ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗަކަށް ކްލަބް ގްރީންސްޓްރީޓްސް ހާޒިރުނުވި މައްސަލައިގައި އެ ކްލަބާ ދެކޮޅަށް އެފްއޭއެމުން އެޅި ފިޔަވަޅު އިސްތިއުނާފުކުރަން ވެލެންސިއާ އިން ހުށަހެޅީ މުއްދަތު ހަމަވި ފަހުން ކަމުން، އިސްތިއުނާފް ބަލައިނުގަންނަން އެފްއޭއެމުން ނިންމައިފި އެވެ.

މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް މެޗަށް ގްރީންސްޓްރީޓްސް ހާޒިރުނުވުމުން، އެ މެޗުގެ ނަތީޖާ ނުކުތް ގޮތުން ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ އެވެ. އެހެންވެ ގްރީންސްޓްރީޓްސް އިން މެޗަށް ހާޒިރުނުވީ ގަސްދުގައި ކަމަށް ތުހުމަތުކޮށް ވެލެންސިއާ އިން އެ މައްސަލަ ބަލައިދޭން އެފްއޭއެމަށް ހުށަހެޅީ އެވެ. 

އެ މައްސަލަ ބެލުމަށް ފަހު އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ގްރީންސްޓްރީޓްސް އަށް ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަނެ ވިއްކުން މަނާކުރުމަށާއި، 50،000ރ. އިން ޖޫރިމަނާކުރުމަށެވެ.

ވެލެންސިއާ އިން އުއްމީދުކޮށްގެން ތިބީ، ކޮމިޓީން މައްސަލަ ބެލުމަށް ފަހު ގްރީންސްޓްރީޓްސްގެ އަތުން ޕޮއިންޓްތަކެއް އުނިކުރާނެ ކަމަށެވެ. އެހެންވި ނަމަ ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެ، ގްރީންސްޓްރީޓްސް ރެލިގޭޓްވާނެ އެވެ.

ޑިސިޕްލިނަރީ ކޮމިޓީގެ އެ ނިންމުމާ މެދު ވެލެންސިއާ އިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

އެފްއޭއެމުން މިއަދު ބުނީ، ވެލެންސިއާ އިން އެ މައްސަލަ އިސްތިއުނާފުކުރަން ދިން ހަތް ދުވަހުގެ ތެރޭގައި ކޮށްފައިނުވާ ކަމަށާއި އަދި މުއްދަތު އިތުރުކޮށްދޭން ވެސް އެދިފައިނުވާ ކަމަށެވެ. އެހެންވެ މުއްދަތުގެ ފަހުން ކުރި އިސްތިއުނާފު ބަލައިނުގަންނަން އެޕީލް ކޮމިޓީން ނިންމީ ކަމަށެވެ.

އެ މެޗަށް ގްރީންސްޓްރީޓްސް ހާޒިރުނުވުމުން ގަވާއިދުގައި އޮންނަ ގޮތުން އެ ޓީމު ބަލިވީ ކަމަށް ނިންމީ 2-0 އިންނެވެ. އޭގެ ސަބަބުން ލަނޑުގެ ތަފާތުން ކުރި ގްރީންސްޓްރީޓްސް އަށް ލީގުގެ ނުވަ ވަނަ ލިބި އެ ޓީމު ވަނީ ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެފަ އެވެ. މި މެޗަށް ގްރީންސްޓްރީޓްސް ހާޒިރުވެ ކުޅެ އަދި ފަސް ލަނޑުގެ ތަފާތަކުން ބަލިވި ނަމަ ވެލެންސިއާ ސަލާމަތްވެ، ރެލިގޭޓްވާނީ ގްރީންސްޓްރީޓްސް އެވެ.

ވެލެންސިއާ އިން އެގޮތަށް ތުހުމަތުކުރި ނަމަވެސް، ގްރީންސްޓްރީޓްސް އިން އެކަން ދޮގުކޮށްފަ އެވެ.

"މެޗު ގަސްދުގައި ނުކުޅެ ދޫކޮށްލީ ކަމަށް ކުރާ ހުރިހާ ތުހުމަތުތަކަކަށް ކްލަބުން އިންކާރު ކުރަން. އަދި މިއީ ހަގީގަތެއް އަދި ހެއްކެތް ވެސް ނެތި ކުރާ ތުހުމަތުތަކެއް،" އެ ކްލަބުން ބުނެފައިވެ އެވެ.