05 ސެޕްޓެމްބަރ 2021 - 07:24
އިލެކްޓްރިކް ކާރު ނުވަތަ އީވީ އުފައްދަން ނިންމާފައިވާކަން ޗައިނާގެ ފޯނު ކުންފުނި ޝޯމީން މި އަހަރުގެ ކުރީކޮޅު އިއުލާންކުރުމަށް ފަހު، އެކަމަށް ހާއްސަ ކުންފުންޏެއް ރަޖިސްޓްރީކޮށްފި އެވެ.
ކުންފުންޏަށް ދީފައިވާ ނަމަކީ ޝޯމީ އީވީ ކޮމްޕެނީ ލިމިޓެޑެވެ. މި ކުންފުނި އުފައްދަނީ ސެލްފް-ޑްރައިވިން ޓެކްނޮލޮޖީ އަށް މަސައްކަތްކުރާ "ޑީޕްމޯޝަން" ވެސް ގަތުމަށް ފަހު އެވެ. ޝޯމީގެ ކާރު ކުންފުނީގެ މަސައްކަތްތައް ރަސްމީކޮށް ފަށައިގަތުމުގެ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ވެފަ އެވެ. މިއީ މިހާރު ވެސް 1.5 ބިލިއަން ޑޮލަރުގެ ރައުސުލްމާލެއް އޮތް ކުންފުންޏެވެ.
ޝޯމީން ބުނި ގޮތުގައި ޝޯމީ އީވީގެ މަސައްކަތަށް މިހާރު ވެސް 300 މުވައްޒަފުން ނަގާފައިވެ އެވެ. އަދި މި ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ކުރިއަށް އޮތް 10 ވަރަކަށް އަހަރަކަށް އިތުރު 1.5 ބިލިއަން ޑޮލަރު ކުންފުންޏަށް އިންވެސްޓްކުރާނެ އެވެ.
Today I'm very proud to announce a milestone moment. Xiaomi's Electric Vehicle business (Xiaomi EV Company Limited) has been officially registered, with a starting capital of RMB 10 billion and myself as the legal representative. pic.twitter.com/aySngRUlQW
— leijun (@leijun) September 1, 2021
ޝޯމީން އިލެކްޓްރިކް ކާރު އުފައްދަން ނިންމިކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ މާޗް މަހުގެ ފަހުކޮޅު އެވެ. އެ ކުންފުނިން އީވީ އުފައްދަން ނިންމި ނަމަވެސް ކުންފުނިން މުޅިން ވެސް މަސައްކަތްކުރާނީ ސެލްފް-ޑްރައިވިން ކާރުތަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
ނަމަވެސް މި ދާއިރާ އަކީ މިހާރު ވަރަށް ބޮޑަށް ފުޅާވެ، ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން ވެސް ބޮޑުވަމުން އަންނަ ކަމަށްވާތީ ޝޯމީގެ އިލެކްޓްރިކް ކާރަކީ ވެސް ހާއްސަ ސިފަތަކެއް ހުންނާނެ އެއްޗެއް ކަމަށް ގަބޫލުކުރެވެ އެވެ. އެކަމަކު އަދި އެ ކުންފުނިން ކާރު ނެރޭނެ އިރެއް ވެސް އިއުލާނެއް ނުކުރެ އެވެ.
އީވީ އުފެއްދުމުގައި މިހާރު ރަސްކަންކުރަނީ މަހުޖަނު އީލޮން މަސްކްގެ ޓެސްލާ އެވެ.
އެމެރިކާގެ މަޝްހޫރު ކުންފުނި އެޕަލް އިން ވެސް މިހާރު އަންނަނީ ސެލްފް-ޑްރައިވިން ކާރަށް މަސައްކަތްކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ކުންފުނިން 2024 ނުވަތަ 2025 ގައި އީވީ ނެރޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy