އެޗްއައިވީ އަށް ވެކްސިނެއް އުފެއްދިދާނެ ކަމުގެ އުންމީދީ ދިރާސާއެއް

އެޗްއައިވީ އިންފެކްޝަނަށް ވެކްސިނެއް އުފެއްދުމަށް މަސައްކަތްކުރަމުންދާ ސައިންސްވެރިން ބުނާ ގޮތުގައި މިފަދަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރިއަށެވެ. އެޗްއައިވީ ވައިރަސްއާ އެމީހެއްގެ ދިފާއީ ނިޒާމުން ހަނގުރާމަ ކުރެވޭނެ، މުޅިން އާ ގޮތެއް އީޖާދުކުރެވިފައިވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.


ސައިންސްވެރިން ދަނީ އާދައިގެ އަރިދަފުސް ރޯގާގެ ވައިރަސްއެއް ބޭނުންކޮށްގެން ހަށިގަނޑަށް މި ވެކްސިން ފޮނުވާލުމަށް މަސައްކަތް ކުރަމުންނެވެ. ހަމަ އެއާ އެކު ޑީއެންއޭ ބޭނުންކޮށްގެން އުފައްދާ ވެކްސިނެއް ހަށިގަނޑަށް އިންޖެކްޓްކޮށްގެން ބަނޑާއި ހަށިގަނޑުގެ އެތެރޭގައިވާ ބައިތައް އެޗްއައިވީ އިންފެކްޝަނުން ދިފާއުކޮށްދޭނެ ގޮތެއްގެ އަޖުމަ ވެސް ދަނީ ބަލަމުންނެވެ.

އެޗްއައިވީ ވައިރަސް ހަށިގަނޑަށް އާއްމުކޮށް ވަންނަނީ ޖިންސީ ގުޅުމުން ކަމަށް ވާތީ މި ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އެންމެ ފުރަތަމަ ހަމަލަދޭ ބައިތައް ދިފާއުކޮށްފައި ބެހެއްޓުން މުހިއްމު ކަމަށް އޮސްޓްރޭލިޔާގެ އެޑްލެއިޑް ޔުނިވަސިޓީގެ ސައިންޓިސްޓެއް ކަމަށްވާ ބްރަންކާ ގްރޫބޯ-ބައުކް ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން އުފައްދާފައިވާ އެޗްއައިވީ ވެކްސިންތަކުގެ ޓްރައަލްތައް ނާކާމިޔާބުވެފައި ވަނީ ވައިރަސް ފުރަތަމަ ވަންނަ ބައިތަކަށް ސަމާލުކަން ދެވިފައިނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާލުވީ ލެބޯޓްރީގައި މީދާ ބޭނުންކޮށްގެން ހެދި މިފަދަ ބައެއް ދިރާސާތަކުން ވައިރަސް ފުރަތަމަ ވަންނަ މަރުހަލާ ދިފާއުކުރެވިއްޖެ ނަމަ ވެކްސިން ކާމިޔާބު އެއްޗަކަށް ހެދިދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މީދަލުގެ ނޭފަތުގެ ތެރެއަށް ރީނޯވައިރަސް (ނުވަތަ އާދައިގެ އަރިދަފުސް ރޯގާގެ ވައިރަސް) ދޫކުރީ. އަދި މި ވައިރަސް އަށް ބަދަލުގެނެސްގެން އެޗްއައިވީ ޕްރޮޓީން ވެސް އޭގައި ހިމަނަނީ. ހަމަ އެއާ އެކު ޑީއެންއޭ އެކުލެވޭ ވެކްސިނެއް ވެސް އެ މީދަލުގެ ގަޔަށް ޖަހަނީ. މިގޮތަށް ކަންތައް ކުރުމުން ލިބޭ ނަތީޖާ ވަރަށް ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

ސައިންސްވެރިޔާ އިތުރަށް ވިދާޅުވި ގޮތުގައި މިގޮތަށް ދޭ ފަރުވާއިން ދިފާއީ ނިޒާމަށް ތަފާތު ދެ ވައްތަރެއްގެ ވައިރަސްއާ ހަނގުރާމަކުރާނެ ހަތިޔާރެއް ލިބެ އެވެ. މީގެ އެކައްޗަކީ އެޗްއައިވީ ވައިރަސްއަށް ހަމަލާ ދޭނެ ވައިޓް ބްލަޑް ސެލްސް އެވެ. މީގެ އިތުރުން ވަކި ވައްތަރެއްގެ އެންޓިބޮޑީޒްއެއް އުފައްދަ އެވެ. މި އެންޓިބޮޑީޒް އަށް އެޗްއައިވީ-ޕޮޒިޓިވް ސެލް ދެނެގަނެވެ އެވެ. އަދި އެފަދަ އެއްޗެހީގެ މަސައްކަތް މުޅިން ބަންދުކޮށްލެވެ އެވެ.