އުފާވެރިކަމާ އެކު ދަރިންނާ އެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަން އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު އިނގިރޭސި ވިލާތުގައި ކުރި ދިރާސާއަކުން ބެލެވެނީ އުފާވެރި، އުޅުން ރަނގަޅު ދަރިންތަކެއް ބިނާކުރުމުގައި ބައްޕަގެ މިޒާޖުގެ ނުފޫޒު އޮންނަ ކަމަށެވެ.
މި ދިރާސާއިން ދައްކަނީ އަމިއްލަ ނަފްސަށް އިތުބާރު އޮންނަ، ކުރާ ކަންކަމާ ގަޔާވާ އުފާވެރި މިޒާޖުގެ ބައްޕައިންނާ އެކު ބޮޑުވާ ކުދިންގެ އުމުރުން 9-11 އަހަރާ ހިސާބަށް ދާއިރު އެ ކުދިންގެ މިޒާޖާއި އުޅުމުގައި ނޭދެވޭ ކަންކަން ހުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
"ކުއްޖާގެ އުމުރު މައްޗަށް ދާއިރު މިޒާޖުގައި ހުންނަ ސިފަތައް އެންމެ ބޮޑަށް ބިނާވެގެން ދަނީ ކުއްޖާ ކުޑައިރު ބައްޕަގެ މިޒާޖުގެ ސަބަބުން އަންނަ ނަފްސާނީ އަސަރުތަކެއްގެ ސަބަބުން،" ދިރާސާގައި އިސްކޮށް ހުންނެވި އިންގްލެންޑުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ޑރ. ޗާލްސް އޮޕޮންޑޯ ވިދާޅުވެފައިވެ އެވެ.
މި ނަތީޖާ ނިކުމެފައި ވަނީ 10،000 އަށް ވުރެ ގިނަ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއަކުންނެވެ. ދިރާސާ ޓީމަށް ފާހަގަވި ގޮތުގައި ބައްޕައަކު ގޭތެރޭގެ މަސައްކަތުގައި ޝާމިލުވެ އުޅުމާއި ދަރިން ބެލުމުގައި ބައިވެރިވުމަށް ވުރެ ވެސް ބޮޑަށް ދަރިންގެ އުޅުމަށް ރަނގަޅު ނުފޫޒު ފޯރަނީ ކުދިންނާ ގުޅިގެން އުފާވެރިކަމާ އެކު އުޅޭ އުޅުމުގެ މައްޗަށެވެ.
ދިރާސާ ކުރުމަށް، އުމުރުން 8 މަހުގެ 10،440 ކުއްޖެއްގެ ބެލެނިވެރިންނާ ސުވާލުތަކެއް ކުރި އެވެ. ކުދިންނާ އެކު ބެލެނިވެރިން އުޅޭ ގޮތް ބެލުމަށް ކުރި މި ސުވާލުތަކަށް ފަހު، އެ ބެލެނިވެރިންގެ ދަރިންގެ ތެރެއިން 7،000 ކުއްޖެއްގެ އުޅުން އުމުރުން ނުވަ އަހަރުގައި ހުރި ގޮތް ބެލި އެވެ. އަދި 6،500 ކުއްޖެއްގެ އުޅުން ހުރި ގޮތް އެ ކުދިންގެ އުމުރުން 11 އަހަރުގައި ބެލި އެވެ.
މި ހޯދުންތަކުން ދެއްކީ ކުދިންގެ އުޅުމަށް އެންމެ ބޮޑު ނުފޫޒެއް ފޯރަނީ ބައްޕަގެ ފަރާތުން ކަމަށެވެ. އުފާވެރިކަމާ އެކު ދަރިންނާ ގުޅިގެން ވަގުތު ހޭދަކޮށް މަޖާކޮށް އުޅޭ ބައްޕައިންގެ ސަބަބުން ދަރިންގެ އުޅުމަށް ރަނގަޅު އަސަރުތައް ކުރާ ކަމަށް ދިރާސާއިން ދެއްކި އެވެ.
ހެލްތުޑޭ ނިއުސްގައި، މި ދިރާސާއާ ބެހޭ ގޮތުން ނަފްސާނީ އިލްމުވެރިން ވިދާޅުވެފައި ވަނީ ދަރިންނާ އެކު ބައްޕަ ހޭދަކުރާ ވަގުތަށް ވުރެ، ބައްޕައިންގެ އުޅުން ހުންނަ ގޮތް މުހިންމުކަން ހާމަވާ ކަމަށެވެ. މިއީ ހާއްސަ ކަމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.