ފުލުހުންގެ ވަޒީފާ މެދުވެރިގެން ފްލެޓާއި އެޕާޓްމެންޓް ލިބިފައިވާ ފުލުހުންނަށް އަންނަ މަހުން ފެށިގެން ލިވިން އެލަވަންސް ދިނުން ހުއްޓާލަން ނިންމައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ސޮއި ކުރައްވައި، މިއަދު ނެރެފައިވާ ދެންނެވުމެއްގައި ވަނީ އަގު ދައްކައި މިލްކުވާ ގޮތަށް ފްލެޓާއި އެޕާޓްމެންޓް ހަމަޖައްސައިދީފައިވާ ފުލުހުންނަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލިވިން އެލަވަންސް ދިނުން ހުއްޓާލާނެ ކަމަށެވެ.

އެއީ އެގޮތަށް ލިބިފައި ހުންނަ ތަންތަނުގެ އަގު ހަމަ ކުރުމަށްޓަކައި މަހުން މަހަށް ދައްކާ ފައިސާއަކީ ކުލީގެ ފައިސާ ކަމަށް ބަލައި، އެ ފަރާތްތަކަށް ލިވިން އެލަވަންސް ދިނުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ފުލުހުންގެ އެގްޒެކެޓިވް ބޯޑުން ދީފައިވާތީ ކަމަށް އެ ދެންނެވުމުގައިވެ އެވެ.

މީގެ އިތުރުން އިންޓެލިޖެންސް ޑައިރެކްޓްރޭޓްގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ޑެސްކް ވަޒީފާތައް އަދާކުރާ މީހުންނާއި ސެންޓްރަލް ޕޮލިސިން ކޮމާންޑްގައި މަސައްކަތްކުރާ ފުލުހުންނަށް ވެސް އަންނަ އަހަރުން ފެށިގެން ކޮއްތު އެލަވަންސް ނުދޭނެ ކަމަށް ވެސް އެ ދެންނެވުމުގައިވެ އެވެ. އަދި އެ ފަރާތްތަކަށް ކެއުމުގެ ކަންކަން ފުލުހުންގެ އިދާރާގެ މެސް ރޫމްތަކުން ހަމަޖައްސާނެ ކަމަށް އެ ދެންނެވުމުގައި ބުނެފައިވެ އެވެ.

ފުލުހުން އެގޮތަށް ހަމަޖެއްސިއިރު، ކޮވިޑް-19 އާ ގުޅިގެން ފުލުހުންނަށް ކޮއްތު އެލަވަންސް ދިނުމުގެ އުސޫލަށް ކުރިން ބަދަލުތަކެއް ގެނަ އެވެ. އެއީ ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ފިޔަވަޅުތަައް އަޅަން އެންގުމާ ގުޅިގެންނެވެ. އޭރު ދައުލަތުގެ ބައެއް ވަޒީފާތަކުގެ މުސާރަތައް ކުޑަ ކުރިޔަސް، މިއަދު ވަނީ އެ މުސާރަތައް އިއާދަ ކުރަން ނިންމައިފަ އެވެ.