މި އަހަރުގެ ސީ ސްޕޯޓްސް ދިވެހި ސާފް ލީގުގެ ފުރަތަމަ އިވެންޓް ކަމަށްވާ ފުވައްމުލަކު "އެލޭއިސް" ގެ މެންސް އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން 16 އަހަރުގެ ޔަސީން އަހުމަދު ނާޝިދު އިއްޔެ ހޯދައިފި އެވެ.

މިއީ މިދިޔަ އަހަރުގެ ޖޫނިއާ ލީގު ޗެމްޕިއަން ޔަސީން، ސީނިއާ ކެޓަގަރީގެ އިވެންޓަކުން ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އޭނާ ވަނީ އުމުރުން 15 އަހަރުގައި، މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖްގެ އޯޕަން ބައިން ޗެމްޕިއަންކަން ހޯދައިފަ އެވެ.

ޔަސީން ޗެމްޕިއަންކަން ހޯދީ ފުވައްމުލަކުގައި ބޭއްވި ފައިނަލް ހީޓުގައި އުމުރުން 17 އަހަރުގެ މުހައްމަދު އިނާން ބަލިކޮށްގެންނެވެ. ޔަސީން އަށް 9.07 ޕޮއިންޓް ލިބުނުއިރު، އިނާން އަށް ލިބުނީ 8.93 ޕޮއިންޓެވެ.

އިނާން، މެންސް އޯޕަން ބައިގެ ރަނަރަޕް ޓްރޮފީއާ ހަވާލުވަނީ.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
އިނާން، މެންސް އޯޕަން ބައިގެ ރަނަރަޕް ޓްރޮފީއާ ހަވާލުވަނީ.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މި މުބާރާތުގެ ސެމީ ފައިނަލްގައި ވެސް ވާދަކޮށްފައި ވަނީ މުޅިން ވެސް ޖޫނިއާ ސާފަރުންނެވެ. ފުރަތަމަ ހީޓުގައި އިނާން 11.33 ޕޮއިންޓް ހޯދައިގެން 4.5 ޕޮއިންޓްގެ ތަފާތަކުން ސައްޔިދު ސަލާހުއްދީންގެ މައްޗަށް ކުރި ހޯދިއިރު، ޔަސީން ވަނީ 12.20 ޕޮއިންޓާ އެކު 1.87 ޕޮއިންޓްގެ ތަފާތަކުން ކަޔާން އަބްދުﷲ އަރީފްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޔަސީންއަކީ މިދިޔަ އަހަރުގެ ޖޫނިއާ ލީގު ޗެމްޕިއަންގެ އިތުރުން، ގައުމީ ލީގުގެ ރޭންކިންގެ ދެވަނައިގައި ނިންމި އެތުލީޓެވެ.

ޔަސީން ވަނީ ކުއާޓާ ފައިނަލްގެ ދެވަނަ ހީޓުގައި އިނާންއާ އެކު، އިސްމާއިލް ރަޝީދު (ސްމައިލީ) އާއި އަހުމަދު ލުޒެއިން ފަހަތަށް ޖައްސާލައިފަ އެވެ. ކުއާޓާގެ ފުރަތަމަ ހީޓުގައި ސައްޔިދާއި ކަޔާން އަރީފް ވަނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ)ގެ އިތުރުން އަހުމަދު ހިޝާމް ޝަހީމް ފަހަތަށް ޖައްސާލައިފަ އެވެ.

އެލޭއިސް ގައި ވަނަތައް ހޯދި ބައިވެރިން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
އެލޭއިސް ގައި ވަނަތައް ހޯދި ބައިވެރިން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މިއީ އެމްއެސްއޭ އިން ގައުމީ ލީގުގެ މުބާރާތެއް ފުވައްމުލަކުގައި ބޭއްވި ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ފިރިހެން އޯޕަން، ޖޫނިއާ، އަންހެން އޯޕަން ޑިވިޝަންގެ އިތުރުން މެންސް އޯޕަން އަދި ޖޫނިއާ ބޮޑީބޯޑިން އިވެންޓެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ޖޫނިއާ ސާފިން ޗެމްޕިއަނަކަށް ހޮވުނީ ނޫހް މުހައްމަދު ދުނެއިމް އިރުޝާދެވެ. އަންހެން އޯޕަން ޗެމްޕިއަންކަން ނަހާ ނަސްރުﷲ ހޯދިއިރު، ބޮޑީބޯޑިންގެ އޯޕަން އަދި ޖޫނިއާ ޗެމްޕިއަންކަން ވެސް ހޯދާފައި ވަނީ އަހުމަދު ޖިވާއު ޖިހާދެވެ.

ލީގުގައި ކުރިއަށް އޮތީ ޖުލައި 29 އިން އޮގަސްޓް 1 އަށް މ. މުލީގައި ބާއްވާ މުލީކޮޅު ރާޅުގަނޑު މުބާރާތެވެ. އެ އަށް ފަހު ލ. މާބައިދޫގައި ކެރަންޑޫ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް 26 އިން 29 އަށެވެ. މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ރަންނަމާރި ޗެލެންޖް ބާއްވާނީ ނޮވެމްބަރު 2-8 އަށެވެ.