ކުޅިވަރު / ދިވެހި ކުޅިވަރު

އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އަންނަ އަހަރަށް ފަސްކޮށްފި

މިދިޔަ އަހަރު އޮތް އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި އިރާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.--

ނޮވެމްބަރު މަހު ތައިލެންޑުގައި ބާއްވަން ތާވަލްކުރި މިއަހަރުގެ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް، އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފި އެވެ.

މިއީ މި މުބާރާތް ފަސްކުރަން ޖެހުނު ދެވަނަ ފަހަރެވެ. ތައިލެންޑުގެ ބެންކޮކް އަދި ޗޮމްބުރީގައި ބާއްވަން 2021 އަށް ތާވަލްކުރި މުބާރާތް ކޮވިޑް-19 އާ ހެދި މިއަހަރަށް ފަސްކޮށް، މިފަހަރު މުބާރާތް ފަސްކުރަން ޖެހުނީ ތައިލެންޑުގައި މި އަހަރު އޮތް އާންމު އިންތިހާބުގެ ސަބަބުން ގޭމްސް ބޭއްވުމަށް ބޭނުންވާ ފައިސާ ހަމަޖެހުމުގައި ލަސްތަކެއް ހުރުމުންނެވެ.

ހޮނިހިރު ދުވަހު އޮތް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ އަހަރީ އާންމު ޖަލްސާގައި، މުބާރާތް ފަސްކުރަން ނިންމާފައި ވާއިރު، މުބާރާތް ދެން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 24 އިން މާޗު 6 އަށެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު ތުރުކުމެނިސްތާނުގެ އަޝްބަގަތުގައި އޮތް ގޭމްސްގައި ރާއްޖޭން ވަނީ ފަސް ކުޅިވަރެއްގައި ވާދަކޮށްފަ އެވެ. ފެތުން، އިންޑޯ އެތުލެޓިކްސް، ބިލިއާޑް، ޗެސް އަދި ފުޓްސަލްގައި ރާއްޖޭން އެފަހަރު 37 އެތުލީޓުން ވާދަކުރި އެވެ.

އެ އަހަރުގެ ފެތުމުގެ އިވެންޓުތަކުން ރާއްޖޭން ގައުމީ ހަ ރެކޯޑެއް ހެދި އެވެ. އަންހެން ފެތުންތެރިޔާ އައިޝަތު ސާޖިނާ، 100 މީޓަރު ބްރެސްޓް ސްޓްރޯކް އާއި 50 މީޓަރު ބްރެސްޓް ސްޓްރޯކް ގައުމީ ރެކޯޑް ހެދިއިރު އައިޝަތު ޝައުޝަން ވަނީ 50 މީޓަރު ބެކް ސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑް އާކޮށްފަ އެވެ. ފިރިހެން ފެތުންތެރިޔާ މުބާލް އައްޒާމް 100 މީޓަރާއި 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ ރެކޯޑް ހެދިއިރު އަލީ އިމްއާން ވަނީ 50 މީޓަރު ބެކް ސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

އެތުލެޓިކްސްގައި ވާދަކުރީ ފިރިހެން އެތުލީޓުންނެވެ. އިބްރާހިމް އަޝްފާން އަލީ އާއި އަހުމަދު އަނޫފް މުހައްމަދު 60 މީޓަރު ދުވުމުގައި ވާދަކުރިއިރު 400 މީޓަރު ދުވުމުގައި ވާދަކުރީ މުހައްމަދު ނާއިލް އާއި އަލީ ޝާމް އެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ބިިލިއާޑުގައި ހޯދި ފުރަތަމަ މޮޅު ލިބުނީ އެ މުބާރާތުންނެވެ. ސިންގަލްސް 9-ބޯލް ގެ ގަދަ 32ގައި ވާދަކޮށް ރާއްޖޭގެ އަލީ ފަޔާޒު ވަނީ އެ މުބާރާތުގައި ކިރިގިސްތާނުގެ ކަނީބެކް ސަގީންބޭވް ބަލިކޮށް ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. ނަމަވެސް ގަދަ 16 ގައި ބަލިވީ ހޮންގް ކޮންގްގެ ލޯ ހޯ ސަމް އަތުންނެވެ.

ޗެސްގެ ފިރިހެން ބައިގައި ރާއްޖޭގެ މުހައްމަދު ޝުއާއު، މަކާއޯ އާއި ނޭޕާލް އަދި ތައިލެންޑު ކުޅލުންތެރިއެއް ބަލިކުރި އިރު، އަހުމަދު އަޝްރަފް ވަނީ މަކާއޯ އާއި ޖޯޑަންގެ ކުޅުންތެރިއެއް ބަލިކޮށްފަ އެވެ.

ފިރިހެން ބައިގައި ރާއްޖޭގެ މުހައްމަދު ޝުއާއު ކުޅުނު ތިން މެޗަކުން މޮޅުވި އެވެ. އަދި އަހުމަދު އަޝްރަފް ދެ މެޗަކުން މޮޅުވި އެވެ. ޝުއާއު މޮޅުވީ، މަކާއޯ، ނޭޕާލް އަދި ތައިލެންޑު ކުޅުންތެރިއެއް އަތުންނެވެ. އަޝްރަފް މޮޅުވީ މަކާއޯ އަދި ޖޯޑަން ކުޅުންތެރިއެއް އަތުންނެވެ. އަންހެން ކުޅުންތެރިންގެ ތެރެއިން ޝަހުދާ މުހައްމަދާއި ނިހާޔާ އަހުމަދު ވެސް ވަނީ އަފްގާނިސްތާން ކުޅުންތެރިއެއް ބަލިކޮށްފަ އެވެ.

ފުޓްސަލްގައި ރާއްޖޭން ވާދަކުރި ގުރޫޕްގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި 3-1 އިން ޔޫއޭއީ އަތުން ބަލިވިއިރު ދެވަނަ މެޗުގައި އަފްގާނިސްތާން އަތުން ބަލިވީ 6-1 އިންނެވެ. އުޒްބަކިސްތާނު އަތުން 9-1 އިން ބަލިވިއިރު ފަހު މެޗުގައި ޗައިނާ އަތުން ބަލިވީ 9-3 އިންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454