ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ނާފިއުގެ ހެޓްރިކާ އެކު ކުޑަހުވަދޫ އަތުން ޓީސީ އަށް ބޮޑު މޮޅެއް

ޓީސީގެ ކަޅޭ (ކ) ކުޑަހުވަދޫ ކުޅުންތެރިއަކު ކައިރިން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

13 އޯގަސްޓް 2017 - 00:01

4 comments

ދެ ވަނަ ހާފްގައި އަލީ ނާފިއު (ކަޅޭ) ހެދި ހެޓްރިކާ އެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ 6-1 އިން ދ. ކުޑަހުވަދޫ އަތުން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު ޓީސީ ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމު ތިން ވަނައިގައި އޮތީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓާ އެކު ފައިދާ ލަނޑުގެ ތަފާތުންނެވެ.

މިރޭގެ މެޗުގައި ޓީސީން ވަނީ ހުނަރުވެރި މިޑްފީލްޑަރު ނާއިޒު ހަސަން (ދާދު) ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އަދި ސަސްޕެންޝަނަށް ފަހު އަހުމަދު ފައްރާހު (ފައްރަ) އަލުން ޓީމާ ގުޅުނުއިރު، މުހައްމަދު އައްޒާމް އަނިޔާގެ ސަބަބުން މިރޭ ނުކުޅެ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު އެންމެ ފުރަތަމަ ހަމަލާ ފޮނުވާލީ ޓީިސީންނެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި އަހުމަދު ޒާދު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ކަޅޭ ބޮލުން ފޮނުވާލި ބޯޅަ ވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ކުޑަހުވަދޫ އިން ކައުންޓަ އެޓޭކުގައި ނުރައްކާ ކުރަމުންދިޔައިރު މެޗުގެ 11 ވަނަ މިނިޓްގައި އާދަމް ޝަހީމް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

އޭގެ ދެ މިނިޓް ފަހުން ޓީސީ އަށް ލީޑުނަގައިދިނީ ދާދު އެވެ. އެ ޓީމުގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ހުސްކޮށްލާފައި އޭރިއާ ތެރެއިން ދާދު އަށް ދިން ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ޓީސީގެ ލީޑުފުޅާކޮށްދިނީ މެޗުގެ 17 ވަނަ މިނިޓްގައި ސްޓެވާޓް އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ކަޅޭ ބޮލުން ޖެހި ބޯޅައެއް ކުޑަހުވަދޫ ކީޕަރު އަބްދުﷲ ޔަޒީދު އަތުގައި ޖެހިފައި ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ލިބުމުންނެވެ. އޭނާ ބޮލުން ފުރަތަމަ ފަހަރަށް ފޮނުވާލި ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ނުކުތުމުން ދެ ވަނަ ފަހަރު އޭނާ ވަނީ ފައިން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުގެ 33 ވަނަ މިނިޓްގައި ޓީސީން ތިން ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ޓީސީގެ އިބްރާހީމް ވަހީދު (އިއްބެ) އާއި ކަޅޭ ފޮނުވާލި ހަމަލާތައް ކީޕަރު ޔަޒީދު މަތަކުރިއިރު، އޭގެ ފަހުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ކުޑަހުވަދޫ ކުޅުންތެރިން ވަނީ ބޭރުކޮށްލައިފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީގެ ފޭދޫ އިއްބެ (ކ) ކުޑަހުވަދޫ ކީޕަރު ޔަޒީދު ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހާފް ނިމުމުގެ ކުރިން ޓީސީގެ ތިން ވަނަ ލަނޑު ޖެހީ އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ދާދު ނަގައިދިން ބޯޅަ ބެންޖޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ މިނިޓް ތެރޭގައި ކަޅޭ ވަނީ ޓީސީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އޭރިއާ ތެެރެއިން ލިބުނު ބޯޅަ ކަޅޭ ވަނީ ފަސޭހަކަމާ އެކު ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ.

ކުޑަހުވަދޫ އިން ކުޅުން ރަނގަޅުކޮށް މެޗުގެ 57 ވަނަ މިނިޓްގައި ވަނީ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްދިނީ ޝަހީމް އެވެ. އޭރިއާ ތެރެއިން ޝަހީމް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓީސީގެ ފައްރާހު ފައިގައި ޖެހިފައި ހަނި އޭންގަލުންނެވެ.

އޭގެ މިނިޓެއް ފަހުން ޓީސީގެ ފަސް ވަނަ ލަނޑު ޖެހީ ކަޅޭ އެވެ. ކަޅޭ އޭނާގެ ދެ ވަނަ ލަނޑު ޖެހީ އޭރިއާ ތެރެއިން ބޮލުންނެވެ. ކަޅޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 73 ވަނަ މިނިޓްގަ އެވެ. އޭރިއާ ތެރެއިން ކަޅޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޔަޒީދު އަތް ދަށުން ގޮހެވެ.

މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިއީ އުނދަގޫ މެޗަކުން ލިބުނު ބޮޑު މޮޅެއް ކަމަށެވެ.

"ހަގީގަތުގައި މި މެޗުތައް މިއީ އެންމެ ނުރައްކާވާނެ މެޗުތައް. މި ކަހަލަ މެޗުތަކުން ގޯލް ސްކޯރިން އާއި ޕޮއިންޓްތައް ގެއްލެން ވެއްޖިއްޔާ ކުރިއަށްދާން ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ. އެ ހުރިހާ ކަމަކަށް ބަލާފައި މި މެޗުން މި ލިބުނު ތިން ޕޮއިންޓަކީ ވަރަށް ބޮޑު ހިތްވަރެއް،" ނިޒާމްބެ ބުންޏެވެ.

މިރޭގެ މެޗުގައި ހެޓްރިކް ހަދާ މޮޅު ކުޅުންތެރިއާ ކަޅޭ އާއި އަނިޔާ އަށް ފަހު ދާދު ދެއްކި ކުޅުމަށް ނިޒާމްބެ ވަނީ ތައުރީފް ކޮށްފަ އެވެ.

"ކަޅޭގެ ވަރަށް ރަނގަޅު ސްޓާޓެއް މިއީ. ކަޅޭ އެކަންޏެއް ނޫން ދާދު ވެސް ފޯމަކަށް އައިސްފި މި މެޗުން. ހަގީގަތުގައި ކުރިއަށް ކުޅޭ ކުޅުންތެރިންގެ ކޮމްބިނޭޝަން ރަނގަޅުވެ ކުޅުންތެރިންގެ ލަނޑު ގިނަވުމަކީ ކުރިއަށް ހުރި މެޗުތަކަށްދާއިރު ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް،" އޭނާ ބުންޏެވެ.

ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މި ލީގަށް ކުރިމަތިލިއިރު ވެސް ފުރަތަމަ ޑިވިޝަންގެ ޓީމުތަކާ ކުރިމަތިލުމުގައި ދަތިތަކެއް ހުންނާނެކަން އެނގޭ ކަމަށެވެ.

"މި ހުރިހާ ކަމެއް އެނގިގެން މި ޗެލެންޖަށް އަޅުގަނޑުމެން ނުކުތީ. އެނގޭ މި ޓީމުތަކާ ވާދަ ނުކޮށްލެވޭނެކަން. ހަގީގަތުގައި މި މެޗު ގެއްލުނީ ތަޖުރިބާ މަދުގެވެގެން ހެދިފައިހުރި ކުދިކުދި ގޯސްތަކަކުން. ހަގީގަތުގައި ކުޅެން ނޭނގިގެން އެކަހަލަ ކަމެއް ދިމާވެގެނެއް ނޫން،" މޯހަން ބުންޏެވެ.

ކުޑަހުވަދޫ އަކީ މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އައި ޓީމުތަކުގެ ތެރެއިން ބަދަލެއް ނެތި ނުކުތް ހަމައެކަނި ޓީމެވެ.

4 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 46%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަވެސް

13 August 2017

ކުޑަހުވާދޫ ޓީމް ގެ 7 ވަރައް މޮޅު

The name is already taken The name is available. Register?

ވާލުސޮރު

13 August 2017

މަ ހިތަށްއަރާ މިވަރުގެ ޕްރިމިއަރ ލީގެއް "މީހުން ނުވައްދާ" ކުޅޭ އެހެން ގައުނެއް ދުނިޔޭގަ އޮވޭބާވައޭ! މަގޭ މުޅި ހަޔާތުގަވެސް ފުޓުބޯޅައިގެ މިހާ ފޯރި ކުޑަ ދުވަސްވަރެއް ނުދެކެން. 80 ،90 ގެ އަހަރުތަކުގަ 3 ވަނަ ޑިވިޜަންގެ މެޗުތައް ހެނދުނު ކުޅުނުއިރުވެސް ދަނޑު ފަޅުފިލާވަރަށް މީހުންވަދެތިބޭ.

The name is already taken The name is available. Register?

ބަކުރު އެންޑް ޒުބޭރް

13 August 2017

ކުޑަހުވާދޫގެ ހިތްވަރަށް ސާބަސް.

The name is already taken The name is available. Register?

ނިޔާޒް

13 August 2017

މަރުހަބާ ކަޅޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454