ވީޑިއޯ ކޯލްގެ ހިދުމަތް ފެށިގެން އައި އިރު އެންމެ ބޮޑަށް ކުރިން ބޭނުންކުރި އެކައްޗަކީ ސްކައިޕެވެ. އެކަމަކު މިހާރު ޓެކްނޮލޮޖީ އަށް އައިސްފައިވާ ކުރިއެރުމާއި އެކި ޕްލެޓްފޯމްތަކުން ވީޑިއޯ ކޯލްގެ ހިދުމަތް ތައާރަފުކޮށް، ވާދަވެރިކަން ބޮޑުވުމާ އެކު އެކު ސްކައިޕަށް ކުރިން އޮތް ވަރުގެ ތަރުހީބެއް ނެތެވެ.
މިހާރު ބެލެވެނީ މައިކްރޮސޮފްޓްގެ ދަށުން ހިންގަމުން އަންނަ ސްކައިޕަށް ދެން މާ ބޮޑު ކުރިމަގެއް ނެތް ކަމަށެވެ. ސަބަބަކީ އަހަރުގެ ފަހުކޮޅު ނެރެން ނިންމާފައިވާ ވިންޑޯޒް 11 އާ އެކު، ސްކައިޕަށް އެ އޯއެސްގައި ވެސް ޖާގައެއް ނެތުމެވެ. ބަދަލުގައި މައިކްރޮސޮފްޓްގެ ހޮވުމަކީ މިދިޔަ އަހަރުން ފެށިގެން ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ އެ ކުންފުނީގެ ޓީމްސް އެވެ. އެކަމަކު މީގެ މާނަ އަކީ ސްކައިޕް އެއްކޮށް ދޫކޮށްލުމެއް ނޫނެވެ.
މައިކްރޮސޮފްޓުން ނިންމާފައި ވަނީ ވިންޑޯޒް 11 ގައި ޑީފޯލްޓްކޮށް ސްކައިޕް ނުހިމަނައި، އެ ބޭނުން ކުރަން ބޭނުންވާ ބަޔަކު އާ އޯއެސްގައި މައިކްރޮސޮފްޓް ސްޓޯރުން ޑައުންލޯޑްކޮށްގެން ބޭނުންކުރެވޭ ގޮތަށް ބޭއްވުމަށެވެ.
ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ މިދިޔަ އަހަރު ކުރިމަތިލާން ޖެހި ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ކުރިން ބަރޯސާނުވާ ވަރަށް، ބަރޯސާވާން ޖެހުމުން އެކި ކަހަލަ ބައްދަލުވުންތައް ބާއްވަން އެންމެ ބޮޑަށް ވައިގައި ހިފި އެޕްތަތަކުގެ ތެރެއިން އެކަައްޗަކީ ޓީމްސް އެވެ. އެހެންވެ މައިކްރޮސޮފްޓުން މިހާރު އެއްޗެއްގެ ގޮތުގައި ދެކެނީ އެ އެޕެވެ،
ޓީމްސް ލޯންޗްކުރީ 2017 ގަ އެވެ. މައިކްރޮސޮފްޓުން ބުނެފައިވާ ގޮތުގައި އެ އެޕް ތަރައްގީކުރަން މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ސްކައިޕްގައި ހުރި ހުރިހާ ފީޗާތަކެއް، ޓީމްސް އަށް މިހާރު އޮތީ އައިސްފަ އެވެ. އެހެންވެ އޭގެ ބޭނުންތެރިކަން ކުޑަވަނީ އެވެ.
ސްކައިޕް ފަދަ ޕްތައް ބޭނުންކުރާ ނިސްބަތް މިދިޔަ އަހަރު އިތުރު ނަމަވެސް ވާދަވެރި އެހެން އެޕްތަކާ އަޅާބަލާ އިެރު ވެސް ސްކައިޕް އޮތީ ވަރަށް ފަހަތުގަ އެވެ. ނިސްބަތް އުޅެނީ ގާތްގަނޑަކަށް 70 ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް 40 މިލިއަން މީހުންނެވެ.
ސްކައިޕަކީ 2003 ގައި ލޯންޗްކުރި އެއްޗެކެވެ. އަދި މައިކްރޮސިފްޓުން އެ ގަތީ 2011 ގަ އެވެ. އެއީ 8.5 ބިލިއަން ޑޮލަރަށެވެ. އެއީ އޭރަށް ބަލާ އިރު ޓެކް ކުންފުންޏަކުން ހެދި އެންމެ ބޮޑު ޑީލެވެ.
މައިކްރޮސޮފްޓް ޓީމްސް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 145 މިލިއަނަށް ވުރެ އެވެ.
ވީޑިއޯ ކޯލް އެޕްތަކަށް ބަލާ އިރު މިކަމުގައި މިހާރު ރަސްކަންކުރަނީ ޒޫމް އެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު 300 މިލިއަނަށް ވުރެ ގިނަ އެވެ.