މާސްގައި އިންސާނުން ފުރަތަމަ އުޅޭނީ "ގްލާސް ޑޯމް" ގައި: އީލޮން މަަސްކް

މާސް އަކީ އިންސާނުން ދިރިއުޅެން ކަމުދާ ޕްލެނެޓެއްކަމާ ދޭތެރޭ މިހާރު ސުވާލެއް ނެތް ކަމަށާއި އެތަނުގައި ވަޒަންވެރިވާ އިންސާނުންގެ ފުރަތަމަ އާބާދީ ދިރިއުޅޭނީ "ގްލާސް ޑޯމްތަކެއް" ގެ ތެރޭގައި ކަމަށް ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.


އީލޮން އަންނަނީ 2030 ގެ މާސް އަށް އިންސާނުން ފޮނުވުމަށް މަސައްކަތް ކުރަމުންނެވެ. އަދި މާސް އަކީ އިންސާނުންގެ ދާއިމީކޮށް އާބާދުވާ ތަނަކަށް ހެދުމަށްޓަކައި އެތަނުގައި "ޓެރަފޯމިން" ޕްރޮސެސް ކުރިއަށް ދާނެ ކަމަށް އީލޮން ވިދާޅުވި އެވެ. މި ވާހަކައެއް އޭނާ ދައްކަވަނީ 2014 އިން ފެށިގެންނެވެ.

މިހާރު ދުނިޔޭގައި ތިން ވަނަ އަށް އެންމެ މުއްސަނދި މީހާ ވިދާޅުވާ ގޮތުގައި އިންސާނުން މާސްގައި ދާއިމީކޮށް އާބާދުވުމުގެ ގޮތުން އެތަނަކީ އިންސާނުންނަށް ދުނިޔޭގައި އުޅެވޭހާ ފަސޭހައިން އުޅެވޭ މާހައުލަކަށް ބަދަލުކުރެވޭނެ އެވެ. އެއީ "ޓެރަފޯމިން" އެވެ.

އެކަމަކު އީލޮން އެ ވިދާޅުވާ "ޓެރަފޯމިން" އަކީ މިހާރުގެ ޒަމާނީ ޓެކްނޮލޮޖީގައި ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އެތައް ދިރާސާއަކުން ދައްކާތީ އެކަމާ ޓްވިޓާގައި ސުވާލު އުފެއްދި މީހަކަށް ޖަވާބު ދެމުން ވިދާޅުވީ "އިންސާނުން މާސްގައި ފުރަތަމަ އުޅޭނީ ގްލާސް ޑޯމްތަކުގައި" ކަމަށާއި "އޭގެ ފަހުން އެތަން ދުނިޔެ ކަހަލަ ތަނަކަށް ޓެރަފޯމްޑް ކުރެވޭނެ" ކަމަށެވެ.

އީލޮންގެ އަމާޒަކީ 2050 އާ ހަމައަށް އަންނަ އިރު، މާސްގައި އިންސާނުންގެ މިލިއަނެއްހާ އާބާދީ ވަޒަންވެރިކުރުވުމެވެ. މާސް އަށް މީހުން އުފުލަން ބަންނަ އުޅަނދު "ސްޓާޝިޕް" 100 މީހުންނާ އެކު ދަތުރުކުރެވޭނެ އެއްޗެކެވެ.

އިންސާނުން ވަޒަންވެރިވެގެން އުޅޭނެ ތަނަކަށް މާސްވާނެކަމާ ދޭތެރޭ ބޮޑެތި އުންމީދުތަކެއް ކުރައްވާ އީލޮން ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި މާސްގައި މަރުވުމަކީ އިންސާނުންނަށް ލިބޭނެ ޝަރަފެއް ކަމަށެވެ.

"މި ދައްކަނީ އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫން،" އޭނާ ވިދާޅުވި އެވެ. "މާސް އަށް ދާން ކުރަން ހުރީ ބުރަ މަސައްކަތްތަކެއް. މާސް އަށް ދާން އޮތް މަގަކީ ނުރައްކާ ތަނެއް. އެކަމަކު ވެސް، މާސްގައި މަރުވުމަކީ ޝަރަފެއް ކަމަށް މި އޮތީ ބަލަން ޖެހިފައި."