ފުޓްބޯޅަ ދަނޑެއް އެޅުމަށް އެފްއޭއެމަށް ދޫކޮށްފައިވާ ބިމުގައި އިމާރާތެއް ހަދާފައިވާ ސަރަހައްދު ހުސްކުރަން ދެކޮޅު ނުހަދާ ކަމަށާއި އިއުތިރާޒު ކުރަނީ ކުންފުންޏަށް ކުރިމަތިވާނެ ގެއްލުމުގެ ބަދަލަށް ކަމަށް ފިއުޗާ ހޯމްސްއިން ބުނެފި އެވެ.
ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ ކުންފުނި، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑަށް، 25 އަހަރުގެ މުއްދަތަކަށް އެއްވެސް ކުއްޔަކާނުލައި 2700 އަކަފޫޓްގެ ބިމެއް، އެފްއޭއެމުގެ ކުރީގެ ލީޑާޝިޕުން ވަނީ ފުޓްބޯޅަ އެރީނާ ހަދަން ހަމަޖައްސާފައިވާ ބިމުން ދޫކޮށްފަ އެވެ.
އެ ކުންފުނިން ވަނީ އެ ބިމުގައި ދެބުރިއަށް އިމާރާތެއް ހަދައިފަ އެވެ.
އެ ބިން ހުސްކުރުމަށް އެ ކުންފުންޏަށް ތަކުރާރުކޮށް އެންގުމުން ވެސް، ބިން ހުސްކުރަން ދެކޮޅު ހަދާ މައްސަލައިގައި އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން އެފްއޭއެމްގެ މިހާރުގެ އެކްސްކޯއިން އިއްޔެ ވަނީ ނިންމައިފަ އެވެ.
އެކަމާ ބެހޭގޮތުން އެ ކުންފުނިން "މިހާރު" އަށް ބުނީ ބިން ހުސްކުރަން ދެކޮޅު ނުހަދާ ކަމަށެވެ. ކުންފުނިން ރިއާޔަތް ކުރަނީ އެ ބިމުގައި ކުންފުނިން ހަރަދުތަކެއްކޮށް އިމާރާތެއްކޮށްފައިވަނިކޮށް ބިން ދޫކޮށްލައިފިނަމަ ކުންފުންޏަށް ލިބިދޭނެ ގެއްލުމަކަށް ކަމަށް ވެސް ބުންޏެވެ.
"ކޮންމެ ގޮތެއްވިޔަސް ކުންފުނީގެ ހައްގެއް ވެސް އޮންނާނެ. އަހަރެމެންގެ އާގިއުމެންޓަކީ ހިނގާށޭ ކުންފުންޏަށް ލިބޭނެ ގެއްލުމަށް ވެސް ކޮންސިޑާކުރަން. އެ ގެއްލުމުގެ ބަދަލު މި ކުންފުންޏަށް ލިބޭކަމަށްވާނަމަ އަޅުގަނޑުމެން ބިން ދޫކޮށްނުލާކަށް ނެތިން،" ކުންފުނީގެ އޮފިޝަލް ބުންޏެވެ.
އެފްއޭއެމުން ބުނީ އެ ކުންފުންޏަށް އެ ބިން ދީފައި ވަނީ 1.8 މިލިއަން ރުފިޔާގެ ކުނި އުކިކަމަށް ބުނެ ކަމަށެވެ. އެކަމަކު ކުނި އުކުމަށް އެ ކުންފުންޏާ އެކު އެފްއޭއެމުން އެއްބަސްވުމެއް ހެދިފައިނުވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
އެކަމަކު އެ ތުހުމަތުތައް އެ ކުންފުނިން ދޮގު ކުރެ އެވެ. އެ ކުންފުނިން ބުނީ އެ ބިމުގައި ހުރި ގާކުނޑިއާއި އިމާރާތްކުރަން ބޭނުންވާ ސާމާނުގެ ތެރެއިން ކުންޏަށް ވެފައި ހުރި ބަރުތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް ކުރީ އެއްބަސްވުމެއް ހެދިގެން ކަމަށެވެ.
އެފްއޭއެމުން އެ ކުންފުންޏަށް ކުރާ އަނެއް ތުހުމަތަކީ، އެ ބިމުގައި އިމާރާތް ކުރި އިރު ނަގަންޖެހޭ ހުއްދަތައް ދައުލަތުގެ ކަމާ ގުޅޭ އިދާރާއިން ނަގާފައިވާ ނުވާ މައްސަލައިގަ އެވެ.
އެފްއޭއެމުން ބުނީ އެ އިމާރާތް ހެދި އިރު ހައުންސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުން ހުއްދަ ނަގާފައި ނުވާކަމަށް އެ ދެ އިދާރާއިން އެފްއޭއެމަށް އަންގާފައިވާ ކަމަށެވެ.
އެކަމަކު އެ ތުހުމަތު ވެސް އެ ކުންފުނިން ދޮގު ކުރި އެވެ. އޮފިޝަލް ބުނީ އިމާރާތްކޮށްފައި ވަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކުރެހުން ވެސް ފާސްކޮށްގެން ކަމަށެވެ.
އެ ދެ އިދާރާއިން އެހެން ބުނާކަމަށް ވާނަމަ ކުންފުނިން، އެ ދެ އިދާރާއާ މުއާމަލާތް ކުރާނެ ކަމަށް ވެސް ފިއުޗާ ހޯމްސްގެ އޮފިޝަލް ބުންޏެވެ.
"އެކަމުގައި އެ ދެ އިދާރާއާ ކުންފުނިން ވަކިން ވާހަކަ ދައްކާނެ،" ކުންފުނީގެ އޮފިޝަލް ބުންޏެވެ.
އޮފިޝަލް ބުނީ ކުންފުންޏަށް ގެއްލުން ކުރިމަތިވާނެ ގޮތަކަށް ހާލަތު ދިމާވެއްޖެނަމަ، ކުންފުނިން ވެސް ގާނޫނީ ގޮތުން އެ ހައްގު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.