ސްމާޓްފޯނުގެ ސަބަބުން ނިދި ހަލާކުވަނީ ވަރަށް ބޮޑަށް

ސްމާޓްފޯންގެ ސަބަބުން ފުރިހަމަ ނިންޖަކަށް ހުރަސް އަޅާ ކަމުގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އާ ދިރާސާއަކުން މިކަން އިތުރަށް ކަށަވަރުވި އިރު، ހީކުރެވިފައިވާ ވަރަށް ވުރެ ވެސް ބޮޑަށް ސްމާޓްފޯނުން ނިދި ހަލާކުކޮށްލަ އެވެ.


އާ ދިރާސާގައި ބުނަނީ ސްމާޓްފޯނުގެ ސްކްރީނުން އަންނަ އަލި ލޮލަށް ފޯރާ މިންވަރު އިތުރުވި ވަރަކަށް އަދި ނިދުމާ ގާތްކޮށްފައި ފޯނަށް ބެލުން އިތުރުވާ ވަރަކަށް ނިންޖަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ.

ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ރިސާޗް ޓީމަކުން މިކަން ދެނެގެންފައި ވަނީ މަސް ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ދިރާސާއަކަށް ފަހުގަ އެވެ. އެ ދިރާސާގައި ބައިވެރިކުރި މީހުން، ދިރާސާގެ މުއްދަތުގެ ތެރޭގައި 38 ގަޑިއިރު ފޯނު ބެލި އެވެ. އެއީ ކޮންމެ ގަޑިއިރަކު މަދުވެގެން ހަތަރު ފަހަރު އެވެ. ދިރާސާއިން ދެއްކި ގޮތުގައި ނިދާ ވަގުތާ ގާތްކޮށްފައި ފޯނަށް ބެލުން ގިނަ މީހުންނަށް ނިދުނު ވަގުތު މަދުވެފައި ނިދީގެ އަރާމުކަން ވެސް ލިބުނީ ކުޑަކޮށެވެ.

ދިރާސާގައި އިސްކޮށް ހުންނެވި ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ކާޑިއޮލޮޖީ ޑިވިޝަންގެ ޑިރެކްޓަރު އޮފް ކްލިނިކަލް ރީސާޗް ޑރ. ގްރެގަރީ މާކަސް ވިދާޅުވެފައި ވަނީ ވަރަށް ގިނަ ވަގުތު ފޯނަށް ބެލުމުގައި ހޭދަކުރެވޭ ކަމަށާއި އެކަމަކު ސަބަބުން ފުރިހަމަ ނިދި ނުލިބި ސިއްހީ އެކި މައްސަލަތަަކަށް މަގު ފަހިވާ ކަމަށެވެ.

ނިދި މަދުވުމުން، އެކަށީގެންވާ ވަރަށް ވުރެ ފަލަވުމާއި ހަކުރު ބައްޔާއި ޑިޕްރެޝަންގެ ނުރައްކާ ވެސް ބޮޑުވެގެންދެ އެވެ.

މާކަސް ވިދާޅުވީ އެ ބޭފުޅުންގެ ދިރާސާއިން ފާހަގަވީ، ފޯނަށް ގިނައިން ބަލާ މީހުންނަށް ނިދި މަދުވުމާ ހުރި ގުޅުމެއް ކަމަށާއި މީގެ މާނަ އަކީ ފޯނަށް ބެލުމުން ނިދި ހަލާކުވާކަން ކަށަވަރުވުން ނޫން ކަމަށެވެ. ނަމަވެސް މީގެ ކުރީގެ އެތައް ދިރާސާއެއްގައި ވަނީ ފޯނުތަކުގެ ސްކްރީނުން އަންނަ އަލީގެ ސަބަބުން ނިންޖަށް ނޭދެވޭ އަސަރުކުރާ ކަމަށް ބުނެފަ އެވެ.

އަލަށް ކުރި ދިރާސާ ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ޕްލޮސް ވަން ޖާނަލްގައި ޝާއިއުކޮށްފަ އެވެ.