައިފި އެވެ.


ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމްގެ 10 ވަނަ އަހަރީ ދުވަހާ ދިމާކޮށް އަންގާރަ ދުވަހު ބުނި ގޮތުގައި ޕޯސްޓްތަކުގައި އަލަށް ޓެސްޓްކުރަން ފަށާ ފީޗާގެ އެހީގައި، ބުލީކުރެވޭ ގޮތަށް ބޭނުންކުރާ ބަހުރުވަ އާއި ލަފުޒުތައް އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ގެ އެހީގައި ދެނެގަނެ، އެފަދަ ކޮމެންޓްތައް އޮޓޯ އިން ފޮރުވޭނެ އެވެ. އެކަމަކު ކޮމެންޓްތައް ބަލަން ބޭނުން ނަމަ "ވިއު ހިޑެން ކޮމެންޓްސް" އަށް ޓެޕްކުރުމުން ކޮމެންޓްތައް ކިޔައިލެވޭނެ އެވެ. މިފަދަ ފީޗާއެއް އިންސްޓަގްރާމުން ޓެސްޓްކުރަން ފެށި އިރު، ބުލީކުރެވޭ ގޮތަށް ކުރާ ކޮމެންޓްތައް ކުރިން ރިޕޯޓް ވެސް ކުރެވެ އެވެ.

އޮންލައިން ބުލީއާ ދެކޮޅަށް މިދިޔަ އަހަރު އިންސްޓަގްރާމަށް ގެނައި "ރެސްޓްރިކްޓް" ޓޫލް ވެސް ވީ ޕޯސްޓްތަކަށް ކުރާ ކޮމެންޓްތަކުގައި ހިތުހުރިހާ އެއްޗެއް "ގޮވުން" ހުއްޓުވަން އެޅުނު ބާރަކަށެވެ. ކުރާ ކޮމެންޓްތަކުގައި ފުރައްސާރައާ އަށް މަގުފަހިވާ ޒާތުގެ އިބާރާތެއް އިން ނަމަ އެ ކޮމެންޓް ޕޯސްޓްކުރަން ބޭނުންވޭތޯ އޭގެ ސަބަބުން ސުވާލުކުރެ އެވެ. އަދި އެފަދަ ކޮމެންޓްތައް ފޮނުވާ މީހާ އާއި ލިބޭ މީހާ ނޫން އިތުރު ބަޔަކަށް ނުފެނެ އެވެ.

އިންސްޓަގްރާމުން ބުނި ގޮތުގައި ބުލީއާ ދެކޮޅަށް އަލަށް ޓެސްޓްކުރަން ފެށި ފީޗާއާ އެކު އިތުރު އިންޒާރެއް ވެސް ދޭނެ އެވެ. އެއީ ތަކުރާރުކޮށް "އޮފެންސިވް" ކޮމެންޓްކުރާ ނަމަ އެކަން ހަނދާންކޮށް ދިނުމެވެ. އެކަން ތަކުރާރުކުރާ ނަމަ އެ މީހެއްގެ ކޮމެންޓްތައް ނުފެންނަ ގޮތަށް، ހަދައި އެކައުންޓް ޑިލީޓް ވެސް ކޮށްލާނެ އެވެ.

އާ ފީޗާ އާންމުކޮށް ދޫކޮށްލާ އިރެއް އިންސްޓަގްރާމުން އަދި ނުބުނެ އެވެ.