ލީޑާޝިޕް ޕިން ހާސިލްކުރެއްވި ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުންތަގިމް (ވ) އާއި ބްލިއު އޭ ރެފްރީ ބްރޯންޒް ލެވަލް ސެޓްފިކެޓް ހާސިލްކުރެއްވި ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް އަޒީލް، އިއްޔެގެ އޭޝިއާ އެތުލެޓިކްސް އެސޯސިއޭޝަންގެ 25 ވަނަ އަހަރީ އާންމު ބައްދަލުވުމުގައި ބައިވެރިވަނީ.--
12 ޖުލައި 2023 - 11:26
ތައިލެންޑްގައި އިއްޔެ ބޭއްވި އޭޝިއާ އެތުލެޓިކްސް އެސޯސިއޭޝަންގެ 25 ވަނަ އަހަރީ އާންމު ބައްދަލުވުމުގައި، ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް (މުންތޭ) ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް އަދި ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު އަޒީލް، ޑަބްލިއު އޭ ރެފްރީ ބްރޯންޒް ލެވަލް ސެޓްފިކެޓް ދިފި އެވެ.
އޭޝިއާގެ އެތުލެޓިކްސް އަށް މުންތަގިމް ކޮށްދިން ހިދުމަތުގެ އަގު ވަޒަންކޮށް އިއްޔެގެ ރަސްމިއްޔާތުގައި އޭނާއަށް ވަނީ އޭޝިއާގެ އެތުލެޓިކްސްގެ ރައީސް ގަތަރުގެ ދަހްލާން އަލް ހަމަދު ދެއްވާ ލީޑަޝިޕް ޕިން ހަވާލް ކޮށްދެއްވައިފަ އެވެ.
އަޒީލް ހާސިލްކުރެއްވި ޑަބްލިއު އޭ ރެފްރީ ބްރޯންޒް ލެވަލް ސެޓްފިކެޓަކީ، ގައުމީ އެތުލެޓިކްސް ރެފްރީ ލެވެލް އަށް ފަހު އެއާ ޖެހިގެން އޮންނަ ލެވަލްގެ ސެޓްފިކެޓެވެ.
މުންތަގިމްގެ އަގުވަޒަންކޮށް ދެއްވި ހަނދާނީ ލިޔުމާ ހަވާލުވަނީ.--
ޖަޕާނުގައި 2021 ވަނަ އަހަރު ބޭއްވި ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރުކަން އަދާކުރި މުންތަގިމް އަންނަނީ ހަތަރުވަނަ ދައުރަކަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުންނެވެ.
ޖަޕާނުގެ ޖިފޫގައި 2018 ވަނަ އަހަރު ބޭއްވި ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ސްޓާޓް ރެފްރީކަން ކުރި މުންތަގިމް އަކީ އޭޝިއާގެ މުބާރާތެއްގައި އެފަދަ ޒިންމާއެއް ނެގި ފުރަތަމަ ދިވެއްސެވެ. މީގެ އިތުރުން އޭނާ ވަނީ 2019 ވަނަ އަހަރު ނޭޕާލްގެ ކަތަމަންޑޫގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްސް އިވެންޓުތަކުގެ އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލް (އައިއޯޓީ) އެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އެއީ ވެސް ބައިނަލްއަގުވާމީ ގޭމްސް އެއްގައި އެފަދަ ޒިންމާއެއް ދިވެއްސަކު ނެގި ފުރަތަމަ ފަހަރެވެ.
މުންތަގިމް ވަނީ މިދިޔަ މަހު ދެކުނު ކޮރެއާގައި އޮތް އޭޝިއާގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތުގެ ޓެކްނިކަލް އޮފިޝަލެއްގެ ގޮތުން ވެސް މަސައްކަތް ކޮށްފަ އެވެ. މީގެ އިތުރުން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ރެފްރީއެއްގެ ޒިންމާ އަދާކޮށް، އޭނާ ވަނީ މިދިޔަ އަހަރު ވިއެޓްނާމްގައި ބޭއްވި އީސްޓް އޭޝިއަން ގޭމްސް (ސީ ގޭމްސް) ގައި ޓެކްނިކަލް އޮފިޝަލެއްގެ ގޮތުން ވެސް މަސައްކަތް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy