ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް މިދިޔަ މަހު 8 ގައި ކުޅެން އޮތް މެޗަށް ގްރީން ސްޓްރީޓުން ހާޒިރު ނުވެ ދޫކޮށްލި މައްސަލައިގައި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުން އިސްތިއުނާފުކުރަން ކަނޑައެޅިފައިވާ މުއްދަތުގައި ހުށަނާޅާ ކަމަށް އެފްއޭއެމުން ބުނާ ވާހަކަ އަށް ވެލެންސިއާއިން ރައްދު ދީފި އެވެ.

ގްރީން ސްޓްރީޓުން މެޗަށް ހާޒިރުނުވެ މެޗު ދޫކޮށްލި މައްސަލަ އިސްވެ ހުށަހެޅީ ވެލެންސިއާއިންނެވެ. 

ހޯމަ ދުވަހުގެ ރޭ އެފްއޭއެމުން މީޑީއާ އަށް ފޮނުވި މެސެޖްގައި ބުނެފައި ވަނީ އެ މައްސަލަ އިސްތިއުނާފު ކުރަން ދިން ހަތް ދުވަހުގެ މުއްދަތުގައި ވެލެންސިއާއިން އިސްތިއުނާފަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި މުއްދަތު އިތުރުކޮށްދޭން ވެސް އެދިފައިނުވާ ކަމަށާއި އެހެންވެ މުއްދަތުގެ ފަހުން ކުރި އިސްތިއުނާފު ބަލައިނުގަންނަން އެޕީލް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމްގެ އެ ވާހަކަ އަށް ރައްދު ދީ ވެލެންސިއާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިސްތިއުނާފު ކުރުމަށް ހުށަހަޅަން ޖެހޭ ލިޔުންތައް ވެސް އެފްއޭއެމުން ނުދީ ލަސް ކުރި ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ލިޔުންތައް އެފްއޭއެމުން އެ ކްލަބަށް ފޮނުވީ އިސްތިއުނާފުގެ މުއްދަތު ހަމަވިތާ ދެ ދުވަސް ފަހުން ކަމަށް އެ ކްލަބުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. 

ވެލެންސިއާއިން ބުނި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އެފްއޭއެމުން ފުރަތަމަ ދިނީ ހަމައެކަނި އަދަބު ލިބުނު ގްރީން ސްޓްރީޓަށެވެ.

އެ ކްލަބް 50،000 ރުފިޔާއިން ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައިވާކަން ހާމަކޮށް މިޑިއާ އަށް ހާމަ ކުރި ލިޔުމުގައި ވެސް އޮތީ އިސްތިއުނާފު ކުރުމުގެ ފުރުސަތު ގްރީން ސްޓްރީޓަށް ލިބިފައި އޮތް ކަމަށެވެ. 

ވެލެންސިއާއިން ބުނީ އެ ކްލަބުން ހުށަހެޅި މައްސަލައިގެ އިސްތިއުނާފު އެ ކްލަބަށް ލިބިފައި ނެތުމުން، އެ މައްސަލަ ފާހަގަ ކުރުމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ވެލެންސިއާ އަށް ދޭން އެފްއޭއެމުން ނިންމި ކަމަށެވެ.

ވެލެންސިއާގެ ބޮޑު ތުހުމަތެއް އެފްއޭއެމަށް 

ވެލެންސިއާއިން ބުނި ގޮތުގައި އިސްތިއުނާފު ކުރުމުގެ މައްސަލަ އެފްއޭއެމުން އެ ކްލަބަށް ދިން އިރު، އެ ކްލަބަށް އެ ފުރުސަތު ދިނުމާ މެދު ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމެއް އޮތް ކަމަށް ހިމަނާފައެއް ނުވެ އެވެ.

އެހެންވެ އެ ކްލަބުން ތުހުމަތު ކުރަނީ "ޑިސިޕްލިނަރީ ކޮމިޓީގެ އަށް އެފްއޭއެމްގެ ނުފޫޒު ފޯރާފައި" އޮތް ކަމަށެވެ.

އިސްތިއުނާފަށް ހުށަހަޅަން އެ ކްލަބުން އެދުނު ލިޔެކިޔުންތަކުގެ ތެރެއިން އެ މެޗުގެ ރެފްރީގެ ރިޕޯޓާއި މެޗު ކޮމިޝަނަރުގެ ރިޕޯޓް އަދި އެފްއޭއެމްގެ އެޕީލް ކޮޑް ދީފައިނުވާ ކަމަށް ވެލެންސިއާއިން ބުންޏެވެ. އެ ކްލަބުން އެދުނު ލިޔުންތަކުގެ ތެރެއިން ލިބުނު ކަމަށް ވެލެންސިއާއިން ބުނަނީ ޑިސިޕްލިނަރީ ކޯޑްގެ ދިވެހި އަދި އިނގިރޭސި ކޮޕީ އާއި މައްސަލަ ނިންމި ގޮތުގެ ރިޕޯޓެވެ. 

ވެލެންސިއާއިން އެދުނު ލިޔުންތަކުގެ ތެރެއިން އެފްއޭއެމުން ފޯރުކޮށް ނުދޭ ކަމަށް އެ ކްލަބުން ބުނާ ލިޔުންތައް: 

- މެޗުގެ ރެފްރީގެ ރިޕޯޓް

- މެޗު ކޮމިޝަނަރުގެ ރިޕޯޓް

- އެޕީލް ކޯޑް (އެފްއޭއެމްގައި އެޕީލް ކޯޑެއް ނެތް ކަމަށް އެފްއޭއެމުން ބުނާ ކަމަށް ވެެލެންސިއާގެ ބަޔާނުގައި ވޭ)

ވެލެންސިއާއިން އެދުނު ލިޔުންތަކުގެ ތެރެއިން އެފްއޭއެމުން ފޯރުކޮށްދިން ކަމަށް އެ ކްލަބުން ބުނާ ލިޔުންތައް: 

- ޑިސިޕްލިނަރީ ކޯޑްގެ ދިވެހި އަދި އިނގިރޭސި ކޮޕީ

- މައްސަލަ ނިންމި ގޮތުގެ ރިޕޯޓް

އެކަމަކު ވެލެންސިއާއިން ބުނި ގޮތުގައި އެފްއޭއެމުން ލިބުނު ލިޔުންތައް އެ އެސޯސިއޭޝަނުން އެ ކްލަބަށް ފޯރުކޮށްދީފައި ވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ނިމުނުތާ ދެ ދުވަސް ފަހުންނެވެ. 

"ޑިސިޕްލިނަރީ ކޯޑްގެ ދިވެހި. އިނގިރޭސި ކޮޕީ އާއި މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ދީފައި ވަނީ 8 ފެބްރުއަރީން ފެށިގެން ޑިސިޕްލިނަރީ ކޮޑުން އެޕީލް ކުރުމަށް ލިބޭ ހަތް ދުވަހުގެ މުއްދަތު ފާއިތުވެ ދިޔަތާ ދެ ދުވަސް ފަހުން 17 ފެބްރުއަރީ 2026 ގަ އެވެ.،" ވެލެންސިއާގެ ބަޔާނުގައި ބުނެފައި އޮތެވެ. 

އެ ކްލަބުން އިތުރަށް ބުނީ އިސްތިއުނާފު ކުރުމުގެ ގޮތުން ދައްކަން ޖެހޭ 3000ރ. ދެއްކޭނެ ގޮތެއްގެ އިންތިޒާމު ވެސް ހަމަޖައްސާފައި ނުވާ ކަމަށެވެ. އެ ކްލަބްުން އެފްއޭއެމަށް ތުހުމަތުކޮށް ބުނީ އެ އެސޯސިއޭޝަނުގެ އިންތިޒާމުތައް އެގޮތަށް ހުރުމުން ކުރިން ނިންމާފައިވާ ނިންމުން ބަދަލު ކުރަން ބޭނުން ނުވާކަން ހާމަވެ އެވެ. 

ފީފާގެ ސަމާލުކަމަށް އެ ކްލަބުން މައްސަލަ ގެނައުމުން، އޭއެފްސީ މެދުވެރިކޮށް ކުރިއަށް ގެންދަން ފީފާއިން އަންގާފައިވާ ކަމަށް  ބަޔާން ނިންމާލަމުން ވެލެންސިއާއިން ބުނެފައި ވެއެވެ.

ގްރީން ސްޓްރީޓްސްއިން އެ މޗަށް ހާޒިރު ނުވުމުން، އެ ޓީމު ބަލިވި ކަމަށް ނިންމީ ދެ ލަނޑުންނެވެ. އެއާ އެކު ވެލެންސިއާ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެ، ގްރީން އަށް ޕްލޭއޮފުން ޖާގަ ކަށަވަރުވި އެވެ.