ވާޗުއަލް ހަރަކާތްތަކަށް މިހާރު މައިކްރޮސޮފްޓް ޓީމްސް ބޭނުންކުރާ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 145 މިލިއަނަށް އަރާ ކަމަށް ބުނެފި އެވެ.
މިކަން ހާމަކޮށް މައިކްރޮސޮފްޓްގެ ކޯޕަރޭޓް ވައިސް ޕްރެޒިޑެންޓް ޖެފް ޓެޕާ ވަނީ ކަސްޓަމަރުންނާއި ޕާޓްނަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މައިކްރޮސޮފްޓް ޓީމްސް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވާން ފެށީ މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެންނެވެ. އެގޮތުން ބަލިމަޑުކަމުގެ ކުރީކޮޅު ޓީމްސް ބޭނުންކުރާ މީހުންގެ އަދަދު 23 މިލިއަނުގައި އޮތުމަށް ފަހު، މަދު ހަފުތާތަކެއްގެ ތެރޭގައި އަދަދު 75 މިލިއަނަށް އިތުރުވެގެން ދިޔަ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ޓީމްސްއާ ގުޅޭ މީހުން އިތުރުވެ އަދަދު މިހާރު 145 މިލިއަނަށް އެރީ އެވެ.
މައިކްރޮސޮފްޓުން ބުނި ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޓީމްސް ބޭނުންކުރާ މީހުންގެ ނިސްބަތަށް 26 ޕަސަންޓްގެ ކުރިއެރުމެއް އައިސްފައިވެ އެވެ. އަދި ޓީމްސްގެ ޝައުގުވެރިކަން އިތުރުކޮށް ދިނުމުގެ ގޮތުން މިދިޔަ އަހަރުން ފެށިގެން އެކި ކަހަލަ ބަދަލުތައް ވެސް އެ ޕްލެޓްފޯމަށް ގެނެސްފައިވެ އެވެ.
ވާޗުއަލް ހަރަކާތްތަކަށް ހާއްސަ ޕްލެޓްފޯމްތަކުގެ ވާދަވެރިކަން ވެސް މިހާރު ވަރަށް ބޮޑެވެ. އެގޮތުން ޒޫމް އާއި ސްލެކް ފަދަ އެއްޗެހި ބޭނުންކުރާ މީހުން މިހާރު ވަރަށް ގިނަ އެވެ.
ނަމަވެސް އެހެން ޕްލެޓްފޯމްތައް ބޭނުންކުރާ ކުރާ މީހުންގެ އަދަދާ ބެހޭ ތަފުސީލުތަކެއް އެހާ އާންމުކޮށް ހާމައެއްނުކުރެ އެވެ. ޒޫމް އިން މިދިޔަ އަހަރުގެ ފަހުކޮޅު ބުނެފައިވާ ގޮތުގައި އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު 300 މިލިއަނަށް އަރަ އެވެ.
އަދި ސްލެކުން އޭގެ ޑެއިލީ ޔޫޒަރުން ހާމަކުރަން ބޭނުމެއް ނުވެ އެވެ.